ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓުގައި މާދަމާ މެންދުރު ފަހު ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާއަކީ ދ. މީދޫ ދާއިރާގެ ވޯޓެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން މީދޫ ދާއިރާއިން، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން އީސީއަށް މައްސަލަ ހުށަހެޅިއެވެ. އެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި ވެރިކަން ކުރާ ޕީއެންސީން ވެސް މައްސަލައެއް ހުށަހެޅިއެވެ.
އީސީން އަލުން ވޯޓު ގުނުމަށް ފަހު، އިއުލާން ކުރި މީދޫ ވޯޓުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ސުހާއަށް ލިބުނީ، 391 ވޯޓެވެ. ޝާހިދަށް ލިބުނީ 392 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި އިބްރާހީމް ނަސީމް، 100 ވޯޓު ހޯދިއެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރީ ޝާހިދެވެ.
އެހެންނަމަވެސް، ސުހާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފައެވެ.
މި މައްސަލައިގެ އަޑު އެހުންތައް މާދަމާ މެންދުރު ފަހު ފެށުމަށް ތާވަލުކޮށްފައިވާއިރު، މައްސަލައަށް، އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުގެ ފަރާތުން ތަދައްޚުލްވާން އެދި ހުށަހެޅި ހުށަހެޅުން ހައިކޯޓުގައި މައްސަލަ ބަލާ ބެންޗުގެ އިއްތިފާގުންވަނީ ގަބޫލު ކޮށްފައެވެ. ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގެ ދަށުން، އިންތިޚާބަކާ ގުޅޭގޮތުން ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ، އެ މައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލަތައް ބެލުމުގެ ފުރަތަމަ މަރްޙަލާގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުން ނިންމާ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން، އިންތިޚާބީ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާންކުރާ ތާރީޚުން ފެށިގެން ގިނަވެގެން 14 ދުވަހުގެ ތެރޭގައެވެ.