މަޝްހޫރު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު މީރާ ނައިރް އުފައްދާ ހާއްސަ ބައޮގްރަފިކަލް ޑްރާމާއެއްގެ ރޯލަކުން ބަތަލާ ޕްރިޔަންކާ ޗޯޕްރާއަށް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މީރާ ނައިރް "އަމްރީ"ގެ ނަމުގައި ގެނެސްދޭ މި ބައޮޕިކް އަކީ މަޝްހޫރު ކުރެހުންތެރިޔާ އަމްރިތާ ޝޭރުގިލްގެ ހަޔާތުގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
މި ބައޮޕިކްއާ ބެހޭ ގިނަ ތަފްސީލުތަކެއް ސިއްރުކޮށްފައި ވީނަމަވެސް، ފިލްމީ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި ޕްރިޔަންކާ ފިލްމުގައި ކުޅެފައި ވަނީ ކުރު އެހެނަސް ވަރަށް މުހިއްމު ރޯލެއް ކަމަށެވެ.
މިޑް-ޑޭ' ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޕްރިޔަންކާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ދާދި ފަހުން އޭނާ އިންޑިއާއަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.
"މި ފިލްމަކީ އަމްރިތާ ޝޭރުގިލްގެ ހަޔާތް ހަންގޭރީ، އިންޑިއާ އަދި ފްރާންސްގައި ދައްކުވައިދޭނެ ފިލްމެއް. މީރާ ނައިރް މި ރޯލަށް ޕްރިޔަންކާ ގާތު އެދިފައި ވަނީ މިދިޔަ އަހަރު. އަދި އޭނާ ވަނީ މިދިޔަ ހަފްތާގައި ދެ ދުވަހުގެ ތެރޭގައި އަމްރިތުސަރުގައި މި ފިލްމުގެ މަންޒަރުތައް ނިންމާފައި،" ފިލްމީ ޚަބަރުތައް ގެނެސްދޭ މަސްދަރަކުން ބުނެފައިވެއެވެ.

ޑައިރެކްޓަރު، ޕްރޮޑިއުސަރު މީރާ ނައިރް، ފިލްމީ ތަރިން ކަމަށްވާ ތާނިޔާ މަނިކްތަލާ އަދި ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ ބަތަލާ ޕްރިޔަންކާ މީރާ ނައިރްގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށްވުމާ އެކު މީރާ ގެނެސްދޭ މި ބައޮޕިކްއަށް ވަރަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
މި ބައޮޕިކްގައި އަމްރިތާ ޝޭރުގިލްގެ މައިގަނޑު ރޯލު ކުޅެނީ ޒުވާން ބަތަލާ ތާނިޔާ މަނިކްތަލާއެވެ. ތާނިޔާ އަކީ މީރާ ނައިރްގެ 2020 ވަނަ އަހަރުގެ ބީބީސީ ޑްރާމާ ސީރީޒް "އަ ސޫޓަބަލް ބޯއި"އިން ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދެއްކި ތަރިއެކެވެ.
"އަމްރީ"އިން ދައްކުވައިދޭނީ 20 ވަނަ ގަރުނުގެ ކުރީކޮޅު އުފެދުނު އެންމެ ނުފޫޒުގަދަ މޮޑަން އާޓިސްޓުންގެ ތެރޭގައި ހިމެނޭ އަމްރިތާ ޝޭރުގިލްގެ ހާދިސާތަކުން ފުރިގެންވާ ދިރިއުޅުމެވެ. ހަންގޭރީ މަންމައަކާއި އިންޑިއާގެ ސިކުންގެ އާއިލާއަކަށް ނިސްބަތްވާ ބައްޕައަކަށް އުފަންވި އަމްރިތާގެ ކުރެހުންތަކުން ފެންނަނީ ހުޅަނގުގެ އުކުޅުތަކާއި އިންޑިއާގެ އަސްލުތައް އެކުލެވިގެންވާ ތަފާތު ފަންނެކެވެ.
އުމުރުން އެންމެ 28 އަހަރުގައި، 1941 ވަނަ އަހަރު އޭނާ ކުއްލި ގޮތަކަށް ދުނިޔެ ދޫކުރި ނަމަވެސް، އޭނާގެ އުފެއްދުންތަކަކީ މިއަދުވެސް އެތައް އާޓިސްޓުންނަކަށް ނަމޫނާއެކެވެ.
އޭނާ މަޝްހޫރުވެފައިވަނީ އާންމު ދިރިއުޅުމާއި، އަންހެނުންނާއި، އަދި މުޖުތަމައުގެ ހަގީގަތްތައް އޭގެ އަސަރާއެކު ކުރެހުންތަކުން ގެނެސްދިން މާހިރެއްގެ ގޮތުގައެވެ.