ސައިފްގެ މުޅިން އާ ފިލްމެއް ނެޓްފްލިކްސްއަށް

ފިލްމު "ކަރުތަވްޔާ"ގެ މަންޒަރެއްގައި ސައިފް އަލީ ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސައިފް އަލީ ޚާންގެ މުޅިން އާ ފިލްމެއް ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.

އެކްޓަރު ޖައިދީޕް އަހުލާވަތާ އެކު "ޖުވެލް ތީފް: ދަ ހައިސްޓް ބިގިންސް"އިން އެންމެ ފަހުން ފެނުނު ސައިފްގެ ކުރިއަށް އޮތް ފިލްމަކީ ފުލުހުންގެ މަސައްކަތްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ތުރިލަ ފިލްމު "ކަރުތަވްޔާ"އެވެ.

ޕުލްކިތު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އެކްޓަރު ޝާހުރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން އުފައްދާފައިވާ ފިލްމެކެވެ. ދާދިފަހުން ޝާހު ވަނީ ސޯޝަލް މީޑިއާގައި މި ފިލްމުގެ އާ ޕޯސްޓަރެއް ހިއްސާކޮށް، ފިލްމު ރިލީޒްކުރާ ތާރީޚާއި ޕްލެޓްފޯމް ހާމަކޮށްފައެވެ.

މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އިންސްޓަގްރާމްގައި ފިލްމުގެ ޕޯސްޓަރު ހިއްސާކުރަމުން ޝާހުރުކް ޚާން ބުނެފައި ވަނީ، ވާޖިބާއި މަސްއޫލިއްޔަތުގެ މި އޮޅުންބޮޅުން ބޮޑު ދުނިޔޭގައި، ކޮންމެ ނިންމުމަކީ ވެސް އިމްތިޙާނެއް ކަމަށެވެ.

ފިލްމު "ކަރުތަވްޔާ"ގެ މަންޒަރެއްގައި ސައިފް ބަތަލާ ރަސިކާ ދުގަލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝާހު ޕްރޮޑިއުސަރެއްގެ ދައުރު އަދާކުރާ މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ، ކޮރަޕްޝަނާއި ތަފާތު ގޮންޖެހުންތަކުން ފުރިފައިވާ އުނދަގޫ ދުނިޔެއެއްގައި، ތެދުވެރިކަމާ އެކު މަސައްކަތްކުރަން އުޅޭ ފުލުހެއްގެ މައްޗަށެވެ.

އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތާއި އަމިއްލަ ދިރިއުޅުމުގެ ގުޅުންތަކާ ދެމެދު އުފެދޭ ހަމަނުޖެހުންތަކުގެ ސަބަބުން އޭނާއަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތައް މި ފިލްމުން ފެންނާނެއެވެ. އިންސާފާއި، ކުށްވެރިވުމުގެ އިހުސާސާއި، ބާރާއި ނުފޫޒުގެ މައްޗަށް ބިނާވެފައިވާ މި ފިލްމަކީ މަސްއޫލިއްޔަތުގެ ނަމުގައި އިންސާނަކަށް ދެވޭނީ ކިހާ ދުރަކަށްތޯ ސުވާލު އުފައްދާ ފިލްމެކެވެ.

މި ފިލްމުގައި ސައިފްގެ އިތުރުން ރަސިކާ ދުގަލް، ސަންޖޭ މިޝްރާ، ޒާކިރު ޙުސައިން، މަނީޝް ޗައުދަރީ އަދި ސޯރަބް ދިވެދީ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެންނާނެއެވެ.

މި ފިލްމަށްފަހު ސައިފް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޕްރިޔަދަރުޝަން ޑައިރެކްޓްކުރާ އެކްޝަން ތުރިލަ "ހައިވާން" އިންނެވެ. މި ފިލްމުގައި ސައިފްއާ އެކު އަކްޝޭ ކުމަރު މުހިއްމު ރޯލެއް ކުޅޭނެއެވެ.

comment ކޮމެންޓް