ޓެކްސީ އަގުތައް މުރާޖައާކުރާނީ ހުރިހާ ފަންތިތަކެއްގައި މަޝްވަރާކުރުމަށް ފަހު: ސަޢީދު

މިނިސްޓަރު ސައީދު: ވިދާޅުވީ ޓެކްސީގެ އަގަށް ބަދަލު ގެންނާނީ މަޝްވަރާއަށް ފަހު ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، ޓެކްސީ ދަތުރުތަކަށް ކަނޑައަޅައިފައިވާ އަގުތައް މުރާޖައާކުރުމަށްޓަކައި ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ އެކު މަޝްވަރާކުރެވޭނެއެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ 12.5 އިންސައްތަ ބޮޑުވެފައެވެ. މި ސަބަބާ ހުރެ ޓެކްސީ ޑްރައިވަރުން ވަނީ ދަތުރުތަކުގެ އަގުތަކަށް ބަދަލު ގެނެސްދިނުމަށް އެދިފައެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހާއި، ޑްރައިވަރުންނާއި، ޓެކްސީ ސެންޓަރުތަކުގެ އިތުރުން އާންމު ރައްޔިތުންނާ ވެސް މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، ޓެކްސީތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލޭގެ މަގުތަކުގައި ތޮއްޖެހުމާއި ޕާކިން މައްސަލަތަކަށް ހައްލު ހޯދުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

  • ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓެކްސީ އަގުތައް މުރާޖައާކުރަނީ
  • އަގުތަކަށް ބަދަލު ގެންނާނީ ހުރިހާ ފަރާތްތަކަކާ މަޝްވަރާކުރުމަށްފަހު
  • ޓެކްސީތަކުގެ ފެންވަރު ހިފެހެއްޓުމަށް ސަރުކާރުން އިސްކަންދޭ
  • ޕާކިން މައްސަލަތަކާއި ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރާނެ

ޓެކްސީކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގުތައް މުރާޖައާކުރާނީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރަންޖެހޭ ހުރިހާ ފަންތިއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެންމެ ބޮޑަށް އުފުލިފައިވަނީ ތެލުގެ އަގެވެ. އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 95 އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ. ބޭރުގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާއެކު، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ 12.5 އިންސައްތަ އުފުލިފައެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލާ އެކު ޓެކްސީކުރާ އަގުތައް މުރާޖައާކޮށްދިނުމަށް ޑްރައިވަރުން އެދިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

މި މަހުގެ މެދުތެރޭ ޓްރާންސްޕޯޓުގެ މެންޑޭޓާ ހަވާލުވި ސަޢީދު ވިދާޅުވީ، ޑްރައިވަރުންގެ ފަރާތުން މިނިސްޓްރީއަށް ލިބިފައިވާ ސިޓީތައް ބަލައި، ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި އަގުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހު، ޑްރައިވަރުންނާއި ޕްރައިވެޓް ޓެކްސީ ސެންޓަރުތަކާ އެކު ވެސް މަޝްވަރާކުރައްވަން ބޭނުންވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އެ ބޭފުޅުންނާ އެކީ ކޮންސަލްޓޭޝަން ގެންދާނަން،" ސަޢީދު ވިދާޅުވިއެވެ.

https://sun.mv/220067

މާލޭގައި ޚިދުމަތްދޭ ޓެކްސީތައް ވަކިި މިންގަނޑަކަށް ފެތެން ޖެހޭ ކަމަށް ސަޢީދު ގަބޫލުކުރައްވައެވެ.

"އަޅުގަނޑު ދެކުނިން މީގެ ދެ ދުވަހެއްކުރިން ސޯޝަލް މީޑިއާގައި ޓެކްސީއެއްގެ ކޮލިޓީއޭ ކިޔާފައި މީހަކު ކުރި ޕޯސްޓެއް، އޭގައި އިނީ ހަލާކުވެފައި ހުރި ސީޓެއް. ނުބުނޭ ކޮން ޓެކްސީ ނަންބަރެއްކަން ކޮން ބޭފުޅެއްކަން، އެނގުނު ނަމަ އަޅުގަނޑު އެ ފަރާތަކަށް ރީޗްވާނަން، މަސައްކަތްކުރާނަން، ޓެކްސީ ޑްރައިވަރު ވެސް ދައްކާނެ ވާހަކަ ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

"ހުރިހާ ފަރާތެއް ވެސް ވާހަކަދައްކައިގެން ތިކަން ރަނގަޅުކުރަން އަޅުގަނޑު ބޭނުން،"

ސަޢީދު ވިދާޅުވީ، ސަރުކާރުން ގަސްދުކުރަނީ އާންމުންނާއި ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުގެ ވާހަކަތައް އަޑުއަހައި، ހުރިހާ ފަރާތްތަކަކުންވެސް ދިމާވާ މައްސަލަތަކާއި ހައްލު ހުށަހަޅައި، ގައުމީ ފެންވަރުގައި މަޝްވަރާކުރުމަށް ކަމަށެވެ.

އެއާއެކު، މާލޭގެ މަގުތައްމަތީގައި އުޅަނދުފަހަރު ޕާކުކޮށްފައި ބަހައްޓާ އަދަދު އިތުރުވެ، އުޅަނދުފަހަރު ހުންނަންޖެހޭ ވަރަށް ވުރެ އިތުރުވުމުގެ ސަބަބުން އެމްބިއުލާންސް ފަދަ މުހިއްމު އުޅަނދުފަހަރަށް ބައެއް ފަހަރު ދަތުރުނުކުރެވޭތީ، އެ ކަމާ ގުޅޭ ޝަކުވާ ރައްޔިތުން ކުރާ ކަން ވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅައިފައިވާ އަގުތަކަކީ:

  • މާލެތެރޭ ދަތުރުތަކަށް 30ރ
  • ހުޅުމާލެ ދެ ފިޔަވަހި ދެމެދު ނަމަ 40ރ
  • މާލެއާއި އެއާޕޯޓާ ދެމެދު ނަމަ 70ރ
  • މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެމެދު ނަމަ 85ރ
  • މާލެއާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދެމެދު ނަމަ 100ރ

ސައިކަލު ޓެކްސީތަކުގައި އަގަކީ ކާރު ޓެކްސީގެ ދެބައިކުޅަ އެއްބައެވެ.

މާލޭގައި ދެ ޓެކްސީއެއް: މާލޭ ޓެކްސީ ޚިދުމަތް ފެށީ މި މަހު -- ފޮޓޯ/ އެމްޓީސީސީ

ފާހަގަކުރެވޭ ގޮތުގައި، ސަރުކާރުގެ ޓެކްސީ ލައިން ފަށަން ތައްޔާރުވެފައި އޮއްވައި، ޑްރައިވަރުން ވަނީ ކަންބޮޑުވުންތަކާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކޮށްފައެވެ.

އެގޮތުން މިދިޔަ ޑިސެންބަރު މަހުގެ 23ވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި، ޑްރައިވަރުން ވަނީ މާލޭގައި ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކްކުރުމުގައި ހުރި ދަތިތައް ހައްލުކުރަން ގެނެވިދާނެ ބައެއް ބަދަލުތައް ހިއްސާކޮށްފައެވެ. އަދި، ޓްރެފިކް މައްސަލަތައް މަދުކުރަން މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލުތައް ވެސް ހިއްސާކޮށްފައެވެ.

comment ކޮމެންޓް