ޕީއެންއެފާއި އެމްޑީޕީގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އީސީން އަންގައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: ޕީއެންއެފާއި އެމްޑީޕީގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އީސީން ވަނީ އަންގައިފައި --- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަނުން ވަނީ އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފް އިން ކުރިއަށްގެންދާ މުޒާހަރާތަކުގައި ސިޔާސީ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ފާޑުނުކިޔުމަށް އަންގައި ސިޓީ ފޮނުވާފައެވެ. އަދި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމާއި ގާނޫނާ ޚިލާފު އަމަލުތައް ނުކުރުމަށްވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މީޑިއާ ކޮމިޝަނުން ބައެއް މުޒާހަރާތައް ލައިވްކުރުން މަނާކޮށްފައިވާއިރު، ރައީސަށް ތުހުމަތުކޮށް ޑޮކިއުމެންޓަރީއެއް ނެރުނު އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައިފާސްކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ.

  • އެމްޑީޕީ އަދި ޕީއެންއެފްއަށް އީސީން އިންޒާރުގެ ސިޓީ ފޮނުވުން
  • ވެރިންގެ އަމިއްލަ ދިރިއުޅުމަށް ފާޑުކިޔުން ހުއްޓާލުމަށް އެންގުން
  • ނަފުރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރުން
  • އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައިފާސްކުރުން

އިދިކޮޅު އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައީސަކަށް ހުންނަވާ ޕީއެންއެފްގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އަންގައި އިލެކްޝަންސް ކޮމިޝަން (އީސީ)ން އެ ޕާޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީތަކާ ގުޅުވައި، ޕީއެންއެފްއިން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އިދިކޮޅު އެމްޑީޕީން ވެސް އަންނަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ބާއްވަމުންނެވެ.

އެ މުޒާހަރާތަކުގައި، އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް އުފައްދާފައިވާ ޑޮކިއުމެންޓަރީއަށް އިޝާރާތްކޮށް ވެސް ސަރުކާރަށް ފާޑުކިޔައެވެ.

https://sun.mv/221209

އެ މުޒާހަރާތަކަށް އިޝާރާތްކޮށް އީސީން، ދެ ޕާޓީއަށް ފޮނުވި ސިޓީގައި ވަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ މުޒާހަރާތަކުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ހަމައެއާއެކު، ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އީސީން އަންގައިފައިވެއެވެ.

ޕީއެންއެފްގެ މުޒާހަރާއެއްގެ ތެރެއިން: ޕީއެންއެފާއި އެމްޑީޕީގެ މުޒާހަރާތަކުގަައި ޕާޓީތަކުގެ ވެރިންގެ އަމިއްލަ ދިރިއުޅުމަށް ފާޑުނުކިޔުމަށް އީސީން ވަނީ އަންގައިފައި -- ފޮޓޯ/ ޕީއެންއެފް

އެ ކޮމިޝަނުން ވަނީ، ގާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވެފައެވެ. އަދި ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުހަބާ ކިޔާނެ ކަމަށް އެ ސިޓީތަކުގައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރުމަށް 'ޗެނަލް 13'އަށް އަންގައިފައެވެ. އަދި މިދިޔަ ހަފުތާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުން މާލޭގައި ރޭގަނޑު ބާއްވަމުންދާ އެއްވުންތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އީސީން އެ ސިޓީތައް ފޮނުވިއިރު، އަދަދު ނޫހުން ރައީސަށް ތުހުމަތުތައްކޮށް ނެރެފައިވާ ޑޮކިއުމެންޓަރީއާ ގުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ރޭ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށްފައެވެ. އަދި އެ ނޫހުގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވެއެވެ.

އެ މައްސަލައިގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ނޫސްވެރިންގެ ފާޑުކިޔުން ސަރުކާރާއި ފުލުހުންނަށް އަމާޒުވެފައިވެއެވެ.

comment ކޮމެންޓް