ޓެކްނޮލޮޖީ ދާއިރާގެ ގަދަބާރު އެޕަލް ކުންފުނިން އައިފޯނާއި، އެޕަލް ވޮޗް އަދި އެއާޕޮޑްސް ފިޔަވައި އެހެން ހުރިހާ އުފެއްދުންތަކެއްގެ އަގުތައް ބޮޑުކޮށްފިއެވެ.
މި ބަދަލާއެކު މެކްބުކް، އައިޕެޑް، ހޯމްޕޮޑް، އެޕަލް ޓީވީ އަދި އެންމެ ފަހުގެ ވިޜަން ޕްރޯގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
އެޕަލް ކުންފުނިން މިފަދަ ނިންމުމެއް ނިންމަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ރޭމް ނުވަތަ މެމޮރީ ޗިޕްތަކުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެންނެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި މިއީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައިވެސް މެމޮރީގެ ބާޒާރަށް އައި އެންމެ ބޮޑު ލޮޅުމެވެ. އަދި މިއީ ކޮންމެހެން ކުރަންޖެހުނު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
މި ބަދަލުތަކުގެ ދަށުން އެޕަލްގެ ލެޕްޓޮޕްތަކުގެ އަގަށް ވަނީ 100 ޑޮލަރާއި 300 ޑޮލަރާ ދެމެދުގެ އިތުރުވުމެއް އައިސްފައެވެ. އެގޮތުން އާންމުންގެ މެދުގައި މަގުބޫލު މެކްބުކް ނިއޯގެ އަގު 700 ޑޮލަރަށް އުފުލިފައިވާއިރު، އެމް5 ޗިޕް ހިމެނޭ މެކްބުކް އެއާގެ އަގު ވަނީ 1،300 ޑޮލަރަށް ބޮޑުވެފައެވެ. މީގެ އިތުރުން 14 އިންޗީގެ މެކްބުކް ޕްރޯގެ އަގު މިހާރު ފެށެނީ 2،000 ޑޮލަރަށެވެ.
މެކް ކޮމްޕިއުޓަރުތަކުގެ ބާޒާރަށް ބަލާއިރު، އެމް4 އައިމެކްގެ އަގު 1،500 ޑޮލަރަށް ބޮޑުވެފައިވާއިރު، މެކް މިނީގެ އަގު ވަނީ 800 ޑޮލަރަށް މަތިވެފައެވެ. އަދި އެޕަލްގެ އެންމެ ބާރުގަދަ ކޮމްޕިއުޓަރު ކަމަށްވާ މެކް ސްޓޫޑިއޯގެ އަގު ވަނީ 500 ޑޮލަރު ބޮޑުވެ، 2،500 ޑޮލަރަށް އަރާފައެވެ.
އެޕަލްގެ އައިޕެޑް ލައިނަޕަށް ބަލާއިރު، އާދައިގެ އައިޕެޑްގެ އަގު 450 ޑޮލަރަށް އަދި އައިޕެޑް މިނީގެ އަގު 600 ޑޮލަރަށް ވަނީ މަތިވެފައެވެ. މީގެ އިތުރުން ދާދި ފަހުން ނިކުތް އެމް4 އައިޕެޑް އެއާގެ އަގު 750 ޑޮލަރަށް އަރާފައިވާއިރު، އެމް5 އައިޕެޑް ޕްރޯގެ އަގު މިހާރު އުޅެނީ 1،200 ޑޮލަރަށެވެ.
ސްމާޓް ހޯމް ޑިވައިސްތަކުގެ ތެރެއިން ހޯމްޕޮޑް މިނީގެ އަގު 130 ޑޮލަރަށް، އަދި އެޕަލް ޓީވީ 4ކޭ ގެ އަގު 200 ޑޮލަރަށް ވަނީ ބޮޑުވެފައެވެ. އަދި އެޕަލްގެ އެންމެ އަގުބޮޑު އެއް އުފެއްދުން ކަމަށްވާ އެޕަލް ވިޜަން ޕްރޯ ހެޑްސެޓްގެ އަގަށް 200 ޑޮލަރު އިތުރުވެ، މިހާރު އޭގެ އަގު ވަނީ 3،700 ޑޮލަރަށް އަރާފައެވެ.