ދީޕަކް ކުމާރު ޑައިރެކްޓްކޮށް، ފިލްމީ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ތަމަންނާ ބާޓިއާ މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "ވާން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ރަސްމީ ޓީޒާ ދައްކާލައިފިއެވެ.
މި ޓީޒާއިން ފެންނަނީ ސިހުރުވެރި އަދި އެހާމެ ބިރުވެރި ސިއްރުތަކެއް އެކުލެވިގެންވާ މާހައުލެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ގޮތްނޭނގޭ ނުރައްކާތެރި ބާރަކުން ހިމާޔަތްކޮށްފައިވާ، ވަނުން މަނާ ޖަންގައްޔެއްގެ ވަށައިގެންނެވެ.
ޒަމާނުއްސުރެ ދެކެވޭ ވާހަކަތަކަށް ބަލާއިރު، ރޭގަނޑުގެ ވަގުތުތަކުގައި އެ ޖަންގައްޔަށް ވަންނަ އެއްވެސް މީހަކު ސަލާމަތުން އެނބުރި އައިސްފައެއް ނުވެއެވެ. ނަމަވެސް، ދިމާވާ ހާދިސާތަކެއްގެ ސަބަބުން ފިލްމުގެ ބަތަލަށް އެ ބިރުވެރި ޖަންގައްޔަށް ވަންނަން މަޖުބޫރުވެއެވެ.

ފިލްމު "ވާން: ފޯސް އޮފް ދަ ފޮރެސްޓް"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ
މި ޓީޒާގައި ބޭނުންކޮށްފައިވާ ފުރިހަމަ ވީއެފްއެކްސްގެ ސަބަބުން، ބަތަލަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތައް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ދައްކުވައިދެއެވެ. ޖަންގައްޔާ އޭނާއާ ދެމެދު އޮތް ގޮތްނޭނގޭ ގުޅުން ހާމަވަނީ އޭނާގެ ބައިވެރިޔާގެ ފަރާތުންނެވެ. ޓީޒާ ކުރިއަށްދާ ވަރަކަށް ބަތަލަށް ފެންނަ ބިރުވެރި މަންޒަރުތަކާއި ހުވަފެންތައް އިތުރަށް ވަރުގަދަވަމުންދާ ތަން ފެނެއެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ސުނިލް ގްރޯވާ، މަނީޝް ޕޯލް، ޝްވޭތާ ތިވާރީ އަދި އަނޫޕް ސޯނީ ފަދަ ކުޅަދާނަ ތަރިން ވެސް ފެންނާނެއެވެ.
މުމްބާއީގައި ދާދިފަހުން ބޭއްވި "ކޮމިކް ކޮން" އިވެންޓުގައި މި ފިލްމުގެ ޓީމުން ބައިވެރިވެ ފުރަތަމަ ޓީޒާ ދައްކާލުމުގެ އިތުރުން، "ދަ ލެޖެންޑް އޮފް ވާން"ގެ ނަމުގައި ހާއްސަ ކޮމިކް ފޮތެއް ވެސް ވަނީ ނެރެފައެވެ. މި ގްރެފިކް ނޮވެލްއަކީ ފިލްމުގެ މައި ވާހަކައިގެ ކުރިން ހިނގާފައިވާ ކަންކަން ކިޔައިދޭ ޕްރީކުއަލްއެކެވެ.
އަރުނާބް ކުމާރުގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ އެކްތާ ކަޕޫރާއި ނީރަޖް ކޯތާރީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ބާލާޖީ ޓެލެފިލްމްސް އަދި ޓީވީއެފް މޯޝަން ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މި އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.