ތައިލެންޑްގެ ބެންކޮކްގެ ޑޮން މުއެންގް އެއާޕޯޓް ކައިރީގައި ޓެކްސީ ޑްރައިވަރަކު ފަސިންޖަރަކު ޓެކްސީއަށް އަރުވަން ދެކޮޅު ހަދައި ޓްރެފިކް ގިނަ ގަވާއިދުތަކާ ހިލާފުވާ ތަން ފެންނަ ވީޑިއޯއެއް އާންމު ކުރުމުން ވައިރަލްވެއްޖެއެވެ.
މި ކްލިޕް ފޭސްބުކްގައި ހިއްސާކޮށްފައިވަނީ ޓްރެފިކް ޕޮލިސްގެ ދަށުން ހިންގާ ވިބާވަދީ ރަންގްސިޓް ޓްރެފިކް ކޮންޓްރޯލް ސެންޓަރުގައި މަސައްކަތްކުރާ ޖާ އައުއަން ބޮލިކަމްސައި ކިޔާ ފުލުހުންގެ އޮފިސަރެކެވެ.
އެ ޕޯސްޓުގައި އޮފިސަރު ބުނީ އެ ޓެކްސީ ޑްރައިވަރު ވަނީ ޓެކްސީ ޕާކްކޮށް ފަސިންޖަރުންގެ އިންތިޒާރުގައި އޮތުމަށްފަހު ޕަސިންޖަރުން ޓެކްސީއަށް އެރުމުން އެމީހުން ގޮވައިގެން ދަތުރުކުރަން ދެކޮޅު ހަދާފައެވެ. ޓެކްސީ ޑްރައިވަރުގެ ތިން ޖޫރިމަނާއެއް ނުދައްކާ އޮތް ކަމަށާއި، ރަނގަޅަށް ހެދުން އަޅާފައި ނެތް ކަމަށްވެސް އޮފިސަރު ބުންޏެވެ.
އެ ވީޑިއޯގައި އެ އޮފިސަރު ފެންނަނީ ސައިކަލެއްގައި އެއާޕޯޓް އެންޓްރެންސް ކައިރީގައި މަގުމަތީގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގެ ކައިރިން ދުއްވާފައި ދިޔަތަނެވެ. ފަސިންޖަރުން އަރުވަން ދެކޮޅު ހެދުމުން އޮފިސަރު ވަނީ ހުއްޓި އެކަމާ ސުވާލުކޮށްފައެވެ.
ފަހުން އޮފިސަރު ވަނީ ޑްރައިވަރުގެ ލިޔެކިޔުންތައް ބަލައި ޑްރައިވަރު ގަވާއިދާ ހިލާފުވެފައިވާތީ، 1000 ބާތުން ޖޫރިމަނާކޮށްފައެވެ.
ޖޫރިމަނާ ކުރުމަށްފަހު އޮފިސަރު ވަނީ ވަގުތުން ކާރު އެތަނުން ނެރުމަށް އަމުރުކޮށްފައެވެ.
މި ވީޑިއޯއަށް އޮންލައިންކޮށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ގިނަ ބަޔަކު ވަނީ އެ އޮފިސަރަށް ތައުރީފުކޮށްފައެވެ.