ވޮޝިންޓަން (19 ސެޕްޓެމްބަރު 2026) : ރަޝިއާ އާއި އީރާން އާ ދެކޮޅަށް ވަރަށް ފުޅާދާއިރާއެއްގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކޮންގްރެސް އިން ފާސްކުރި ގާނޫނެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައި އެގާނޫނު ތަސްދީގު ކުރައްވައިފިއެވެ.
"ގްރަހަމްސް އެކްޓް" ގެ ނަމުން ނަންދީފައިވާ މިގާނޫނު ބިނާކޮށްފައިވަނީ ރަޝިއާގެ ތިން ސެކްޓަރެއް އިނދަޖައްސާލުމަށެވެ. އެއީ ހަކަތައާބެހޭ ސެކްޓަރާއި ދިފާއާއި ހަތިޔާރާބެހޭ ސެކްޓަރު އަދި ބޭންކިންގް ސެކްޓަރެވެ. ޚާއްސަކޮށް ރަޝިއާގެ ތެޔޮ ވިއްކުމަށް ބޭނުންކުރާ "ޝެޑޯ ފްލީޓް" ގެ ހަރަކާތްތައް ހުއްޓުވާލުމަކީ މި ގާނޫނުގެ މައިގަނޑު އަމާޒެވެ.
އެމެރިކާ ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ދުނިޔޭގެ ބާޒާރުގައި ރަޝިއާގެ ތެޔޮ ވިއްކުމުގެ މައިގަނޑު ފްލީޓަކީ އެތައް ސަތޭކަ ޓޭންކަރެއް ހިމެނޭ މި ޝެޑޯ ފްލީޓެވެ. މި ފްލީޓަށް ހުރަސްއެޅުމާއި އެފްލީޓުގައި ހިމެނޭ ތެޔޮޓޭންކަރުތައް މާކަނޑުތަކުން އަތުލައިގަތުން ފަދަ ކަނޑުފޭރުމުގެ އަމަލުތައް ހިންގުންވެސް އެމެރިކާ ސަރުކާރު ބޭނުންވާނަމަ މިގާނޫނުގައި އެކަން އެމެރިކާ ސަރުކާރަށް ހުއްދަކޮށްފައިވެއެވެ.
ނަމަވެސް ރަޝިއާ ފަދަ ގައުމެއްގެ އުޅަނދަކަށް މިގޮތަށް ކުޑަވެސް ގޯނާއެއް ކޮށްލުމަކީ އަމަލީގޮތުން އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ނޫންކަމަށް ވަނީ ބެލެވިފައެވެ. މިގާނޫނު ސެނެޓުން ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ދާދިފަހުން ކުއްލި ގޮތަކަށް މަރުވި އެމެރިކާގެ ޒަޔަނިސްޓް ފިކުރުގެ ހައްދު ފަހަނަޅާފައިވާ ސެނެޓަރެއް ކަމަށްވާ ލެންޑްސީ ގްރަހަމް އަށް ނިސްބަތްވާ މިގާނޫނު، އެމެރިކާ ސަރުކާރަށް ބާރުއަޅާފައިވަނީ ރަޝިއާގެ ތެލާއި ގޭސް ގަންނަ ގައުމުތަކުގެ އުފެއްދުންތަކުން ސައްތައިން އިންސައްތަ ޓެރިފް ގެ ފިޔަވަޅުތައް އެޅުމަށެވެ.
ރަޝިއާގެ ތެޔޮ އެންމެ ގިނައިން ގަންނަ ދެގައުމަކީ ޗައިނާއާއި އިންޑިއާ އެވެ. މިދެގައުމުގެ ތެރެއިން އިންޑިއާ އާ ދެކޮޅަށް ސައްތައިން ސައްތަ ޓެރިފް ގެ ފިޔަވަޅުތައް އަޅަން ފަހަރެއްގައި އެމެރިކާއަށް ކެރުނުނަމަވެސް ޗައިނާއާ ދެކޮޅަށް މިފަދަ ފިޔަވަޅުތަކެއް އެޅުމަކީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ އިންޑިއާ އާ ޚިލާފަށް ޗައިނާއަކީ އެމެރިކާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހިލުންނުވާ ގައުމަކަށްވާތީއެވެ.
މިދިޔަ އަހަރު އެމެރިކާއިން ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް 50 އިންސައްތައަށް ޓެރިފްގެ ފިޔަވަޅުތައް އެޅިއެވެ. މިފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން ޗައިނާ އެމެރިކާގެ ބައެއް ތަކެތި ގަތުން ހުއްޓާލިއެވެ. އަދި ޗައިނާ އެމެރިކާއިން ގަންނަ މުދަލާ ދެކޮޅަށް 70 އިންސައްތަ ޓެރިފް ގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ޗައިނާ އެމެރިކާއަށް ފޯރުކޮށްދެމުން ގެންދިޔަ ގުދުރަތީ ނާދިރު މައުދަންތައް ފޯރުކޮށްދިނުން ހުއްޓާލިއެވެ.
ނަތީޖާއަކަށްވީ މިފިޔަވަޅުތަކަށް ކެތްނުވެގެން އެމެރިކާވަނީ ޗައިނާއާ ދެކޮޅަށް އެޅި ޓެރިފްގެ ބައެއް ފިޔަވަޅުތައް އުވާލައި އަނެއްބައި ޓެރިފް 10 އިންސައްތައަށް ކުޑަކުރަން އެމެރިކާއަށް މަޖުބޫރުވުމެވެ. މިފަހަރުވެސް ޗައިނާގެ މުދަލާދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އަޅައިފިނަމަ އެމެރިކާގެ ހައިޓެކް ސިނާއަތަށް ބޭނުންވާ ނާދިރު މައުދަންތައް ފޯރުކޮށްދިނުމަށް ޗައިނާ ދެކޮޅު ހަދާނެކަމަށް ޗައިނާގެ މީޑިއާ ބުނެއެވެ.
ހައިޓެކް ސިނާއަތަށް ބޭނުންވާ ދުނިޔޭގެ ނާދިރު މައުދަންތަކުގެ ތެރެއިން 70 އިންސައްތަ ކޮންޓްރޯލް ކުރަނީ ޗައިނާއިންނެވެ. މިއީ ޗައިނާ އާ ކުރިމަތިލުމުގައި އެމެރިކާގެ އެންމެ ބޮޑު ބަލިފައިކަމަށް ރިޕޯޓްތައް ބުނެއެވެ.
ވައިޓް ހައުސް ބުނާގޮތުން ޓްރަމްޕް ތަސްދީގު ކުރެއްވި "ގްރަހަމްސް އެކްޓް" އަކީ ރަޝިއާގެ އިތުރުން އީރާންވެސް އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށް އަމާޒުކޮށްފައިވާ ގާނޫނެކެވެ. އީރާނުގެ ތެޔޮ ގަންނަ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި އީރާނުން ތެޔޮ ވިއްކައިގެން ހޯދާ ފައިސާކޮޅު ޖަހައިގަތުން ނުވަތަ އަތުލައިގަތުމާއި އީރާނުގެ ތެޔޮ ޓޭންކަރުތަކާއި އާގު ބޯޓުތައް ކަނޑުފޭރިގަތުން މިގާނޫނުގައި އެމެރިކާ އަށް ހުއްދަކޮށްފައިވެއެވެ.
އެމެރިކާ ވަނީ 2022 ވަނަ އަހަރު ފެށި ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް މިފިޔަވަޅުތަކުގެ ސަބަބުން ރަޝިއާގެ އިގްތިސާދަށް މާ ބޮޑު ހީނަރުކަމެއް އައިސްފައެއް ނުވެއެވެ. މީގެބަދަލުގައި އިގްތިސާދީ ހީނަރުކަން ލިބިގެން ދިޔައީ ރަޝިއާގެ ތެޔޮ އަގުހެޔޮކޮށް ގަންނަމުން ދިޔަ ޔޫރަޕްގެ ގައުމުތަކަށެވެ.