ރައީސަށް ކައުންސިލްގެ ރައްދު: ޕާކުތައް މަރާމާތުކުރަން އޮތީ ތައްޔާރުވެފައި

ރަސްފަންނު: ސިޓީ ކައުންސިލުން ބުނީ ރަސްފަންނާއި ސަލްޓަންޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވީރާނާވެފައިވާ ރަސްފަންނާއި ސަލްޓަން ޕާކު އަލުން އާރާސްތުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުންދާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ, ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ. އަދި, 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހެދުމަށް ފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަން ކަމަށެވެ.

ހަމައެއާއެކު ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން މިހާރު ދޫކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި, އެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރު އަންނަ ހަފުތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި މީގެ ފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދާނީ ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުން ހިތްއުފާކޮށްލުމަށް ދާނެ ތަންތަން ނެތްއިރު، އެ ތަންތަން ތަރައްގީކުރުމާ އެކު ވެގެންދިޔައީ އާއިލާއާ ވަކިން ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ހިތްއުފާކޮށްލުމަށް ލިބުނު ތަންތަނަށެވެ. ނަމަވެސް، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ވެސް ދަނީ ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރު ކަމަށް އާޒިމް ހޮވުމާއެކު މާލެ ސިޓީގައި ހަލާކުވެ މަރާމާތުނުކޮށް ހުރި ޕާކުތަކާއި މައިޒާންތަކުގެ އެސެސްމެންޓް ވެސް ހަދާފައިވާ ކަމަށެވެ. އަދި މި ހުރިހާ ތަނެއް މިއަހަރު މަރާމާތުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"2016 ވަނަ އަހަރު ސަލްޓަންޕާކުގެ ނަން ރަސްރަނިއަށް ބަދަލުކޮށް ހުޅުވިއިރު ޕާކުތަކާއި މައިޒާންތައް އޮތީ ހައުސިން މިނިސްޓްރީ ދަށުގައި. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ކޮން ބޭފުޅެއްތޯ؟ 2019 ވަނަ އަހަރުގެ ފަހު ކޮޅު ކައުންސިލްގެ ދަށަށް ޕާކުތައް ބަދަލުވެ 2020 ވަަނަ އަހަރުގެ ބަޖެޓާއެކު ކައުންސިލްތަކަށް ބާރުލިބި ތިން މަސްނުވަނީސް ކޮވިޑް އައިސް ޕާކުތައް އޮތީ ބަންދުކޮށްފައި. ކޮވިޑުތެރޭ 2021 ވަނަ އަހަރުގެ މޭމަހު ކައުންސިލް ބަދަލުވެ މޭޔަރަކަށް 2023ގެ ނޮވެމްބަރު ވަންދެން ހުރީ ކޮންބޭފުޅެއްތޯ؟ ޕާކުގެ މަރާމާތަށް އެއްވެސް ކަމެއް ނުކޮށް އޮތީ ކީއްވެތޯ؟" ޝަތުފާ ވިދާޅުވިއެވެ.

https://sun.mv/202580

ފާހަގަކޮށްލެވޭ ގޮތުގައި ރަސްފަންނާއި ސަލްޓަންޕާކުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެންމެ ހަގު ދަރިކަލުން ވަނީ ރަސްފަންނަށް ޒިޔާރާތްކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ އެ ސަރަހައްދުގައި އުޅުނު އާންމުންގެ މީހުންނާ ބައްދަލުކުރައްވައި ވާހަކަދައްވައިފައެވެ.

އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ، ކުރިއަށް ވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އެ މަނިކުފާނު ވަނީ އަރުވައިފައެވެ.

comment ކޮމެންޓް