އީރާނުން އެމެރިކާ ނިކަމެތިކުރާ ކަމަށް ޖަރުމަނުން ބުނެފި

ޖަރުމަނުގެ ޗާންސެލާ ފްޑްރިކް މާޒް، އީރާނުން އެމެރިކާ ނިކަމެތި ކުރަމުންދާ ކަމަށް މާޒް ވަނީ ވިދާޅުވެފައި. ފޮޓޯ/އޭއެފްޕީ

ހަނގުރާމައިގައި އީރާނުން އެމެރިކާ ނިކަމެތިކުރަމުން އަންނަ ކަމަށާއި އެމެރިކާއަށް ހަނގުރާމައިން ނުކުންނާނެ މަގެއް ފެންނަ ނެތް ކަމަށް ޖަރުމަނުގެ ޗާންސެލާ ފްރިޑްރިކް މާޒް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޖަރުމަނުގެ މާސްބާގް ޓައުންގައި ދަރިވަރުންތަކަކާ ވާހަކަދައްކަވަމުން މާޒް ވިދާޅުވީ, މާޒީގެ އަސްކަރީ ނާކާމިޔާބީތަކާ އަޅާކިޔާއިރު އެމެރިކާއަށް މި ފަހަރު މާ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"މިފަދަ ކޯޅުންތަކުގައި މައްސަލައަކީ އަބަދު ވެސް ވަންނަން އުޅޭކަން. ހަނގުރާމައިން ނުކުނަން ވެސް ޖެހޭ. އެކަން ވަރަށް ވޭންދެނިވި ގޮތަކަށް އަފްޣާނިސްތާނުން 20 އަހަރު ވަންދެން ފެނުން. އިރާގުން ފެނުނު," އޭނާ ވިދާޅުވިއެވެ.

މާޒް ވިދާޅުވީ އީރާނުގެ އޮފިޝަލުން "ސާފުކޮށް ވަރަށް ހުނަރުވެރިކަމާއެކު މުއާމަލާތް ކުރަމުންދާ" ކަމަށާއި ފިކުރު ވަރަށް ސާފުވެފައި ވަރުގަދަ ކަމަށެވެ. އީރާނުން ޚާއްސަކޮށް އިސްލާމިކް ރިވޮލިއުޝަަނަރީ ގާޑު ކޯޕް، އައިއާރްޖީސީން ގައުމެއް ނިކަމެތި ކުރަމުންދާ ކަމަށް މާޒް ވިދާޅުވިއެވެ.

މާޒް ވަނީ ހަނގުރާމަ އަވަސްގޮތެއްގައި ނިމުމަކަށް ގެނައުމަށް އިލްތިމާސްކުރައްވައި، އޭގެ ސަބަބުން ޖަރުމަނުގެ އިގުތިސާދަށް މިހާރު ވެސް އަސަރު ކުރަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ.

މާޒް ވިދާޅުވީ، ދުނިޔޭގެ ޕެޓްރޯލިއަމް ސަޕްލައި ކުރާ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ޝިޕިން ރޫޓްތައް ރައްކާތެރި ކުރުމަށް އެހީތެރިވުމަށް ބާލިން ތައްޔާރަށް އޮތް ނަމަވެސް އެފަދަ ފިޔަވަޅުތައް ބިނާވެފައިވަނީ ހަމަލާތައް ހުއްޓުމާ ކަމަށެވެ.

މާޒް އެގޮތަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ހަކަތައަށް ބުރޫއެރުމާއި އިގްތިސާދީ ނުތަނަވަސްކަން އިތުރުވަމުންދާތީ، ޔޫރަޕްގައި ކަންބޮޑުވުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.

ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުންދިޔަ ހަމަލާތައް މި ވަގުތަށް ހުއްޓާލާފައިއޮތްއިރު، ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކާމިޔާބެއްނުވެއެވެ.

comment ކޮމެންޓް