ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަންޖޭ ދަތު މުހިންމު ރޯލެއް ކުޅެފައިވާ ފިލްމު "އާޚިރީ ސަވާލް"އަށް ސެންސަރު މައްސަލަތަކެއް ކުރިމަތިވެ ފިލްމު ރިލީޒްކުރަން އޮތް ތާރީޚުގައި ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ވެސް މި މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކުގައި ދެއްކުމަށް ކުރިން ތާވަލުކުރި "އާޚިރީ ސަވާލް" ރިލީޒްކުރާ ތާރީޚަށް ބަދަލު ގެންނަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ ވިސްނަމުންނެވެ.
މި ފިލްމު ރިލީޒްކުރަން އޮތް ތާރީޚު ބަދަލުކުރުމާ މެދު ވިސްނަންޖެހުނީ، ސެންސަރު ބޯޑުގެ ހުއްދަ ލިބުމުގައި ދިމާވި މައްސަލަތަކަކާ ހުރެ، ތާވަލުކުރި ތާރީޚުގައި ފިލްމު ރިލީޒްނުކުރެވޭނެ ކަމަށް ބެލެވުމުންނެވެ.
މި ފިލްމުގެ ޓްރެއިލާއަށް ވެސް ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ)އިން އަދި ހުއްދަ ދީފައި ނުވާކަން މިދިޔަ ހަފުތާގައި ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ފިލްމެކޭ އެއްފަދައިން، އޭގެ ޓްރެއިލާ ވެސް އަދި އޮތީ ސެންސަރު ބޯޑުގެ ހުއްދައިގެ އިންތިޒާރުގައެވެ.

ފިލްމު "އާޚިރީ ސަވާލު"ގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/ބޮލީވުޑްހަންގާމާ
ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ މައުޟޫޢާއި އޭގެ ވާހަކަ ބިނާވެފައިވާ ގޮތުން ސެންސަރު ބޯޑުގެ މެންބަރުން އަންނަނީ ވަރަށް ބޮޑަށް އެކަމާ މަޝްވަރާ ކުރަމުންނެވެ. ފިލްމު އުފެއްދި ފަރާތްތަކުން ސެންސަރު ބޯޑުގެ ކޮމިޓީއަށް ބުނެފައި ވަނީ، މިއީ ތާރީޚީ ހާދިސާތަކާއި ރެކޯޑްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށާއި، އެހެންކަމުން ފިލްމު ދެއްކުމުގެ ހުއްދަ ލިބެންޖެހޭނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ކުރެވޭ މަޝްވަރާތަކަށް ގިނަ ވަގުތުތަކެއް ހޭދަވަމުންދާތީ، ފިލްމު ރިލީޒްކުރުން ފަސްކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް އުފެއްދުންތެރިންނަށް މިހާރު ވަނީ ފެނިފައެވެ.
އިތުރު މަޢުލޫމާތު ލިބޭ ގޮތުގައި، އުފެއްދުންތެރިން މިހާރު ވިސްނަމުންދަނީ މެއި މަހުގެ 15 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށެވެ. ނަމަވެސް މިއީ ވެސް ސެންސަރު ބޯޑުގެ ހުއްދަ ވަގުތަށް ލިބުމުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލެވުމުން، ވަރަށް އަވަހަށް މިކަމާ ގުޅޭ ރަސްމީ އިޢުލާނެއް ސަންޖޭ ވަރަށް ވަރުގަދަ ކެރެކްޓާއަކުން ދައްކާލާނެ ފިލްމު "އާޚިރީ ސަވާލް"ގެ ޓީމުން ވަނީ ބުނެފައެވެ.
ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ "ޕިކާސޯ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރު އަބީޖީތު މޯހަން ވަރަންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ތަފާތު ޖީލުތަކުގެ ފުންނާބު އުސް ތަރިންތަކެއް ފެނިގެންދާނެއެވެ. ސަންޖޭ ދަތުގެ އިތުރުން، މި ފިލްމުގެ ކާސްޓުގައި ނަމާޝީ ޗަކްރަބޯޓީ، އަމިތު ސާދު، ސަމީރާ ރެޑީ، ނީތޫ ޗަންދްރާ، ތްރިދާ ޗައުދަރީ، މްރިނާލް ކުލްކަރުނީ، ނިކިލް ނަންދާ، އަރްޗަނާ އައްޔަރު އަދި ބިޕިން ނަދުކަރްނީ ހިމެނެއެވެ.
ނިކިލް ނަންދާ މޯޝަން ޕިކްޗާސް އާއި ނީމް ޓްރީ އެންޓަޓައިންމަންޓް ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ ނިކިލް ނަންދާ އާއި ސަންޖޭ ދަތު ޕްރޮޑިއުސްކުރި ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ، ސްކްރިޕްޓް އަދި ޑައިލޮގްތައް ލިޔެފައި ވަނީ އުތްކަރްޝް ނައިތާނީއެވެ.
މި ފިލްމު ރިލީޒްކުރުން މި މަހުގެ 15 ވަނަ ދުވަހަށް ތާވަލުކުރުމަށް ވިސްނަމުންދާއިރު ފާހަގަކޮށްލެވޭ ކަމަކީ އެ ތާރީޚަކީ އެންމެ ފުރަތަމަ ވެސް ފިލްމު ސިނަމާތަކަށް ގެންނަ ނިންމި ތާރީޚު ކަމެވެ.