އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިހާތަނަށް 38 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަހަކު ތިން ބިލިއަން ޑޮލަރުން މި އަދަދު އިތުރުވާނެ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ކޮންގްރެޝަނަލް ބަޖެޓް އޮފީސް (ސީބީއޯ) އިން ބުނެފިއެވެ.
އޮގަސްޓް މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ހިސާބުތައް ބަލައި އެކުލަވާލި މި ރިޕޯޓުގައިވާ ގޮތުން، ހަ މަސް ދުވަސް ވެފައިވާ މި ހަނގުރާމައިގެ ސަބަބުން އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އިންފްލޭޝަން 0.5 ޕަސެންޓް މައްޗަށް ދާނެ ކަމަށް ލަފާކުރެވެއެވެ.
ސީބީއޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނގުރާމައިގެ ހަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ހަތިޔާރުގެ ސްޓޮކް މަދުވަމުންދާ ދިއުމަށެވެ. އަދި އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ކުރިން ހުރި ވަރަށް އިއާދަކުރުމަށް ފަސް އަހަރު ދުވަސް ނަގާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ. މިކަމާ ގުޅިގެން ޖުލައި 21 ގައި ސެނެޓުގައި އޮތް އަޑުއެހުމެއްގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ ހަތިޔާރުގެ ސްޓޮކް އާކުރުމަށް 90 ބިލިއަން ޑޮލަރުގެ އިމަޖެންސީ ފަންޑަކަށް އެދިވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފައިސާ ނުލިބިއްޖެ ނަމަ، ހަތިޔާރުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާނެއެވެ.

ނަމަވެސް، ވައިޓް ހައުސްއާއި ޕެންޓަގަންއިން ވަނީ ހަތިޔާރު މަދުވެފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އޭނާ ކެލީ ވިދާޅުވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޓްރެޓީޖިކް އަމާޒުތަކަށް ވާސިލުވުމަށް ފުދޭ ވަރަށް ވުރެ ގިނައިން އެމެރިކާގެ އަސްކަރިއްޔާގައި ހަތިޔާރު އެބަހުއްޓެވެ. އަދި ޕެންޓަގަންގެ އިސް ތަރުޖަމާނު ޝޯން ޕާނެލް ވެސް ވަނީ ރައީސް ބޭނުންފުޅުވާ ކޮންމެ ވަގުތަކު ހަމަލާދެވޭނެ ފުރިހަމަ ގާބިލުކަން އެބަހުރި ކަމަށް ވިދާޅުވެފައެވެ.
ސީބީއޯއިން ބުނި ގޮތުގައި މި ރިޕޯޓު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ފަރާތުން އެއްބާރުލުމެއް ލިބިފައެއް ނުވެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ 18 މީހަކު ވަނީ މަރުވެފައެވެ. ޕެންޓަގަންގެ އިންސްޕެކްޓާ ޖެނެރަލްގެ ރިޕޯޓެއްގައިވާ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އެތައް ސަތޭކަ އިމާރާތަކަށާއި، ފައިޓާ ޖެޓުތަކާއި ޑްރޯންތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބޯޓުފަހަރަށް އީރާނުން ވަނީ ގެއްލުންދީފައެވެ. މީގެ އިތުރުން، ދުނިޔޭގެ ތެލުގެ 20 ޕަސެންޓް ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅިއާއި ގަލްފުގެ ގައުމުތަކުގެ ހަކަތައިގެ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ހަކަތައިގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ހައުސް ބަޖެޓް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ބްރެންޑަން ބޮއިލްގެ އެދިވަޑައިގަތުމަކަށް ތައްޔާރުކުރި މި ރިޕޯޓާ ގުޅިގެން އޭނާ ވިދާޅުވީ، މިއީ އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް ބިލިއަން ޑޮލަރެއް ހޭދަވާ ކަމެއް ކަމަށެވެ. އޮގަސްޓް މަހު އެމެރިކާގެ ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރާފައިވާއިރު، ހަނގުރާމައިގެ ހަރަދުތަކުގެ ސަބަބުން އިގުތިސާދަށް އިތުރު ބުރައަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ކުރިން އެމެރިކާއިން އިރާގުގައި ކުރި އަށް އަހަރުގެ ހަނގުރާމައަށް ދެ ޓްރިލިއަން ޑޮލަރު ހޭދަވިއިރު، އަފްޣާނިސްތާނުގައި ކުރި 20 އަހަރުގެ ހަނގުރާމައަށް 2.3 ޓްރިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.