ޒުވާން އުމުރުގައި ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވަނީ، ސަބަބުތަކަކީ ކޮބާ؟

ޒުވާން އުމުރުގައި ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނާތީ ޑޮކްޓަރުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާންމުގޮތެއްގައި އުމުރުން 25 އަހަރަކީ ކޮންމެ ޒުވާނަކުވެސް އެ މީހެއްގެ ސިއްހަތު އެންމެ ދުޅަހެޔޮކޮށް ހުންނާނެ ދުވަސްވަރު ކަމަށް ދެކި، ކެރިއަރު ބިނާކޮށް ހުވަފެންތަކުގައި ކުލަޖެއްސުމަށް މަސައްކަތްކުރާނެ އުމުރު ކަމުގައި ދެކެއެވެ. ނަމަވެސް، މިހާރު ފެންނަމުންދާ މަންޒަރަކީ ކަންބޮޑުވާންޖެހޭ ފަދަ ބަދަލެކެވެ.

އުމުރުން 20ގެ އަހަރުތައް ގުނަމުންދާ ގިނަ ޒުވާނުންނަށް އާދަޔާ ހިލާފަށް ވަރުބަލިވުމާއި، ދިރިއުޅުމުގެ އާދަތަކާ ގުޅުންހުރި ބަލިތަކާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް މާ އަވަހަށް ކުރިމަތިވަމުން އެބަދެއެވެ.

ސިއްހީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ޒުވާނުންނަށް ކުރިމަތިވަމުންދާ މި ސިއްހީ ނުރައްކަލަކީ ދެން އިތުރަށް އަޅާނުލާ ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ.

އެޕޯލޯ ހޮސްޕިޓަލްސްގެ ސީނިއާ ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން، ޑރ. ބީ ވެންކަޓް ނާނީ ކުމާރު ވިދާޅުވާ ގޮތުގައި މި ބަދަލު އަންނަން ދިމާވި މައިގަނޑު ސަބަބަކީ ދުވަހުން ދުވަހަށް ކުރާ ކަންކަމާއި އުޅޭ އުޅުމަށް އައިސްފައިވާ ބަދަލުތަކެވެ.

ގިނަ ވަގުތު އިށީނދެގެން ތިބުމާއި، 'ޖަންކް ފުޑް' ކެއުމުގެ އާދައާ އެކު ސްޓްރެސްވުމާއި، ނިދި މަދުވުމުގެ ސަބަބުން ޒުވާން އުމުރުގައި ބަލިތަކަށް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ބަލިތައް ކުރިއަށްވުރެ މާ އަވަހަށް ޒުވާނުންނަށް ޖެހެމުންދާކަން މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ގިނަ ވަގުތު އިށީނދެގެން ތިބުމާއި، ބަންދުކޮށްފައި ހުންނަ ކާނާ (ޕްރޮސެސްޑް ފުޑް) ކެއުމާއި، ސްޓްރެސްވުމާއި، ނިދި މަދުވުމުގެ އިތުރުން މާގިނައިން ސްކްރީން ބޭނުން ކުރުމުގެ ސަބަބުން ފަލަވުމާއި، ހަކުރުބައްޔާއި، ލޭމަތިވުން ފަދަ މައްސަލަތައް އަންނަނީ އިތުރުވަމުން. މަސައްކަތުގެ ޕްރެޝަރު ބޮޑުވުމާއި ހަށިގަނޑު ހަރަކާތްތެރިވާ މިންވަރު މަދުވުމުގެ ސަބަބުން، އުމުރުން 20ގެ މެދުތެރޭގައި ގިނަ ބަޔަކު ދާއިމީ ބަލިތަކުގެ ޝިކާރައަކަށް އެބަވޭ," ޑރ. ބީ ވެންކަޓް ނާނީ ކުމާރު ވިދާޅުވިއެވެ.

މީގެ އިތުރުން ރެނޯވާ ސެންޗަރީ ހޮސްޕިޓަލްސްގެ ކޮންސަލްޓަންޓް ފިޒީޝަން އެންޑް ޑައިބެޓޮލޮޖިސްޓް، ޑރ. ވެންކަޓް ކްރިޝްނާ ކުމާރު ތައްލޫރީ ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އުޅުމަށް އައި ބަދަލެއް ނޫނެވެ. އެހެންނަމަވެސް މިއީ ސިއްހީ ގޮތުން ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޑރ. ވެންކަޓް ވަނީ ސިފަކުރައްވާފައެވެ.

ކުރިން "މުސްކުޅި ބަލި" ތަކުގެ ގޮތުގައި ބެލެވުނު ބަލިތައް މިހާރު 20 އަހަރުގެ ޒުވާނުންނަށް ޖެހެމުންދާ މިންވަރު އިތުރުވެފައިވާއިރު، މިއީ ހަށިގަނޑުގެ ބަޔޮލޮޖީ އާއި ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ނުބައްދަލުވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ޑރ. ވެންކަޓް ވަނީ ލަފާކުރައްވާފައެވެ.

ހޮސްޕިޓަލްތަކުން ފެންނަ މަންޒަރުތަކަށް އަލިއަޅުވާލައްވަމުން ޑރ. ވެންކަޓް ވިދާޅުވީ، ހަކުރުބައްޔާއި، ލޭމަތިވުމާއި، ތައިރޮއިޑް މައްސަލަތަކާއި، ދާއިމީ ވަރުބަލިކަމުގެ އިތުރުން ނަފްސާނީ ބަލިތަކަށް ޒުވާނުން ހުށަހެޅޭ މިންވަރު އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށެވެ.

މީގެ މައިގަނޑު ސަބަބުތަކަކީ ދިރިއުޅުމުގެ ތަރުތީބެއް ނެތުމާއި، ސިއްހަތަށް ނުރަނގަޅު ކާނާ ކެއުމާއި، އަދި ހަށިގަނޑު ހަރަކާތްތެރިކޮށް އުޅޭ މިންވަރު މަދުވުން ކަމަށް ޑރ. ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ކްރިޝްނާ އިތުރަށް ބަޔާންކޮށްދެއްވި ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ މީހުންނަކީ ވިރާސީ ގޮތުން (ޖެނެޓިކަލްކޮށް) އިންސިއުލިން ރެސިސްޓެންސް އަދި ބަނޑުލުމުގެ ފުރުސަތު ބޮޑު ބައެކެވެ. ކުރީގެ ޒަމާނުގައި ހަރަކާތްތެރި ދިރިއުޅުމެއް އުޅުނު އިރު މި ނުރައްކާ ކުޑަވި ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބޮޑު ބަދަލުތަކާ އެކު މި ނުރައްކާތައް ފެންމަތިވާ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ޒުވާން އުމުރުގައި ކުރިމަތިވާ ބަލިތަކަށް އަމިއްލައަށް ފަރުވާ ހޯދުމުގެ ބަދަލުގައި ސިއްހީ މާހިރެއްގެ ލަފާ އާއި އިރުޝާދުގެ ދަށުން ފަރުވާ ހޯދުން މުހިއްމު ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ޕޭރެންޓްއެންޑްޓީން

ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ވެންކަޓް ވިދާޅުވީ، ދާއިމީކޮށް ސްޓްރެސްވުމާއި، ހާސްކަމާއި، މާޔޫސްވުމުގެ ސަބަބުން ހަށިގަނޑުގެ ހޯމޯންތަކަށް ބަދަލު އައިސް، ނިދި މަދުވެ، ދިފާއީ ނިޒާމު ބަލިކަށިވާ ކަމަށެވެ.

ޑރ. ކްރިޝްނާ އިތުރަށް ވިދާޅުވީ، ދާއިމީކޮށް ސްޓްރެސްވުމުގެ ސަބަބުން ހަށިގަނޑުގައި 'ކޯޓިސޯލް' ލެވެލް މަތިވެ، ބަނޑުގައި ސަރުބީ ޖެހުމާއި ލޭގެ ޕްރެޝަރު މަތިވުމަށް މަގުފަހިވާ ކަމަށެވެ. އަދި ހަމައެއާއެކު ނިދުމުގެ ކުރިން ސްކްރީން ބޭނުންކުރުމަށް ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ނިދަން އެހީތެރިވެދޭ 'މެލަޓޯނިން' ހޯމޯން އުފެއްދުން މަދުވެ، ނިދި އެއްކޮށް ހަލާކުވެގެންދާ ކަމެއް ކަމަށް ޑރ. ކްރިޝްނާ ވަނީ ފާހަގަކުރައްވާފައެވެ.

އުމުރުން މާ ޒުވާންވެފައި ބޭނުން އެއްޗެއް ކެއުމަށްފަހު ޖިމަށް ގޮސް ކަސްރަތުކޮށްލުމުން އެކަން ފޫބެއްދޭނެ ކަމަށް ބައެއް ޒުވާނުންނަށް ހީވެފައި އޮތުމަކީ ވެސް ވަރަށް ބޮޑު ކުށްހީއެއް ކަމަށާއި، ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަށް ފަރުވާކުޑަކުރުމާއި، ގަވާއިދުން ޗެކަޕް ނުހެދުމާއި، އަމިއްލައަށް ބޭސްކުރުމަކީ ބަލި ބޮޑުވެ، ފަރުވާކުރަން އުނދަގޫވާ ސަބަބުތައް ކަމަށް ޑރ. ވެންކަޓް ވަނީ ފާހަގަކުރައްވާފައެވެ.

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކަކަށް އިރުޝާދު ދެއްވަމުން ޑރ. ކްރިޝްނާ އިތުރަށް ވިދާޅުވީ، ގިނަ ވަގުތު އިށީނދެގެން ނީނދެ ކޮންމެ ގަޑިއަކު ކުޑަކޮށް ހިނގާލުމާއި، ކާނާގައި ޕްރޮޓީން އާއި ފައިބަރު ގިނަކުރުމާއި، ރޭގަނޑު ސްކްރީން ބޭނުންކުރާ މިންވަރު މަދުކުރުމުގެ އިތުރުން، އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.

comment ކޮމެންޓް