މަޖިލިސް މެންބަރުން ހޮވާ އާބާދީ ބޮޑުކުރުމުން ވޯޓު ގަނެގެން އިންތިޚާބެއް ނުވެވޭނެ: ފައްޔާޒު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: ވިދާޅުވީ، މަޖިލިސް މެންބަރުން ހޮވާ އާބާދީ ބޮޑުކުރަން ހުށަހަޅަން، އޭރުން ވޯޓު ގަނެގެން މަޖިލީހަކަށް އިންތިޚާބެއް ނުވެވޭނެ ކަމަށް --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާ އާބާދީ ބޮޑު ކުރުމުން، ވޯޓު ގަނެގެން މަޖިލީހަށް އިންތިޚާބު ނުވެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު، ރޭ ބޭއްވި ބައްދަވުމުގައި ފައްޔާޒު ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރުމަށް މަޖިލިސް މެންބަރުން އައްޔަނުކުރި ނަމަވެސް މެންބަރުންގެ ފަރާތުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

މިގޮތުން، ފެންނަނީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަ، އެ ސަރުކާރުގެ ދިފާއުގައި މަޖިލިސް މެންބަރުން އުޅޭތަން ކަމަށާއި އެމްޑީޕީ ސަރުކާރުތަކުގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެން އެކަން ހިނގާ އެއް ސަބަބަކަށް އޭނާ ފާހަގަކުރެއްވީ، މަޖިލިސް މެންބަރުން އިންތިޚާބުވާއިރު، ގިނަ އަދަދަކަށް ފައިސާ ޚަރަދު ކުރަން ޖެހުމެވެ.

އެ މެންބަރަކު މަޖިލީހަށް ހޮވެނީ، ވޯޓު ގަނެގެން ކަމަށް ވިދާޅުވެ، މިއީ އެންމެންނަށް ވާހަކަދައްކަން ނުކެރޭ 'ބޮޑު ސިއްރު'ގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވިއެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން: މި މަޖިލީހުގައި 93 މެންބަރުން ތިއްބަވާ -- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުން ވޯޓު ގަނެގެން އިންތިޚާބުވާހާ ދުވަހަކު، ރައްޔިތުންގެ ހައްގުގައި ބަސް ބުނުމުގެ ޖާގައެއް ނޯންނާނެއެވެ. އެ މަގާމަށް އިންތިޚާބުވުމަށް އަމިއްލަ ޖީބުން އެ މެންބަރުން އެތައް މިލިއަނުން ކުރި ޚަރަދު ހޯދަނީ، ސަރުކާރަށް މަންފާވާ ފަދަ ގޮތަކަށް މަސައްކަތްކޮށްގެން ކަމަށާއި އެ ކަން ހުއްޓުވަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އޮންނަނީ ވަރަށް ކުޑަ އާބާދީއަކުން ވެސް މެންބަރަކު ހޮވޭ ގޮތަށް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ، 600 ނުވަތަ 800 ވޯޓުން މަޖިލީހަށް މެންބަރުން ހޮވޭ ކަމަށެވެ.

އަޅުގަނޑުމެން ހުށަހަޅަނީ މަޖިލިސް މެންބަރުން ހޮވާ އާބާދީ ބޮޑުކުރަން. މިސާލަކަށް އަތޮޅު ބެހިދާނެ. މުޅި އަތޮޅުގެ އެންމެން ލައިގެން މަޖިލިސް މެންބަރުން ހޮވުން

އެ ފަދަ ގޮތަކަށް ބަދަލުކުރުމުން 15،000 އެއްހާ މީހުންގެ ވޯޓެއް ނުގަނަވޭނެ ކަމަށް ފައްޔާޒު ގަބޫލުކުރައްވައެވެ. އެ ހިސާބުން މަޖިލިސް މެންބަރުން އިންތިޚާބުވާން ޖެހޭނީ، ރައްޔިތުންގެ ރުހުން ހޯދައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، ރައްޔިތުންގެ ހައްގުގައި މަޖިލިސް މެންބަރުންނަށް ވަކާލާތު ކުރެވޭނެ ކަމަށް ފައްޔާޒު ގަބޫލުކުރައްވައެވެ.

ފައްޔާޒު އެ ފަދައިން ވިދާޅުވިއިރު، އިންތިޚާބުތަކާ ދިމާކޮށް ވޯޓު ގަނެގެން މެންބަރުން އިންތިޚާބުވާ ކަމުގެ ތުހުމަތުތައް އަބަދުވެސް ކުރެވެއެވެ. އަދި، މަޖިލިސް މެންބަރުންނަށް ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާއިރު، އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި މިހާރު އޮންނީ، ކޮންމެ 5،000 މީހަކަށް މެންބަރެއް އިންތިހާބުކުރަން ޖެހޭނެ ކަމަށެވެ. އެހެންވެ، ކޮންމެ ފަސް އަހަރަކުން ބާއްވާ މަޖިލިސް އިންތިޚާބުގައި މެންބަރުން އިތުރުވަމުންދެއެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންތިޚާބު ކުރި މަޖިލީހުގައި 92 މެންބަރުން ހިމެނޭއިރު އޭގެ ތެރޭގައި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން ތިއްބަވައެވެ.

މަޖިލީހުގައި މެންބަރުކަން ކުރައްވާ ކޮންމެ މީހަކަށް ވެސް ދައުލަތުން ބޮޑު ޚަރަދެއް ކުރަން ޖެހެއެވެ. އެގޮތުން ކޮންމެ މެންބަރަކަށް ވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި 82،500 ރުފިޔާ ލިބެއެވެ.

comment ކޮމެންޓް