ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ އެވޯޑު ޑރ. ވަޙީދަށް ލިބިވަޑައިގެންފި

ކުރީގެ ރައީސް ވަޙީދަށް ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ އެވޯޑު އަރުވަނީ ----

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މިއަހަރުގެ ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ އެވޯޑު ނުވަތަ 3ޖީ ޕީސް އެވޯޑު ސިންގަޕޫރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އަރުވައިފިއެވެ. މި އެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމާއި ދެފުށްފެންނަ ހެޔޮވެރިކަމެއް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާނުގައި ހެޔޮވެރިކަން ނެތި، ފަލަސްޠީނާއި އެހެނިހެން ގައުމުތަކުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

  • 3ޖީ ޕީސް އެވޯޑު ކުރީގެ ރައީސް ޑރ. ވަޙީދަށް ލިބިވަޑައިގަތުން
  • ކޭމްބްރިޖް އައިއެފްއޭއިން އިންތިޒާމުކޮށްގެން ސިންގަޕޫރުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވޯޑު އެރުވުން
  • ހެޔޮވެރިކަމުގެ އަސާސްތަކާއި ރައްޔިތުންގެ ހައްގުތަކުގެ މުހިންމުކަން ފާހަގަކުރެއްވުން
  • ފަލަސްޠީނާއި އެހެނިހެން ގައުމުތަކުގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖުތަމައު ނުކުޅެދިފައިވާކަން ބަޔާންކުރެއްވުން

ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ މި އަހަރުގެ އެވޯޑު، ނުވަތަ 3ޖީ ޕީސް އެވޯޑު، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ލިބިވަޑައިގެންފިއެވެ.

ގްލޯބަލް ގުޑް ގަވަނަންސް އެވޯޑްސް (ތްރީ ޖީ އެވޯޑްސް) އަކީ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ދެފުށް ފެންނަ ހެޔޮވެރިކަމަށް މަސައްކަތްކުރާ ފަރުދުންނާއި، ސަރުކާރުތަކާއި، މުއައްސަސާތަކުގެ އިތުރުން އެންޖީއޯތަކުގެ އަގުވަޒަންކުރުމުގެ ގޮތުން "ކޭމްބްރިޖް އައިއެފްއޭ" އިން އިންތިޒާމުކޮށްގެން ދޭ ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފުވެރި އެވޯޑެކެވެ.

ކޭމްބްރިޖް އައިއެފްއޭ އަކީ މާލީ ދާއިރާގެ މަޢުލޫމާތާއި ދިރާސާ ފޯރުކޮށްދޭ އިދާރާއެކެވެ. މި އިދާރާއަކީ ދުނިޔޭގެ މާލީ ސިނާޢަތަށް ބޭނުންވާ އިސްތިރާތީޖީ ލަފަޔާއި، ދިރާސާތަކުގެ އިތުރުން ތަޙުލީލީ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ޚާއްސަ އިދާރާއެކެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ބޮޑު ސަމާލުކަމެއް ދެނީ އިސްލާމީ ބޭންކިންގް އަދި ފައިނޭންސްގެ ދާއިރާއަށެވެ.

ކުރީގެ ރައީސް ވަޙީދަށް ބައިނަލްއަގުވާމީ ހެޔޮވެރިކަމުގެ ސުލްހައިގެ އެވޯޑު އެރުވި ހަފްލާގައި ވާހަކަފުޅުދައްކަވަނީ --

ވަޙީދަށް މި އެވޯޑް އެރުވުނީ ސިންގަޕޫރުގެ ފޯސީޒަންސް ހޮޓަލުގައި އިއްޔެ ބޭއްވި ޚާއްސަ ޙަފްލާގައެވެ. މި ޙަފްލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ގިނަ ފަރާތްތަކަށް ގޫޑް ގަވަނަންސްގެ ދާއިރާއިން އެވޯޑްތައް ދީފައިވެއެވެ.

މި އެވޯޑު ހާސިލްކުރެއްވުމަށްފަހު ވަޙީދު ވިދާޅުވީ، އެންމެ މުހިއްމު އެއް ކަމަކީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރުން ކަމަށެވެ.

ވަޙީދު ވިދާޅުވީ، ސަރުކާރު ހިންގުމުގައި ހަވާލުކުރެވޭ ބާރުތަކަކީ އާންމުންގެ ހައްގުތައް ރައްކާތެރިކޮށް، އާންމުންގެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ޒިންމާ އެކުލެވިގެންވާ ބާރުތަކެއް ކަމަށެވެ.

"ނަމަވެސް، ހިތާމައަކީ، ވެވަޑައިގަންނަވާ ވަޢުދުތައް ފުރިހަމައަށް ފުއްދަވަނީ މަދު ބޭފުޅަކަށް ވުން، އަދި އެކަން ނުކުރެއްވޭ ހާލަތްތަކުގައި ޖަވާބުދާރީ ކުރެވެނީ އޭގެތެރެއިން ވެސް މަދު ބޭފުޅުންތަކެއް،" ވަޙީދު ވިދާޅުވިއެވެ.

ހެޔޮވެރިކަން ކުރުމަކީ ވެރިންނަށް ލިބިފައިވާ ބާރުގެ ބޭނުން ހިފުމުގައި ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ، ދެފުށް ފެންނަ ގޮތަކަށް ވެރިކަންކުރުން ކަމަށް ވަޙީދު ވިދާޅުވިއެވެ. ހެޔޮ ވެރިކަމެއް ކުރެވޭނީ ރަނގަޅު ވެރިން ތިއްބެވުމުން ކަމަށް ވެސް ވިދާޅުވިއެވެ. އެ އެމަނިކުފާނު ވިދާޅުވިގޮތުގައި އާންމުންގެ އުންމީދަކީ ވެރިކަމުގެ ބާރުގެ ބޭނުން ނަހަމަގޮތުގައި ނުހިފައި، ކޮރަޕްޝަނުން އެއްކިބާވުމެވެ.

"އަދި އަބަދުވެސް ޤާނޫނީ ސިޔާދަތު ނެގެހެއްޓުމާއި، މަދު މުއްސަނދި ބައެއްގެ ނުފޫޒުން ނިކަމެތި އަޣުލަބިއްޔަތުގެ ހައްގުތައް ނިގުޅައިނުގަތުން، ހަމަ އެފަދައިން، ގިނަ ބައެއްގެ ބާރުވެރިކަމުގެ ތެރެއިން މަދު ބައެއްގެ ހައްގުތައް ފުނޑާނުލުން،" ވަޙީދު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ހެޔޮވެރިކަމުގެ އަހަރީ ރިޕޯޓުގެ 5 ވަނަ ޢަދަދުވެސް އެ ހަފްލާގައި ރައީސް ވަހީދު ނެރެދެއްވި --

ހެޔޮވެރިކަމަކީ، ވަޙީދު ވިދާޅުވިގޮތުގައި، ރައްޔިތުންގެ ބައިވެރިވުން ހިމެނުމާއި، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކީ ރައްޔިތުންނަށް އިޖުތިމާއީ އަދި އިގުތިޞާދީ މަންފާ ފުރިހަމައަށް ހޯދައިދިނުންކަން ބަލައިގަނެ، އެއަށް އިހުތިރާމުކުރުމެވެ.

އެމަނިކުފާނު ވިދާޅުވީ، ހެޔޮވެރިކަމުގެ މަފްހޫމު ބައިނަލްއަގުވާމީ ނިޒާމަށް ވެސް ހަމަހަމަކަމާއެކު އޮންނަންވާނެ ކަމަށެވެ. އެކަމަކު ބާރުގަދަ މަދު ގައުމުތަކުގެ ސަބަބުން އދ.ގެ ނިޒާމު ބަލިކަށިވެފައިވާ ކަމަށް ފާހަގަކުރައްވައި ވަހީދު ވިދާޅުވީ، ބައެއް ގައުމުތަކުން އަނެއްބައި ގައުމުތަކުގެ ބިންތައް ޙިޞާރުކޮށް، އިސްތިއުމާރުކުރުމުގެ ފުރުސަތު ދީފައިވާކަަމަށެވެ.

"ފަލަސްތީނުގެ އިސްތިއުމާރުކޮށްފައިވާ ބިންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން އަތްގަދަކުރަމުންދާ ބިންތަކެެއް، ބައެއް ޤައުމުތަކުން ފާޅުކަން ބޮޑު ގޮތެއްގައި އެހެން ގައުމުތަކުގެ ހަމަނުޖެހުންތަކަށް ހިތްވަރުދީ، މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރޭ، މިސާލަކަށް ސޫދާން، ޔަމަން، ލުބުނާން، އަދި ކޮންގޯގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން އެ ގައުމުތަކުގެ ރައްޔިތުން އުފުލަމުންދާ ތަަކުލީފުތަކަކީ ބަޔާންކުރަންދަތި ކަންކަން،" ވަޙީދު ވިދާޅުވިއެވެ.

އެގޮތުން، ފަލަސްޠީނުގެ ޣައްޒާއާއި ދެކުނު ލުބުނާނުން އެކަނި ވެސް ތިން މިލިއަނަށްވުރެ ގިނަ މީހުން، އެ މީހުންގެ ގެދޮރުން މަޖުބޫރުން ނެރެލައިފައިވާ ކަމަށް، ވަޙީދު ވިދާޅުވިއެވެ. ވަޙީދު ވިދާޅުވީ، މި މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ހިންގުމުގެ ނިޒާމެއް އަދި ނެތް ކަމަށެވެ.

އެއް ކޮޅުން މައުލޫމާތު ހޯދުމުގެ ފުރުސަތު އެންމެންނަށް ފަހިވެފައި އޮތް ނަމަވެސް، މައުލޫމާތު ފޯރުކޮށްދޭ ނިޒާމާއި، އިންޓަނެޓުގައި ހުންނަ މައުލޫމާތުތައް ފޮރުވައި ކޮންޓްރޯލްކުރުމުގެ ބާރު މަދު ބަޔަކަށް ލިބިދީފައިވާކަން ވަޙީދު ފާހަގަކުރެއްވިއެވެ.

"މިކަން އެންމެ ސާފުކޮށް ފެނިގެންދިޔައީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ މައުލޫމާތު ފެތުރުމުގައި ސަރަޙައްދީ ގޮތުން ގެންގުޅޭ ތަފާތުކުރުންތަކުންނާއި، ހުޅަނގުގެ މައިގަނޑު މީޑިއާތަކުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭ ގޮތުން،" ވަޙީދު ވިދާޅުވިއެވެ.

ވަޙީދު ވިދާޅުވީ، މިއީ ހެޔޮވެރިކަމުގެ އަސާސްތައް ކުރިއަށް ނެރެ، ހަމަބުއްދި އިސްކޮށް، ދުނިޔޭގެ އަމަންއަމާންކަމާއި ސުލްހައަށް މަސައްކަތްކުރަންވީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

comment ކޮމެންޓް