އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ލަސްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، އެއީ އެއްވެސް މެންބަރަކު ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ އިންތިޚާބު ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.
މެންބަރު މީކާއީލް މިފަދައިން ވިދާޅުވީ ސަރުކާރުން ދޭން ޖެހޭ ފައިސާ އަދި ލިބިފައި ނެތުމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މިވަގުތު ހުރަސްއެޅޭ ކަމަށް ބުނެ، އެމްޑީޕީ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިރޭ ހުށަހަޅުއްވި ހުށަހެޅުއްވުމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ޣަފޫރު ވިދާޅުވީ، މިވަގުތު ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
"ޗެއާޕާސަން އިންތިޚާބާއި ދާއިރާގެ އިންތިޚާބާ ބެހޭ ގޮތުން، އަޅުގަނޑަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް. މި ދެ އިންތިޚާބު މިވަގުތު ބާއްވައިފިނަމަ، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، އޭގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ." ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީއަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޕާޓީ ހިންގުމަށްޓަކައި އޭނާ ނުހިމެނޭހެން އިސް ބޭފުޅުން ވާހަކަދައްކަވައި، ގައުމީ މަޖިލީހަށް ހުށަހަޅުމަށް ޣަފޫރު ވަނީ އެދިވަޑައިގެންފައެވެ.
މިކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި މީކާއީލް ވިދާޅުވެފައިވަނީ ޕާޓީން ކުރިން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ. އަދި ވަކި ބަޔަކަށް ފައިދާވާނެ ގޮތަކަށް އިންތިޚާބުގެ ތާރީޚުތަކާ ނުކުޅުއްވުމަށާއި، ކޮމިޓީން ނިންމާފައިވާ ނިންމުންތަކަށް އިހްތިރާމް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.
"ޕާޓީގެ ޗެއާޕާސަން އިންތިޚާބު ލަސްކުރަން އުޅޭ އުޅުމަކީ އަޅުގަނޑު ވެސް އަދި މިޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން. ޕާޓީން އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބު ލަސްކުރުމުގެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، އޭނާއާއި އޭނާގެ ޓީމު އޮތީ އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ. މި މައްސަލައިގައި ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ވެސް ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ފާހަގަކުރެވެއެވެ.
ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާ މީކާއީލް ވެސް ދަނީ "އިތުބާރު"ގެ ނަމުގައި ކެމްޕެއިން ލޯންޗުކޮށް، ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މަޖިލީހުގެ ޕީޖީ މެންބަރުން ވަނީ މީކާއީލަށް ތާއީދުކުރައްވައިފައެވެ.
ކަން އެހެން އޮއްވައި އެމްޑީޕީގެ ގައުމީ މަޖިލިސް ގަބޫލުނަމަ، ޕާޓީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިރޭ ވަނީ ވިދާޅުވެފައެވެ.