ހަނގުރާމައިގެ ސަބަބުން ވޯލްޑް ކަޕުން ފެނިދާނެ ކަމާމެދު ބޮޑެތި ސުވާލުއުފެދިފައި ވަނިކޮށް އީރާނުން މުޅި ދުނިޔެއަށް ވަރުގަދަ ސަޕްރައިޒެއް ދީފިއެވެ.
އެ ޓީމުން ދުނިޔެއަށް ދިން ސަޕްރައިޒަކީ ވޯލްޑް ކަަޕަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ވަރުގަދައަށް ފަރިތަކުރުންތައް ފަށާފައިވާކަން މުޅި ދުނިޔެއަށް ދައްކާލުމެވެ.

އީރާނުގެ ގައުމީ ޓީމުން ކުރިއަށްގެންދިއަ ފަރިތަކުރުންތަކުގެ ތެރެއިން. [ފައިލް: އުމިތު ބެކްތާސް/ރޮއިޓާސް]
ޓީމް މެއްލީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުޅުންތެރިން ދަނީ މުބާރާތުގައި ބޭނުންކުރާނެ ހޯމް ކިޓާއެކު ފޮޓޯޝޫޓްތަކެއް ކުރިއަށް ގެންދަމުންނެވެ.
އީރާނުގެ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އަލީރޭޒާ ބޭރަންވަންދު އަދި ވިންގަރ މިލާދު މުހައްމަދީ އާ ކިޓްގައި ތިބި ފޮޓޯތަކެއް ވަނީ އާންމުކޮށްފައެވެ.
އީރާނުގެ ފަރިތަކުރުންތައް މިހާރު ކުރިއަށްދަނީ އެ ގައުމުގެ ސިއްރު މަރުކަޒެއްގައެވެ. މީގެ އިތުރުން، ވޯލްޑް ކަޕްގެ ކުރިން ތިން އެކުވެރިކަމުގެ މެޗު ކުޅުމަށް ތުރުކީއަށް ދަތުރުކުރުމުގެ ކުރިން އީރާނުގައި ކުރިއަށްދާ ތަމްރީނުތަކުގެ ފޮޓޯތައް ވެސް ވަނީ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
އީރާނު ހިމެނެނީ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައެވެ. މި ގްރޫޕްގެ ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގައި އީރާނުގެ ބައިވެރިވުމާމެދު ކުރިން ސުވާލު އުފެދުނު ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ އީރާނުން އެމެރިކާގައި މެޗުތައް ކުޅޭނެކަން ކަށަވަރުކޮށްދެއްވާފައެވެ.

އީރާނުގެ ގައުމީ ޓީމުން ކުރިއަށްގެންދިއަ ފަރިތަކުރުންތަކުގެ ތެރެއިން. [ފައިލް: އުމިތު ބެކްތާސް/ރޮއިޓާސް]
"އީރާނުން މިފަހަރުގެ ވޯލްޑް ކަޕް ގައި ބައިވެރިވާނެ. އަދި ހަމަގައިމުވެސް އީރާނުން މެޗުތައް ކުޅޭނީ އެމެރިކާގައި،" އިންފަންޓީނޯ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނުގެ ޓީމު އެ ގައުމުގައި ކުޅުމާމެދު އިއުތިރާޒެއް ނެތްކަން ހާމަކުރައްވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ޓީމު އެމެރިކާއަށް އައިސް މުބާރާތުގައި ކުޅުމަކުން، އޭނާގެ މައްސަލައެއް ނެތް ކަމަށާއި، އެމީހުން މިނިވަންކަމާއި އެކު ކުޅެވޭނޭ ކަމަށެވެ.
ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން އެސިސްޓަންޓް ކޯޗު ސައީދު އަލްހޯއީ ވިދާޅުވީ، ތައްޔާރުވުމުގެ ފުރަތަމަ މަރުހަލާ ނިމޭނީ ބުދަ ދުވަހު ކުޅޭ އެތެރޭގެ މެޗަކަށްފަހު ކަމަށެވެ. މި މެޗުގައި ކުޅުންތެރިން ބޭނުންކުރާނީ ރަސްމީ މެޗު ކިޓްތައް ކަމަށާއި، މުބާރާތުގެ މާހައުލު ތަޖުރިބާކުރުމަށްޓަކައި ބައިނަލްއަގުވާމީ ރެފްރީންނާއި ވީއޭއާރު ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ގައުމީ ޓީމު ތުރުކީއަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެއީ މުބާރާތަށް އެމެރިކާއަށް ދަތުރުކުރުމުގެ ކުރިން ކުރިއަށްގެންދާ ފަހު މަރުހަލާގެ ތަމްރީނުތަކަށެވެ.
އުތުރު އެމެރިކާގެ ތިން ގައުމެއްގައި ބާއްވާ ވޯލްޑް ކަޕް ފަށާނީ އަންނަ ޖޫން މަހުގެ 11 ގައިއެވެ. މި މުބާރާތުގައި 48 ޓީމު ވާދަކުރާނެއެވެ.