އެކި ދާއިރާތަކުން ލަންކާއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތައް ބަދަލުކުރުމަށް އަންނަ އާދިއްތަ ދުވަހު ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ފުރާވަޑައިގަތުމަށް ނިންމަވައިފިއެވެ.
އަންނަ ބުދަ ދުވަހުގެ ނިޔަލަށް އެ މަނިކުފާނު ލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ، އެ ގައުމުގެ ރައީސް އަނޫރާ ކުރާމަ ޑިސަނަޔަކަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގައި ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި، ދެ ރައީސުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ލަންކާގެ ރައީސާއި ރައީސް މުއިއްޒު: ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކަކަށް އަންނަ އާދިއްތަ ދުވަހު ރައީސް ލަންކާއަށް ފުރާވަޑައިގަންނަނީ --- ފޮޓޯ/ ރައީސް އޮފީސް
މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ, ސްރީލަންކާގެ ރައީސް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއިން ވަނީ، ސްރީލަންކާގެ ރައްޔިތުން ރާއްޖެ އައުމުން ތިން މަސްދުވަހަށް އޮން އެރައިވަލް ވިސާ ދޫކުރަން ނިންމައިފައިވާކަން ވެސް އިއުލާންކޮށްފައެވެ.
ރާއްޖޭން ލަންކާއާ ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައި ކަމަށްވާއިރު، އެހެންކަމުން މި އަހަރު ދެ ގައުމުގެ ގުޅުމަށް 61 އަހަރު ފުރޭނެއެވެ.