ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރަން ނިންމައިފައިވާ ކަމަށް އާބަން ޑިވެލޮޕްމަންޓުން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކުރާނެ ކަމަށެވެ. އެހެންވެ، މަސައްކަތް ކުރިއަށްގެންދާއިރު ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އާންމުންނަށް ޕާކު ބަންދު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ.
ތޮއްޖެހިފައިވާ މާލޭގައި ގިނަ ބަޔަކު އާންމުކޮށް އެއްވެ އުޅެވޭ ގޮތަށް އޮންނަ ސަލްޓަން ޕާކާއި ރަސްފަންނު ފަދަ ސަރަހައްދުތަކުގައި ހުންނަ ތަކެތި ހަލާކުވެ، ވީރާނާވެފައިވުމަކީ ގިނަ ބަޔެއްގެ ކަންބޮޑުވުމެކެވެ.
މިދިޔަ ފެބްރުވަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދެ ތަނަށް އާރޯކަން ގެނެސްދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ސަލްޓަން ޕާކު ވިރާނާވެ، ހަލާކުވަމުންދާތީ އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 19ގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އޭގެ ކުރިން އެ ތަން އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށްވާއިރު، ޕާކު މިނިސްޓްރީގެ ދަށަށް ބަދަލުކުރީ، މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެ ފަށާފައި ވަނިކޮށް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަސައްކަތް ފެބްރުވަރީ މަހުގެ ތެރޭގައި ފަށާފައިވާއިރު، އެ ތަން މިދިޔަ ފިތުރު ޢީދަށް ނިންމައި ހުޅުވާނެކަމަށް ކުރިން ސަރުކާރުން ވަނީ ބުނެފައެވެ.
ސަލްޓަން ޕާކް ތަރައްގީ ކުރާނީ ދިވެހިންގެ އައިޑެންޓިޓީއާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޒުވާނުންނާއި ކުޑަކުދިންނަށް ޝަޢުގުވެރިކަމާއެކު އެކި ކަންކަން ދަސްވާނެ ފަދަ ގޮތަށްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.