ރަށްތައް ދަނީ އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުން، އެއީ ތަނަވަސްކަން ލިބޭނެ ގޮތެއް ނޫން: ނަޝީދު

މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު: ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލައިފިނަމަ، މިސްރާބު ޖެހެނީ ދިވެހިރާއްޖެ އުވާލުމަށް ކަމަށް --- ފޮޓޯ/ ލޫކަސް ޖަލީލް

ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުންދާ ކަމަށާއި، އެއީ ތަނަވަސްކަން ލިބޭނެ ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު ގެންދަވަނީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ގުޅިވަޑައިގެން، ޕާޓީގެ ޗެއާޕާސަން ކަމަށާއި ނިޒާމީ ބަދަލަކަށް ކެމްޕޭން ކުރައްވަމުންނެވެ. އެގޮތުން މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، މާލެ ތޮއްޖެހުމުގެ ޝަކުވާ އަޑުއިވޭއިރު، ރަށްތަކުން ވެސް އެ ކަމާ ގުޅޭ ވަރަށް ބޮޑު ޝަކުވާއެއް އެބަ އޮތް ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ނަޝީދު ނެންގެވީ ތ. ކިނބިދޫއެވެ. އެ ރަށުގައި ދަރިވަރުން މަދުވުމުން ސުކޫލުގައި ގްރޭޑު އެކެއް މިހާރު ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި އަންނަ އަހަރު ގްރޭޑު ދޭއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ތިނެއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ހަތަރެއް ނޯންނާނެ. އިސާހިތަކު ކިނބިދޫއެއް ނޯންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ރަށްތައް އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުންދާ ކަމަށާއި އެއީ ތަނަވަސްކަން ލިބޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި -- ފޮޓޯ/ ލޫކަސް ޖަލީލް

އެ ރަށުގެ ކައުންސިލް މެންބަރުންނާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ، ކިނބިދޫ ފަޅު ވަނީ އެ ރަށު 65 އާއިލާއަކަށް މާލޭގައި އުޅުމުގެ ފުރުސަތު ދިނުމުން ކަމަށެވެ. އެފަދަ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ ރަށްތައް އާދާޔާ ޚިލާފު ބާރު މިނެއްގައި ފަޅުވެ، ނެތެމުންދާ ކަމުގެ ކަންބޮޑުވުން ނަޝީދު ފާޅުކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މާލެ ކައިރިއަށް ރާއްޖޭގެ ރައްޔިތުން ގެނެސް، ރާއްޖެތެރެ އުވާލުމަކީ ސަރުކާރުތަކުގެ ސިޔާސަތެއް ކަމަށެވެ. މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުން ގުޅިފައިވަނީ ވެސް އެކަމާ ކަމަށް ދޭހަވާ މޭރުމަކުން ނަޝީދު ވާހަކަދެއްކެވިއެވެ.

މި ދިވެހިރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމެއް. އަޅުގަނޑުމެން އަތޮޅުތައް އުވާލައިފިނަމަ، އެ މިސްރާބު ޖެހެނީ ޒަމާނުއްސުރެ އަޅުގަނޑުމެންނާ ހަމައަށް ވާރުތަވެފައިވާ މި ދިވެހިރާއްޖެ އުވާލުމަށް. ވަރަށް ބޮޑު ބަދަލެއް މި ދިވެހިރާއްޖެއަށް އަންނާނެ

މިގޮތުން، އަތޮޅު ކައުންސިލުތައް އުވާލުމުން ދިވެހީންނަށް ތަނަސްވަސްކަން ލިބުމެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އެ ފަދައިން ވިދާޅުވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމަށް އިސްލާހުތައް ގެންނާނެ ކަމުގެ ވައުދުފުޅާއެކު ކަމަށްވާއިރު، އޭގެ ތެރޭގައި އަތޮޅު ކައުންސިލްތައް އުވާލުން ހިމެނެއެވެ. އެގޮތުން އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ނޮވެންބަރު މަހުގެ 25ގައެވެ.

އެ އިސްލާހުގައި ވަނީ އަތޮޅު ކައުންސިލްތަކުގައި މިހާރު ހިނގަމުންދާ ދައުރު ހަމަވުމާއެކު، އެ ކައުންސިލްތައް އުވޭނެ ކަމަށެވެ. އެ އިސްލާހު ރައީސް ވަނީ މިދިޔަ ޑިސެންބަރު އެއް ވަނަ ދުވަހު ތަސްދީގު ކުރައްވައިފައެވެ. އެހެންވެ، މި މަހުގެ 17ގައި ދައުރު ހަމަވުމާއެކު، މިހާރު އޮތް އަތޮޅު ކައުންސިލްތައް އުވޭނެއެވެ.

https://sun.mv/220717

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މީގެ ކުރިން ޚިޔާލު ފާޅުކޮށް، އެ ބަދަލުގެ ބޭނުމަކީ ސަރުކާރުން ބޭނުންވާ ބަޔަކު އަތޮޅުތަކުގެ ވެރިންނަށް ހަދައިގެން، އަތޮޅުތައް ހިންގުން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރައީސް ވަނީ، އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނެ ކަމަށާއި، އެއާއެކު ރަށު ކައުންސިލްތަކުގެ ބަޖެޓު ބޮޑުވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް