ފަލަސްތީނަށް ތާއީދުކޮށް ހިނގާލުމެއް ބޭއްވި އަންހެނުންތަކެއް، ސިންގަޕޫރު ކޯޓަކުން ޖޫރިމަނާކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ހިނގާލުން ބޭއްވުމުން ސިންގަޕޫރުން ޖޫރިމަނާކުރި ތިން އަންހެނުން -- ފޮޓޯ/ ބީބީސީ

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ސިންގަޕޫރުގެ ރިޔާސީ އޮފީސް ކައިރީގައި ހިނގާލުމެއް އިންތިޒާމްކުރި ތިން އަންހެނެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ، ކޮންމެ މީހަކު 3000 ސިންގަޕޫރު ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. މިއީ 2024 ވަނަ އަހަރު ބޭއްވި ހިނގާލުމަކާ ގުޅިގެން ހައިކޯޓުން އިއްވި ހުކުމެކެވެ. ސިންގަޕޫރަކީ މުޒާހަރާކުރުމާއި އެއްވުންތައް ބޭއްވުމުގައި ހަރުކަށި ގަވާއިދުތަކެއް ގެންގުޅޭ ގައުމަކަށްވާއިރު، އިސްރާއީލާއި ޣައްޒާ ހަނގުރާމައާ ގުޅޭ އާންމު އެއްވުންތައް އެ ގައުމުގައި ވަނީ މަނާކޮށްފައެވެ.

  • ފަލަސްތީނަށް ތާއީދުކޮށް ހިނގާލުމެއް ބޭއްވި ތިން އަންހެނުން ސިންގަޕޫރު ކޯޓަކުން ޖޫރިމަނާކޮށްފި
  • ކޮންމެ މީހަކު 3000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކުރަން ހައިކޯޓުން ހުކުމްކުރި
  • ދަށު ކޯޓުން ކުރިން ނިންމާފައިވަނީ މައްސަލަ ސާބިތުނުވާ ކަމަށް
  • ސިންގަޕޫރުގައި އިސްރާއީލާއި ޣައްޒާ ހަނގުރާމައާ ގުޅޭ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައި

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ހިނގާލުމެއް އިންތިޒާމްކުރި ތިން އަންހެނުން ސިންގަޕޫރުގެ ކޯޓަކުން ޖޫރިމަނާކޮށްފިއެވެ.

އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހު ހުއްދަ ނެތި މަނާ ސަރަހައްދެއްގައި އެއްވުން ބޭއްވުމުންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ސިންގަޕޫރުގެ ރިޔާސީ އޮފީސް ކައިރީގައި މާޗްމަހު ބޭއްވި އެ ހިނގާލުމަކީ ގަވާއިދާ ޚިލާފަށް އިންތިޒާމްކުރި ހިނގާލުމެއް ކަމަށް ބުނެ އެ ހުށަހެޅި މައްސަލަ އެ ތިން މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް 2024 ވަނަ އަހަރު އޮކްޓޫބަރު މަހު ކޯޓުން ވަނީ ނިންމާފައެވެ.

ނަމަވެސް ދައުލަތުން އިސްތިއުނާފު ކުރުމުން ބުރާސްފަތި ދުވަހު ހައިކޯޓުން އެ ނިންމުން ބާތިލްކޮށް، ކޮންމެ މީހަކު 3،000 ސިންގަޕޫރު ޑޮލަރުން (2،300 ޑޮލަރު) ޖޫރިމަނާ ކުރަން ހުކުމް ކުރިއެވެ.

މުޒާހަރާތަކަށް ހަރުކަށި ހުރަސްތަކެއް އަޅާފައިވާ ސިންގަޕޫރުގައި އާންމު މުޒާހަރާތައް މަދުން ނަމަވެސް ކުރާއިރު، އިސްރާއީލާއި ޣައްޒާ ހަނގުރާމައާ ގުޅުން ހުރި އާންމު އެއްވުންތައް ބޭއްވުން ކަމާބެހޭ ފަރާތްތަކުން ވަނީ މަނާކޮށްފައެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ތިން މީހުން ވަނީ ޝޮޕިން މޯލަކުން ހިނގާފައި ރިޔާސީ އޮފީސް ކައިރިއަށް ގޮސް ބޮޑުވަޒީރަށް ސިޓީ ހުށަހަޅާފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުން ބުނީ އެމީހުން ހިނގާލުން ބޭއްވި ނަމަވެސް ރައީސް އޮފީސް ހުންނަ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދެއްކަން ނޭނގޭ ކަމަށެވެ.

ސިންގަޕޫރުގެ ސަރުކާރުން ބުނާ ގޮތުގައި މުޒާހަރާތަކާ ބެހޭ ގަވާއިދުތަކަކީ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށް ލާޒިމު ކަމެކެވެ. ނަމަވެސް މި ގަވާއިދުތަކުގެ ސަބަބުން ހިޔާލުފާޅުކުރުމުގެ މިނިވަން ގެއްލޭ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް