ވޮޝިންޓަން (28 އެޕްރީލް 2026): އީރާން ހިސާރުކުރަން އެމެރިކާއިން މިހާރު ފަށާފައިވާ "އިކޮނޮމިކް އޭންގާ ޕްރޮސެސް"އިން އެމެރިކާ އެދޭ ދޫތައް ދޭން އީރާނަށް މަޖުބޫރުވާ ހިސާބަށް އިގުތިސާދީ ގޮތުން އީރާން އިނދަޖައްސާލެވޭނެ ކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބިސެންޓް ވިދާޅުވެއްޖެއެވެ.
ވޮޝިންޓަންގައި ދެއްވި ބަޔާނެއްގައި ސްކޮޓް ބިސެންޓް ވިދާޅުވީ، އީރާނާ ދެކޮޅަށް ހަނގުރާމަކޮށްގެން އެމެރިކާއަށް ހާސިލު ނުކުރެވުނު ކަންކަން އީރާން ހިސާރުކުރުމަށް އެމެރިކާއިން މިހާރު ފަށާފައިވާ ޚާއްސަ އޮޕަރޭޝަން ކަމަށްވާ "އިކޮނޮމިކް އޭންގާ ޕްރޮސެސް"އިން ހާސިލުވާނެކަމުގައެވެ.
މި އޮޕަރޭޝަން ނުވަތަ ޕްރޮސެސްގެ ދަށުން އެމެރިކާ އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އޮމާން ކަނޑާއި އަރަބި ކަނޑަށް އައްސޭރިވާ އީރާނުގެ ބަނދަރުތައް ހިސާރުކޮށް ކަނޑުގެ މަގުން އީރާނަށް ތެޔޮބޭރުކުރެވޭނެ ހުރިހާ މަގެއް ބަންދުކުރުމާއި އީރާނާ އެކު އިގުތިސާދީ އަދި ވިޔަފާރީގެ މުއާމަލާތް ކުރާ ހުރިހާ ފަރާތްތަކަކަށް (ގައުމުތަކަށާއި ކުންފުނިތަކަށް) ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
އީރާންގެ އެއާލައިންތަކަށް ޚިދުމަތްދޭ ފަރާތްތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބިސެންޓް ވިދާޅުވިއެވެ.
"އަހަރެމެން ވާނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި. އެކަމުން އީރާނަށް ވޭންދެނިވި ގެއްލުންތަކެއް އެބަލިބޭ. އަދި އީރާނުގެ ފަސިންޖަރު މަތިންދާ ބޯޓުތައް ޖެއްސުން މަނާކުރުމަށާއި އީރާނުގެ ފަސިންޖަރު މަތިންދާ ބޯޓުތަކަށް އެއްވެސް ޚިދުމަތެއް ނުދިނުމަށް ގައުމުތަކަށްވާނީ އަންގާފައި. މިއެންގުމާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ހަރުކަށި ފިޔަވަޅުތައް އަޅާނެ،" އެމެރިކާގެ މާލީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާ އީރާންގެ ބަނދަރުތައް ހިސާރުކުރާތީ އީރާނުންވަނީ ހުރުމުޒު ކަނޑުއޮޅި ހިސާރުކޮށް އެ ކަނޑުއޮޅި ހުރަސްކުރާ ބޯޓުތަކުން ފީ އެއް ނަގަން ފަށާފައެވެ. މިކަމުގެ ސަބަބުން އީރާނަށް ބޮޑު އާމްދަނީއެއް ލިބެން ފަށާފައިވާތީ އެމެރިކާއިން ވަނީ ރުޅިގަދަވެ، މި ކަމާ މެދު ކަންބޮޑުވާކަން އެތައް ފަހަރަކު ހާމަކޮށްފައެވެ. ނަމަވެސް، އެމެރިކާއިން ވަނީ އީރާނަށް ގޮންޖަހައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް ނުކުޅެދިފައެވެ.
އީރާނުން ވަނީ އެ ގައުމުގެ ބަނދަރުތައް ހިސާރުކޮށް ދުނިޔޭގެ މާކަނޑުތަކުން ދަތުކުރާ އީރާންގެ އުޅަނދުތަކަށް ހުރަސްއެޅުމަށް އެމެރިކާ ހިންގާ އަމަލުތަކަކީ ކަނޑުފޭރުމުގެ އަމަލުތަކެއްކަމަށް ސިފަކޮށްފައެވެ. ޗައިނާއިން ވެސް ވަނީ ބައިނަލްއަގުވާމީ އިމުގެ ތެރޭގައި އޮތުމަށް އެމެރިކާއަށް ގޮވާލާފައެވެ. އަދި، ބައިނަލްއަގްވާމީ ކަނޑުގެ ދަތުރު ފަތުރަށް ހުރަސް އެޅުމަށް އެމެރިކާ ހިންގާ އަމަލުތަކަކީ ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫން ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފައެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެއް ބޭނުމަކީ އީރާންގެ ތެލަށް އަތްގަދަކުރުމެވެ. މިއީ މުޅި ދުނިޔޭގެ ތެލާއި އެ ނޫން ވެސް ގުދުރަތީ ރިސޯސްތަކަށް ގަދަބާރުން އަތްގަދަކޮށްގެން ޗައިނާފަދަ އެމެރިކާއާ ވާދަވެރި ގައުމުތަކަށް ފިއްތުންތައް ކުރުމަތިކޮށް ބުލީކޮށްގެން އެ ގައުމުތަކުން އެމެރިކާ ބޭނުންވާ ސިޔާސީ އަދި އިގުތިސާދީ މަގުސަދުތައް ހާސިލުކުރަން އެމެރިކާއިން ފެށި ހަނގުރާމައެކެވެ.
ނަމަވެސް، ހަނގުރާމައިން މާ ބޮޑު މަގުސަދެއް ހާސިލުވާނެކަމުގެ އުންމީދު ގެއްލުމުން އެމެރިކާއިން ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލީއެވެ. މިހާރު އެމެރިކާއިން ބޭނުންވަނީ އީރާން ފަދަ ކުޑަ ގައުމަކާ ދެކޮޅަށް ކުރި ހަނގުރާމަ ނާކާމިޔާބުވުމުން ކުރިމަތިވެފައިވާ ލަދުން ސަލާމަތްވާނެ ގޮތެއް ހޯދުން ކަމަށް ވެސް މުހައްލިލުން ވިދާޅުވެއެވެ.
ޖަރުމަނުގެ ޗާންސެލާ ފްރެޑްރިޗް މޭޒް ވަނީ ހަނގުރާމައިގާ އީރާންގެ ކުރިމަތީގައި އެމެރިކާ ފެނުނީ ހީކުރި ގޮތާ ޚިލާފަށް ބަލިކަށިކޮށް ކަމަށާއި އެމެރިކާއަށް އީރާނުގެ ބާރާއި އަޒުމު އެއްގޮތަކަށް ވެސް ވަޒަން ކުރެވިފައި ނުވާކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. މިއާއެކު އީރާނުން ގެންދަނީ އެމެރިކާ ވަރަށް ދަށްކޮށް ނިކަމެތިކުރަމުން ކަމަށް ވެސް ޖަރުމަނުގެ ޗާންސެލާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ހަނގުރާމަ ފެށި ދުވަސްވަރު ޖަރުމަނުގެ ޗާންސެލާ ވަނީ އެމެރިކާއަށް ލިބިފައިވާ އަސްކަރީ ގަދަފަދަ ބާރާއެކު އެމެރިކާ ވަރަށް އަވަހަށް އީރާން އިނދަޖައްސާލާނެ ކަމަށް ވިދާޅުވެ، ޓްރަމްޕަށް ތާރީފުކުރައްވައި ވާހަކަދައްކަވާފައެވެ.