ވޯލްޑް ކަޕްގައި ވާދަކުރާ އީރާނުގެ ފުޓްބޯޅަ ޓީމަށް އެމެރިކާގެ ވިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، މުބާރާތުގެ ކުރިން ތަމްރީނުތައް ފުރިހަމަކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޒްލް ޕަސަންދީދޭ ވިދާޅުވެއްޖެއެވެ.
ސަފީރު ވިދާޅުވީ މިކަމުގެ ސަބަބުން އީރާނުން މުބާރާތުގައި ބައިވެރިވަނީ އެހެން ޓީމުތަކާ އެއްވަރުގެ ފުރުސަތުތަކެއް ލިބިގެން ނޫން ކަމަށެވެ.
އީރާނުގެ ޓީމުން ކުރިން ރާވާފައި އޮތީ އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ޓޫސަންގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ވިސާގެ މައްސަލައިގައި މިހާރު ވަނީ މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިހުއާނާއަށް ތަމްރީނު ކޭމްޕް ބަދަލުކޮށްފައެވެ.
މެކްސިކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވަނީ "އުތުރުގައި އޮތް ގައުމު" ނުވަތަ އެމެރިކާއިން ޓީމަށް މަރްޙަބާ ކިޔުމުގެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ސަފީރު ޕަސަންދީދޭ އިތުރަށް ވިދާޅުވީ، "ކުޅުންތެރިންނަށް ވިސާ ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދިވެސް ނޭނގެ،" ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފެބްރުއަރީ 28 ގައި ފެށުނު ހަނގުރާމައިގެ ސަބަބުން ޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތަމްރީނުތައް ކުރިއަށް ނުގެންދެވޭ ކަމަށާއި، މިއީ ބޭއިންސާފު ކަމެއް ކަމަށެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އުއްމީދު ކުރަނީ ކުޅުންތެރިންނަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެ ކަމަށެވެ. މި މައްސަލައިގެ ތެރެއިން، އީރާނުގެ ޑިޕްލޮމެޓުން ވަނީ ޓީމު ތަމްރީނު ކުރަމުންދާ ސްޓޭޑިއަމަށް ޒިޔާރަތްކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން އޮފިޝަލުންނާ މަޝްވަރާކޮށްފައެވެ.
މި މުބާރާތުގައި އީރާނުން ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ އެމެރިކާގެ ލޮސް އެންޖެލެސް އާއި ސިއެޓްލްގައެވެ. އެގޮތުން ޖޫން 16 ގައި ނިއުޒީލެންޑާ ދެކޮޅަށް، ޖޫން 22 ގައި ބެލްޖިއަމާ ދެކޮޅަށް ލޮސް އެންޖެލެސްގައި ކުޅޭއިރު، ޖޫން 27 ގައި މިސްރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ސިއެޓްލްގައެވެ.