އެމްޑީޕީގެ ޗެއާޕާސަންކަމަށް 3 ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން: އިންތިޚާބުގެ ފޯރި ގަދަ -- ފޮޓޯ/ ޕީއެސްއެމް

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ވާދަކުރަން ޝަރުތުހަމަވާ ތިން ކެންޑިޑޭޓުންގެ ނަން އެ ޕާޓީން މިއަދު އިއުލާނުކޮށްފިއެވެ.

ޖުމުލަ 44،000 އަށްވުރެ ގިނަ މެންބަރުން ތިބި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއިލް މިދިޔަ އަހަރުގެ ނޮވެންބަރު 23 ގައި އިސްތިއުފާދެއްވުމުންނެވެ. އޭރު އޭނާ އިސްތިއުފާދެއްވީ އެއް އުރައެއްގައި ތިން ކަނޑިއަށް ނޯއެވޭނެ ކަމަށް ވިދާޅުވުމަށް ފަހު، ޕާޓީގެ އެއްބައިވަންތަކަމަށް ގޮވާލެއްވުމަށް ފަހެވެ.

އޭގެ ފަހުން އެ ޕާޓީގެ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އައްޔަންކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމިއެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރާ އެކު އިއުލާނުކޮށްފައެވެ. އެއީ،

  • ކެންޑިޑޭޓު ނަންބަރު 1 - ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި)، ގ. ކެނެރީގެ/ މާލެ
  • ކެންޑިޑޭޓް ނަންބަރު 2 - އިބްރާހީމް މުޙައްމަދު (ވާޑު)، ހުދުވިލާގެ/ ލ.ފޮނަދޫ
  • ކެންޑިޑޭޓް ނަންބަރު 3 - މީކާއީލު އަޙްމަދު ނަސީމް، ގ. ބަރޯސާ/ މާލެ

މި ބޭފުޅުންގެ ތެރެއިން މިކާއިލާއި ކުރީގެ ރައީސް ނަޝީދު އަންނަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ. ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ އެކުގައި ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕޭނުންނެވެ.

ޗެއާޕާސަން އިންތިޚާބު ބާއްވަން އެމްޑީޕީން އިއުލާނުކުރީ ޖޫން 12 ގައެވެ.

comment ކޮމެންޓް