ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަވައްޓެރި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޕީ ވިޖިތަ ހޭރަތާ އެކު މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ސްރީލަންކާގެ ރައީސް އަނޫރާ ކުރާމަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން ބުނީ، ސްރީލަންކާގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމްޕީ، ވިޖިތަ ހޭރަތު، މިއަދު ރައީސް މުއިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، ރާއްޖެއާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވާ ކަމަށާއި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވާ ކަމަށެވެ.
ހަމައެއާ އެކު ދެ ޤައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ސްރީލަންކާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމްޕީ، ވިޖިތަ ހޭރަތު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޚްރިރާމުގެ ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރުން ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ޚާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ހަތަރު ދުވަހަށް ރައީސް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ތައުލީމާއި، ފަންނީ ތަމުރީނާއި، އިގުތިޞާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އާއި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާ އެކު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. މި އަހަރު ދެ ގައުމުގެ ގުޅުމަށް 61 އަހަރު ފުރޭނެއެވެ.