ޔޫއޭއީން ''ގައުމީ މަސްލަހަތު'' އިސްކޮށް، އޯޕެކުން ވަކިވެއްޖެ

ޔުނަައިޓެޑް އެރެބް އެމިރޭޓްސް އިން ވަނީ އޯޕެކް އިން ވަކިވިކަން ހާމަކޮށްފައި. ފޮޓޯ/ރޮއިޓާސް

ދުނިޔޭގެ ތެލުގެ ރިޒާވްގެ 80 ޕަސެންޓް ކޮންޓްރޯލް ކުރާ ގައުމުތައް ހިމެނޭ އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް)އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވަކިވެއްޖެއެވެ.

މިއީ އެމެރިކާއާއި އިރާންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުގައި، އޯޕެކަށް ކުރިމަތިވި އިތުރު ގޮންޖެހުމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ ސާފުނުކުރާ ތެލާއި ލިކުއިފައިޑް ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އުފައްދާ އީރާނާއި އޮމާނާ ދެމެދު އޮންނަ ހަނި ޗޮކްޕޮއިންޓެއް ކަމަށްވާ، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ހަކަތަ ފޯރުކޮށްދިނުމަށް ގަލްފް ގައުމުތަކަށް މިހާރު ވެސް ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ޔޫއޭއީގެ ހަކަތައާބެހޭ ވަޒީރު ސުހައިލް މުޙައްމަދު އަލް މަރްޒޫއީ ވިދާޅުވީ، އޯޕެކުން ވަކިވާން ނިންމީ ގައުމުގެ ސިޔާސަތުތަކަށް ބިނާކޮށް ކަމަށާއި، އެއީ ތެޔޮ އުފައްދާ މިންވަރާއި މުސްތަގުބަލުގައި އުފައްދާނެ މިންވަރާ ގުޅުވައި ނިންމި ނިންމުމެއް ކަމަށެވެ.

އޭނާ ވަނީ، އެއްވެސް ބައެއްގެ ދަށުން މަސައްކަތް ކުރަން ނުޖެހުމަކީ އިތުރު ފަސޭހައެއްގެ ގޮތުގައި ވެސް ސިފަކުރައްވައިފައެވެ. އަދި އޯޕެކުން ޔޫއޭއީ ވަކިވި ނަމަވެސް ބައިނަލްއަގުވާމީ ބާޒާރަށް އެކަމުގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީ އޯޕެކާ ގުޅުނީ 1967 ވަނަ އަހަރެވެ.

އޯޕެކުން ޔޫއޭއީ ވަކިވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވައި އެމްއެސްޓީ ފައިނޭންޝަލްގެ އެނާޖީ ރިސާޗްގެ ހެޑް ސޯލް ކަވޮނިކް ވިދާޅުވީ މިއީ "އޯޕެކްގެ ނިމުމުގެ ފެށުން" ކަމަށެވެ.

"ޔޫއޭއީ އޯޕެކް ދޫކޮށްލުމުން އޯޕެކްގެ ކެޕޭސިޓީގެ ގާތްގަނޑަކަށް %15 ގެއްލި، އެންމެ ވަފާތެރި އެއް މެމްބަރު ވެސް ގެއްލިގެންދާނެ." އޭނާ ވިދާޅުވިއެވެ.

ޔޫއޭއީން މިގޮތަށް ނިންމީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރެކޯޑް ކުރެވިފައިވާ ތެލުގެ ސަޕްލައިއަށް ފާއިތުވެދިޔަ އަހަރުތަކުގައިވެސް ނުލިބޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަަމަށް، ވޯލްޑް ބޭންކުންވެސް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ހަކަތައިގެ އަގުތައް އެވްރެޖްކޮށް މައްޗަށް ދާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެއެވެ.

އޯޕެކްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޔޫއޭއީ އިން އަހަރަކު 2.9 މިލިއަން ފީފާ ތެޔޮ އުފައްދައެވެ. އޯޕެކްގެ އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ އަރަބިއްޔާއިން ނުވަ މިލިއަން ފީފާ ތެޔޮ އުފައްދައެވެ.

އޯޕެކް އުފެއްދީ 1960 ވަނަ އަހަރު އީރާން، އިރާގު، ކުވޭތު ސައުދީ އަރަބިއްޔާ އަދި ވެނެޒުއެލާއިން ގުޅިގެންނެވެ. އެ ކުންފުނީގެ އަމާޒަކީ މެމްބަރު ގައުމުތަކަށް އެއްވަރެއްގެ އާމްދަނީއެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. ޔޫއޭއީ ވަކިވުމުން އޯޕެކްގެ މެމްބަރު ގައުމުތަކުގެ އަދަދު 11 އަށް މަދުވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް