އައިއޯއެސް 27 އާއެކު އަންނަ ސިރީގައި، ތިންވަނަ ފަރާތްތަކުގެ އޭއައި ބޭނުންކުރެވޭނެ

މި އައު އަޕްޑޭޓާއެކު، ސިރީއަށް ހާއްސަ ވަކި އެޕްލިކޭޝަނެއް ތައާރަފްކުރާނެ ---

އެޕަލް އިން ތައްޔާރުވަމުންދާ އައިއޯއެސް 27 އާއެކު، އެ ކުންފުނީގެ ވަޗުއަލް އެސިސްޓަންޓް ސިރީ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ. މީގެ ތެރޭގައި ތިންވަނަ ފަރާތްތަކުގެ އޭއައި ޗެޓްބޮޓްތައް ސިރީއާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ކުރީގެ ޗެޓް ހިސްޓްރީ ބެލޭނެ ގޮތާއި، ޓެކްސްޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ އާ ފީޗާތައް ތައާރަފްކުރެވޭނެއެވެ.

  • ސިރީއަށް ޓެކްސްޓް މެދުވެރިކޮށް މުއާމަލާތް ކުރެވޭނެ އާ ގާބިލުކަން ލިބޭނެ
  • ތިންވަނަ ފަރާތްތަކުގެ އޭއައި ޗެޓްބޮޓްތައް ސިރީއާ ގުޅުވޭނެ
  • އެޕް ސްޓޯރުގައި އެކްސްޓެންޝަންތަކަށް ހާއްސަ ސެކްޝަނެއް ހެދޭނެ
  • ކުރީގެ ޗެޓް ހިސްޓްރީ ބަލާލެވޭނެ އާ ފީޗާއެއް ތައާރަފްކުރެވޭނެ

އެޕަލްގެ އައިއޯއެސް 27 އާއެކު، އެކުންފުނީގެ ވަޗުއަލް އެސިސްޓަންޓް "ސިރީ" އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގާމަން ރިޕޯޓްކޮށްފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ޖޫން މަހު ބާއްވާ އެޕަލްގެ އަހަރީ ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ 2026) ގައި ތައާރަފްކުރާ މި އައު އަޕްޑޭޓާއެކު، ސިރީއަށް ހާއްސަ ވަކި އެޕްލިކޭޝަނެއް ތައާރަފްކުރާނެއެވެ. މިއީ އައިފޯން، އައިޕޭޑް އަދި މެކް ކޮމްޕިއުޓަރުތަކުގައިވެސް ބޭނުންކުރެވޭނެ އެޕެކެވެ.

މި އައު އެޕްގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މިހާރު ސިރީ ބޭނުންކުރާއިރު ކުރީގެ މުއާމަލާތްތައް ނުފެންނަ މައްސަލައަށް ހައްލެއް ލިބިގެންދިއުމެވެ. އައު އެޕްގައި ކުރީގެ 'ޗެޓް ހިސްޓްރީ' ބަލާލެވޭނެއެވެ. އަދި އަޑުގެ އިތުރުން ޓެކްސްޓް ނުވަތަ ލިޔެގެންވެސް ސިރީއާ މުއާމަލާތް ކުރެވޭނެއެވެ.

https://sun.mv/218666

މީގެ އިތުރުން، އެޕަލްއިން ވަނީ 'އެކްސްޓެންޝަން' ތަކެއްގެ އެހީގައި ތިންވަނަ ފަރާތްތަކުގެ އޭއައި ޗެޓްބޮޓްތައް ސިރީއާ ގުޅާލުމުގެ ފުރުސަތު ދިނުމަށް ނިންމާފައެވެ. މީގެ ސަބަބުން، ގޫގުލްގެ ޖެމިނި، ކްލޯޑް އަދި ޗެޓްޖީޕީޓީ ފަދަ ޚިދުމަތްތައް ސިރީގެ ތެރެއިން ސީދާ ބޭނުންކުރެވޭނެއެވެ.

މިފަދަ އެކްސްޓެންޝަންތައް ހިމެނޭ އެޕްލިކޭޝަންތައް ފަސޭހައިން ހޯދުމަށްޓަކައި އެޕް ސްޓޯރުގައި ހާއްސަ ސެކްޝަނެއްވެސް އެޕަލްއިން ގާއިމުކުރާނެއެވެ.

މި ބަދަލާއެކު، އެޕްތަކުން ކުރާ ވިޔަފާރިތަކުން އެޕަލްއަށް 30 އިންސައްތަ ކޮމިޝަން ލިބޭނެތީ، މިއީ އެކުންފުންޏަށް މާލީގޮތުންވެސް ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

އައިއޯއެސް 27 އާއެކު އައިޕޭޑް އޯއެސް 27 އަދި މެކް އޯއެސް 27 ވެސް މި ކޮންފަރެންސްގައި ދައްކާލާނެ ކަމަށް ބެލެވެއެވެ. ސިރީއަށް މިފަދަ ބޮޑު ބަދަލެއް މި އަންނަނީ ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހުގައެވެ.

ސިރީއަކީ 2011 ވަނަ އަހަރު އައިފޯން 4އެސް އާއެކު އެޕަލްއިން ތައާރަފްކުރި ވަޗުއަލް އެސިސްޓަންޓެކެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ޖެމިނި ފަދަ ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީތައް ކުރިއަރައިގެން ދިޔައިރު، ސިރީ އޮތީ އެކަށީގެންވާ ބަދަލުތަކެއް ނައިސް ފަހަތުގައެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެޕަލްއިން ވަނީ "އެޕަލް އިންޓެލިޖެންސް" ގެ ނަމުގައި އަމިއްލަ އޭއައި ސިސްޓަމެއް ބިނާކޮށް، ސިރީއަކީ ހަމައެކަނި އާދައިގެ ކަންކަމަށް އެހީތެރިވެދޭ ވަސީލަތެއްގެ ބަދަލުގައި، ފުރިހަމަ އޭއައި އެސިސްޓަންޓަކަށް ހެދުމުގެ މަސައްކަތް ފަށާފައެވެ.

އައިއޯއެސް 27 އަށް މި ގެންނަ ބަދަލުތަކަކީ ސިރީގެ ގާބިލުކަން އިތުރުކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެހެން އޭއައި މޮޑެލްތަކާ އެއްވަރަށް ސިރީ ތަރައްގީކުރުމަށް އެޕަލްއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް