ހިންދީ ސިނަމާގެ ވަރަށް ގިނަ ފިލްމުތަކުގައި ވިލެންގެ ރޯލް ކުޅެފައިވާ ތަޖުރިބާކާރު އެކްޓަރު ބާރަތު ކަޕޫރު މަރުވެއްޖެއެވެ.
ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ބާރަތު ކަޕޫރު، މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައި ހާޓްއެޓޭކެއްޖެހިގެންނެވެ. މުމްބާއީގެ ސިއޮން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ބާރަތު މަރުވީ އިއްޔެގެ މެންދުރުފަހު 3:30 ހާއިރު ކަމަށް އާއިލާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބާރަތު މަރުވުމުގެ ކުރިން ފާއިތުވި ތިން ދުވަހު އޭނާގެ ހާލު ދެރަވެގެން އުޅުނުއިރު، މީގެ ކުރިން ވެސް އެކި ފަހަރު މަތިން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.
ބާރަތު ކަޕޫރުގެ ހަނދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 އިން 7:00 އަށް ނޯތު ބޮމްބޭ އެސޯސިއޭޝަން (ޕަންޖާބް އެސޯސިއޭޝަން) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި އޭނާގެ އާއިލާއާއި، ރަހުމަތްތެރިންގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލެވެއެވެ.

1972ވަނަ އަހަރުގެ ފިލްމު "ޖަންގަލް މޭ މަންގަލް"ގެ މަންޒަރެއްގައި ބާރަތު--ފޮޓޯ/ފޭސްބުކް
ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ އަޝޯކް ޕަންޑިތު ވަނީ ބާރަތު މަރުވުމާ ގުޅިގެން އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް އަސަރުގަދަ ތައުޒިޔާއެއް ފޮނުވާފައެވެ. އޭނާ ލިޔެފައިވާ ގޮތުގައި، ތިއޭޓަރު އަދި ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނު ބާރަތު ކަޕޫރު މަރުވި ހަބަރަކީ ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.
އަދި އޭނާގެ ކެރިއަރުގެ ކުރީކޮޅު ބާރަތާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަން ފާހަގަކުރަމުން، ބާރަތަކީ ވަރަށް ހިތްހެޔޮ، ފިލްމީ މަސައްކަތްތަކަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަން ބެހެއްޓި އެކްޓަރެއްކަން ވަނީ ފާހަގަކޮށްފައެވެ.
ބާރަތު ހިންދީ މުނިފޫހިފިލުވުމުގެ ދާއިރާގައި ގާތްގަނޑަކަށް 40 އަހަރު ދުވަހު ހަރަކާތްތެރިވެފައިވާއިރު، އޭނާ ވަނީ ގިނަ އަދަދެއްގެ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ތަފާތު ރޯލުތައް އަދާކޮށްފައެވެ.
އޭގެތެރޭގައި ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ނޫރީ" (1979)، "ރާމް ބަލްރާމް" (1980)، "ލަވް ސްޓޯރީ" (1981)، "ބާޒާރު" (1982)، "ގުލާމީ" (1985)، "އާޚްރީ ރާސްތާ" (1986)، "ސަތްޔަމޭވް ޖަޔަތޭ" (1987)، "ސްވަރްގް" (1990)، "ޚުދާ ގަވާ" (1992) އަދި "ރަންގް" (1993) ހިމެނެއެވެ.