ސިރީ ވޮއިސް އެސިސްޓެންޓަށް ގެންނަން ނިންމި އޭއައި ފީޗާތައް ވައުދުވި މުއްދަތަށް ނުނެރުމުން، ހިއްސާދާރުން އުފުލި ދައުވާތަކުން ސަލާމަތްވުމަށް އެޕަލްއިން 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ނިންމައިފިއެވެ.
މިއީ އެޕަލްގެ އައު އޭއައި ހިދުމަތްތައް ލަސްވުމުގެ ސަބަބުން ކުންފުނީގެ ހިއްސާގެ އަގަށް އައި ބަދަލުތަކުން އިންވެސްޓަރުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލުގައި ދޭން އެއްބަސްވި ފައިސާއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރު ބޭއްވި އެޕަލްގެ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސްގައި، އެ އަހަރު ނެރުނު އައު އައިފޯންތަކާއެކު ސިރީގެ ވަރުގަދަ އޭއައި އަޕްގްރޭޑްތަކެއް ލިބޭނެ ކަމަށް ބުނެ އިޝްތިހާރު ކުރުމަށްފަހު، އައިފޯންތައް ބާޒާރަށް ނެރުނުއިރު އެ ފީޗާތައް ހިމަނާފައި ނުވުމުން ހުށަހެޅި މައްސަލައެކެވެ.
ޕީޓަރ ލޭންޑްޝެފްޓް ނަމަކަށް ކިޔާ މީހަކު ކެލިފޯނިއާގެ ފެޑަރަލް ކޯޓަށް ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، އެޕަލްގެ މި ވައުދުގެ ސަބަބުން އިންވެސްޓަރުންނަށް އޮޅުންތަކެއް އަރައި ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ބޮޑު އަދަދެއް ދޭން އެޕަލް އިން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.
އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ ފީޗާއެއް ލަސްވުމާ ގުޅިގެން ކުރި މި ދައުވާ ހައްލުކުރަން ނިންމީ ގާނޫނީ ގޮތުން ދިގުލައިގެންދާނެ މަރުހަލާތަކުން ސަލާމަތްވެ، ކުންފުނީގެ މައިގަނޑު މަސައްކަތް ކަމަށްވާ އައު އުފެއްދުންތަކާއި އޭއައި މަޝްރޫއުތަކަށް އިސްކަންދިނުމުގެ ގޮތުން ކަމަށެވެ.
ކުންފުނީގެ އިސްވެރިން މިހާރު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސިރީގެ އޭއައި އަށް އަންނަ ބޮޑު ބަދަލު ދައްކާލާނީ އަންނަ މަހު ބާއްވާ އެޕަލްގެ އަހަރީ ޑިވެލޮޕަރުންގެ ކޮންފަރެންސްގައެވެ.
އެޕަލްގެ މި އެއްބަސްވުން ފުރިހަމަވާނީ ކޯޓުގެ ފަނޑިޔާރަކު އެކަން ފާސްކުރުމުންނެވެ.
އެޕަލް އިން 'އެޕަލް އިންޓެލިޖެންސް' ތައާރަފުކުރަން ނިންމީ، މައިކްރޯސޮފްޓް އާއި ގޫގުލް ފަދަ ކުންފުނިތަކުން އޭއައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ބާޒާރުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަން ފެށުމުންނެވެ.
ސިރީއަކީ މީގެ އަހަރުތަކެއް ކުރިން ދުނިޔެއަށް ތައާރަފުވި ފުރަތަމަ ޑިޖިޓަލް އެސިސްޓެންޓް ކަމަށް ވިޔަސް، އޭއައިގެ ޒަމާނީ ފީޗާތަކުގައި އެޕަލް އޮތީ އެހެން ކުންފުނިތަކަށް ވުރެ ފަހަތުގައެވެ.
މި މައްސަލައިގައި ހިއްސާދާރުން ކަންބޮޑުވުން ފާޅުކުރީ، އެޕަލް އިން އޭއައި ފީޗާތައް ނެރުން ލަސްވުމަކީ ވާދަވެރި ޓެކްނޮލޮޖީގެ ބާޒާރުގައި އެޕަލްގެ މަގުބޫލުކަން ކުޑަވެ، ކުންފުނީގެ މާލީ ކުރިމަގަށް އޮތް ނުރައްކަލެއްގެ ގޮތުގައި ފެންނާތީއެވެ.
މިހާރު އެޕަލް އިން މަސައްކަތް ކުރަމުންދަނީ އޯޕަން އޭއައި ފަދަ ކުންފުނިތަކާ ގުޅިގެން ސިރީއަކީ އިންސާނުންނާ އެއްވަރަށް މުއާމަލާތް ކުރެވޭނެ ފަދަ އިންޓެލިޖެންޓް އެސިސްޓެންޓަކަށް ހެދުމަށެވެ.