ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާގެ ވޯލްޑް ކަޕް ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، ޓީމުގެ ބެންޗުގައި އިންނަން ޖެހުނު ނަމަވެސް އޭނާ އެކަމަށް އެއްބަސްވާނެ ކަމަށް ބްރެޒިލް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ބުނެފިއެވެ.
އަނިޔާގެ ސަބަބުން 2023 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމާ ދުރުގައި ހުރި ނޭމާ، ކުރިއަށް އޮތް ވޯލްޑް ކަޕް މުބާރާތުގައި ބައިވެރިކުރުމާ މެދު ކޯޗު ކާލޯ އަންޗެލޮޓީ އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި ކަސެމީރޯ ބުނީ ނޭމާއަކީ ދުވަހަކުވެސް ޓީމުގެ އެންމެ މުހިންމު ތަރިއަށް ވާން މަސައްކަތް ކުރި ކުޅުންތެރިއެއް ނޫން ކަމަށެވެ.
ނޭމާގެ އުމުރާއި ތަޖުރިބާއަށް ބަލާއިރު އޭނާއަކީ ޓީމުގެ ކެޕްޓަނަކަށް ވުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެއް. އެކަމަކު އޭނާ ދުވަހަކުވެސް އެފަދަ ކަންކަމާ ވިސްނާފައެއް ނުވޭ. އޭނާ އަބަދުވެސް ބުނަނީ ބޯޅަ އަހަންނަށް ދޭށޭ، އަހަރެމެން ދަނޑުމަތީގައި އުފާކޮށްލާފައި ކުޅެލަމާ ހިނގާށޭ،" ކަސެމީރޯ ބުންޏެވެ.
ކަސެމީރޯ އިތުރަށް ބުނި ގޮތުގައި އަންޗެލޮޓީ ނޭމާ ގާތު ބެންޗުގައި މަޑުކޮށްލަން ފުރުސަތު ދިނުމަށް އެދުނު ނަމަވެސް، ވޯލްޑް ކަޕެއްގައި ކުޅުމުގެ ބޭނުމުގައި އޭނާ އެކަން ގަބޫލުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. އަދި ނޭމާއަކީ އަބަދުވެސް ދަނޑުމަތީގައި މަޖާކޮށްލައިގެން ކުޅެން ބޭނުންވާ ކުޅުންތެރިއެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ބްރެޒިލް ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީއަށް ތައުރީފު ކުރަމުން ކަސެމީރޯ ބުނީ، ނޭމާ ފަދަ ބޮޑެތި ތަރިންނާއި، އަނިޔާގެ މައްސަލަތައް ކުރިމަތިވެފައިވާ ކުޅުންތެރިން މެނޭޖުކުރުމަށް އަންޗެލޮޓީއަށް ވުރެ ވަކި މޮޅު ކޯޗެއް ދުނިޔޭގައި ނެތް ކަމަށެވެ. ރެއާލް މެޑްރިޑާއި އޭސީ މިލާންގައި އަންޗެލޮޓީ ވަނީ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ގޮތް ދައްކުވައިދީފައެވެ.
"އަހަރެން ދެކޭގޮތުގައި މިއީ ހަމައެކަނި ވާހަކަދައްކައިގެން ހައްލުކުރެވޭނެ ކަމެއް. ކޯޗު ނޭމާ ގާތު ބުނެފާނެ ހުރިހާ މެޗެއްގައި ނުކުޅެވުނަސް، ވަކި މެޗެއްގެ ފަހު 20 ނުވަތަ 30 މިނެޓުގައި އޭނާގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެ ކަމަށް. އަންޗެލޮޓީ ނިންމާ ކޮންމެ ނިންމުމަކީ މުޅި ޓީމަށް އެންމެ ފައިދާހުރި ގޮތް ކަމަށް އަހަރެން ގަބޫލުކުރަން،" ކަސެމީރޯ އިތުރަށް ބުންޏެވެ.
ނޭމާގެ ގައުމީ ޓީމުގެ މުސްތަގުބަލާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލުކުރެވޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ކަސެމީރޯ ބުނީ، ނޭމާއަކީ އޭނާގެ ގާތް އެކުވެރިއެއް ކަމަށާއި އޭނާގެ ހުނަރާ މެދު އެއްވެސް ޝައްކެއް ނެތް އަދި ސުވާލެއް ވެސް ކަމަށެވެ. ނޭމާގެ ފިޓްނަސް މައްސަލަތަކާ ހުރެ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ނަމަވެސް، އޭނާގެ ތަޖުރިބާއަކީ ބްރެޒިލް ޓީމަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމަށް ކަސެމީރޯ ގަބޫލުކުރެއެވެ.
ނޭމާ އަކީ ބްރެޒިލްގައި ވެސް އުފެދުނު އަދި މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށް ވާއިރު، ނޭމާ އަކީ އަނިޔާގެ އެންމެ ގޯސް ރެކޯޑެއް އޮތް އެއް ކުޅުންތެރިޔާއެވެ.
2013 ވަނަ އަހަރުން ފެށިގެން އޭނާއަށް 40 އަށްވުރެ ގިނަ ތަފާތު އަނިޔާތައް ލިބި، 1,400 އަށްވުރެ ގިނަ ދުވަސް ކުޅުމާ ދުރުގައި ހޭދަކުރަން ޖެހިފައިވެއެވެ. މީގެ ސަބަބުން ކްލަބަށާއި ގައުމީ ޓީމަށް ކުޅެދޭންޖެހޭ 250 އަށްވުރެ ގިނަ މެޗު އޭނާއަށް ވަނީ ގެއްލިފައެވެ.
މި އަހަރުގެ މެއި މަހުގެ ކުރީކޮޅާ ހަމައަށް އައިއިރު، މި އަހަރުގެ ވޯލްޑް ކަޕަށް ނޭމާގެ ފިޓްނަސް ހުރި މިންވަރާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް، އޭނާއަށް ފުރުސަތު ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފައިވަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އޭނާގެ ފިޓްނެސް ލެވެލް ރަނގަޅުވެ ވޯލްޑް ކަޕުގައި ކުޅެވޭނެ ކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. ސަންތޯސްއަށް އެނބުރި އައިސް ކުޅެ، ލަނޑު ޖަހާފައިވީ ނަމަވެސް، ކުރީގެ އަނިޔާތަކާ ގުޅިގެން ދިމާވަމުންދާ ފިޓްނަސް މައްސަލަތަކުގެ ސަބަބުން އޭނާ ޓީމުގައި ހިމެނުމާ މެދު ވަނީ ގޮތެއް ނިންމަން އުނދަގޫވެފައެވެ.
ކޯޗު އަންޗެލޮޓީ ބުނެފައިވާ ގޮތުން އޭނާ ޓީމަށް ނަގާނީ ހުރިހާގޮތަކުން ވެސް 100 އިންސައްތަ ފިޓްކޮށް ތިބި ކުޅުންތެރިން އެކަނި ކަމަށެވެ. އަދި ހަމައެކަނި ނަމަކަށް ނުވަތަ މަޝްހޫރުކަމަށް ބަލާފައި ނޭމާއަށް ޖާގައެއް ކަށަވަރު ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް އަދިވެސް ނޭމާއަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ނުގެއްލެއެވެ.