ތައިލެންޑުގެ ސްކޫލެއްގައި ބަޑިޖެހި ކުއްޖާ އޮންލައިންކޮށް އަނިޔާވެރި މަންޒަރުތައް ބަލާފައިވޭ: ފުލުހުން

ތައިލެންޑުގެ ބެންކޮކް ކައިރީގައި އޮންނަ ސްކޫލެއްގައި ބަޑިޖަހައި ގިނަ ބަޔަކު މަރާލި 14 އަހަރުގެ ކުއްޖާ، އޮންލައިންކޮށް އަނިޔާވެރި މަންޒަރުތައް ބަލާފައިވާ ކަމަށާއި، އޭނާގެ އަތުން މިދިޔަ އަހަރު ވައިބަޑިއެއް އަތުލާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން މިއަދު ބުނެފިއެވެ.

ނޮންތަބުރީ ޕްރޮވިންސްގެ ޑެޕްސިރިން ނޮންތަބުރީ ސްކޫލުގައި ހުކުރު ދުވަހު ހިނގި މި ހާދިސާގައި، އެ ކުއްޖާ ވަނީ އޭނާގެ މާމައާއި ކާފަ މަރާލުމަށްފަހު ސްކޫލަށް ގޮސް އިތުރު ހަ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އަދި އޭގެ ފަހުން އޭނާ ވަނީ އަމިއްލައަށް ބަޑިޖަހައި މަރުވެފައެވެ.

ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ ވަނީ ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ސޯޝަލް މީޑިއާ ބޭނުންކޮށްފައެވެ.

ޕްރޮވިންޝަލް ޕޮލިސް ރީޖަން އެކެއްގެ ޑެޕިއުޓީ ކޮމިޝަނަރު އައްތަޕޯލް އަނުސިތު ވިދާޅުވި ގޮތުގައި، މަންޒަރު ދުށް މީހުންނާ ހަވާލާދީ ބަލާއިރު، އެ ކުއްޖާ ހަތިޔާރު ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ޝައުގުވެރިކަން ފާޅުކުރާތާ އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތެއް ވެދާނެއެވެ. އަދި އޭނާގެ ކޮމްޕިއުޓަރު ބެލިބެލުމުން، އަނިޔާވެރިކަން އެކުލެވޭ ކޮންޓެންޓް ބަލާފައިވާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ބަޑިޖަހަން ފަރިތަކުރި ކަމުގެ ހެއްކެއް އަދި ފެނިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މައިންބަފައިން ވަކިވުމާ ގުޅިގެން ފާއިތުވި 12 އަހަރު އެ ކުއްޖާ ދިރިއުޅެމުން ދިޔައީ މާމައާއި ކާފަ ގާތުގައެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްކޫލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އާ އުސޫލުތަކެއް އެކުލަވާލަން ނިންމާފައެވެ.

https://www.sun.mv/225706

މީގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ދެނެގަތުމާއި، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަމްރީނުތައް ހެދުމާއި، ސްކޫލުތަކަށް ވައްދާ ތަކެތި މޮނިޓަރކުރުން ހަރުދަނާކުރުން ހިމެނެއެވެ.

މިއީ 2022 ވަނަ އަހަރަށްފަހު ތައިލެންޑުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި މީހުންގެ އިތުރުން 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

comment ކޮމެންޓް