އާދައިގެ ސީދާ ސާދާ ރޯލްތައް ކުޅެން މިހާރު މާބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖައިދީޕް އަހްލަވާތު ބުނެފިއެވެ.
ޖައިދީޕް ހާމަކުރި ގޮތުގައި، އާންމުކޮށް ފިލްމުތަކުން ފެންނަ ބަތަލުންނާއި ވިލަނުންގެ ސިފަތަކަށް ވުރެ ބޮޑަށް، ކޮންމެ ކެރެކްޓާއެއްގައި ވެސް ތަފާތުކަމެއް ހިމެނުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. އެއީ ފެންނަ ފެނުމަށް ވަރަށް އާދައިގެ ކެރެކްޓާއެއް ކަމަށް ވީނަމަވެސް، އެއަށް ދިރުން ގެނައުމަކީ އޭނާ އިސްކަންދޭ ކަމެކެވެ.
"ގޭންގްސް އޮފް ވަސޭޕޫރް"، "ރައީސް"، "ޕާތާލް ލޯކް"، "ބްރޯކަން ނިއުސް"، "ތުރީ އޮފް އަސް"، "ޖާނޭ ޖާން" އަދި "ދަ ފެމިލީ މޭން 3" ފަދަ މަޝްހޫރު ފިލްމު އަދި ވެބް ސީރީސްތައް ކުޅެފައިވާ ޖައިދީޕް ބުނީ، އެއް މިސްރާބަކަށް ހުންނަ (ވަން ޑައިމެންޝަނަލް) ރޯލުތައް ކުޅުމަށް އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޖައިދީޕް މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ އެންމެ ފަހު ސީޒަންގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ނޫސްވެރިޔާ ހުސައިން ޒައިދީގެ އާ ފޮތް "މާފިއާ ކްއީންސް އޮފް އިންޑިއާ" ނެރުމަށް ބޭއްވި ހަފުލާއެއްގެ ތެރެއިން ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ޖައިދީޕް ބުނީ، އޭނާގެ އަނެއް މަގްސަދަކީ އެ ކެރެކްޓާއަކީ ބެލުންތެރިންނަށް ގަބޫލުކުރެވޭ ފަދަ ހަގީގީ ސިފަތަކެއް ހުރި މީހަކަށް ހެދުމެވެ.
"އެ ރޯލެއް ލިޔެފައިވާ އަސްލު އިހުސާސްތައް ބެލުންތެރިންނަށް ފޯރުކޮށްދޭން ޖެހޭ. އެހެން ނޫނީ ވާހަކައިގެ މާނައެއް ނޯންނާނެ. އެއީ ރަނގަޅު ކެރެކްޓާއެއް ކަމަށް ވިޔަސް ނުވަތަ ނުބައި ކެރެކްޓާއެއް ކަމަށް ވިޔަސް، އޭގައި ގިނަ ސިފަތަކެއް ހިމެނޭ ނަމަ އެ ރޯލެއް ކުޅެން ވަރަށް މަޖާވާނެ،" އޭނާ ބުންޏެވެ.
ޖައިދީޕް ފާހަގަކޮށްލެވެނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެތެރޭ އޭނާގެ ކުޅަދާނަ އެކްޓިންގް ހުނަރުން ބެލުންތެރިންގެ ހިތް ފަތަހަކޮށްލި އެކްޓަރެއްގެ ގޮތުގައެވެ. ޖައިދީޕް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޑައިރެކްޓަރު ސުދީޕް ޝަރުމާގެ "ކޯރާ 2" އިންނެވެ.