ކެއުން މަދުކުރުމަށް ދީން ބާރުއަޅައެވެ.

ކެއިން ބުއިން މަދުކުރުމަށް އިސްލާމްދީން ބާރުއަޅާ -- ފޮޓޯ: ބީއެމްއެލް

ކެއުން މަދުކުރުމަށާއި، ކެއުމުގައި މެދުމިނެއް ގެންގުޅުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. މި ކަމަކީ އެއް ގޮތަށްވުރެ ގިނަ ގޮތްގޮތުން އިންސާނާއަށް ފައިދާހުރި ކަމެކެވެ. ކެއުން މަދުކުރުމުން ދުޅަ ހެޔޮ ޞިއްޙަތެއް ލިބުމުގެ އިތުރުން އަޅުކަންކުރުމަށް ވެސް ފަސޭހަ ވެއެވެ.

ކެއުން މަދުކުރުމުގެ އަހަންމިއްޔަތު އެންމެ ފުރަތަމަ އެނގެނީ އިސްރާފުނުކުރުމަށް ﷲ އަންގަވައިފައިވާ ވުމުންނެވެ. އެހެނީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކާތަކެތި ތައްޔާރުކުރުމަކީ އިސްރާފަށް މަގުފަހިވާ ކަމެކެވެ. ކެއުމަށާއި ބުއިމަށް ﷲ އެންގެވީ އިސްރާފުނުކުރުމަށް ނަސޭހަތްތެރިވެވޮޑިގަންނަވަމުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ﴾ ‎(الأعراف: ٣١)‏ މާނައީ: "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެން ނުވެއެވެ."

ކެއިންބުއިން މަދުކުރުމަށް ދީނުގެފަރާތުން ލިބޭ ފުރަތަމަ އިރުޝާދަކީ އިސްރާފުނުކުރުމަށް އޮތް ނަސޭހަތެވެ. އިސްރާފުވެދާނެތީ އުކައިނުލާން ވެގެން މީހަކު އެ ތަކެތި ކައި ހުސްކުރި ކަމުގައި ވިޔަސް، އޭނާ ބަނޑުފުރޭވަރަށްވުރެ އިތުރަށް އެ ކޭ ބައި ވެގެން ދާނީ ބަނޑަށް ކުރާ އިސްރާފަކަށެވެ. އާދަމުގެ ދަރިޔާއަށް ދާދި މަދު އެތިކޮޅަކުން އޭނާގެ ބުރަކަށި ކޮޅަށް ބެހެއްޓޭނެއެވެ.

ކެއުމުގައި ހިފަހައްޓަންވީ މިންގަނޑާ ބެހޭ ގޮތުން ރަސޫލާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ވަނީ ވަރަށް ފުރިހަމަ ނަސޭހަތްޕުޅެއް ދެއްވައިފައެވެ. ބަނޑު ފުރާ ކެއުމުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކެއުމަށް ބާރުއަޅުއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ، بِحَسْبِ ابْنِ آدَمَ أُكُلاَتٌ يُقِمْنَّ صُلْبَهُ، فَإِنْ كَانَ لاَ مَحَالَةَ فَثُلُثٌ لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ»(الترمذي: 2380) މާނައީ: "އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށްވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާ އޭނާގެ ބުރަކަށި ސީދަލަށް ބެހެއްޓުމަށް ޓަކައި ދާދި މަދު ސުވާކޮޅަކުން ފުދެއެވެ. ފަހެ، އެއަށްވުރެ އިތުރަށް، އޭނާ ކާން ބޭނުން ވެއްޖެ ނަމަ، ގޮހޮރުގެ ތިންބައިކުޅަ އެއްބައި ކެއުމަށެވެ. އަދި ތިންބައިކުޅަ އެއްބައި ބުއިމަށެވެ. އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށެވެ."

މަދުން ކެއުމަކީ އެ ކަމުގައި ވަރަށް ގިނަ ފައިދާތައް އެކުލެވިގެންވާ ކަމެކެވެ. ދީނީ ޢިލްމުވެރިންގެ އިތުރަށް ޞިއްޙީ މާހިރުން ވެސް އެ ގެންދަވަނީ މަދުން ކެއުމުގެ ފައިދާ ފާހަގަކުރައްވައި އެ ކަމަށް އިރުޝާދުދެއްވަމުންނެވެ. މަދުން ކެއުމުން ލިބޭ ޞިއްޙީ ފައިދާއަށް ބަލާއިރު ފާހަގަކުރެވޭ އެންމެ ފުރަތަމަ ކަމަކީ ހަށިގަނޑުގެ ބަރުދަން ލުއިވުމެވެ. ބަރުދަން ލުއިވުމަކީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. ހަށިގަނޑުގެ އެތެރޭގެ ނިޒާމުތަކަށް ލުއިވެ ޞިއްޙަތުގެ ދުޅަހެޔޮކަން ހުރިހާ ގޮތަކުން ވެސް އިތުރުވެއެވެ.

މަދުން ކާންވީ ޞިއްޙީ ދުޅަހެޔޮކަމުގެ ފައިދާ ލިބިގަންނަން އެކަންޏެއް ނޫނެވެ. ކެއުން މަދުކުރުމަކީ ނަބަވީ ސުންނަތެއް ވެސް މެއެވެ. އެ ކަމަކީ ދެ ދުނިޔޭގެ ލާބަ އެ މީހަކަށް ހުންނާނެ ކަމެކެވެ. ކެއުން މަދުކުރުމުން ރޫޙާނީ ފައިދާއާއި ނަފުސާނީ ފައިދާ ލިބުމުގެ އިތުރަށް އެ ކަމަކީ މީހާ ތޫނުފިލި ވެސް ކޮށްދޭ ކަމެއް ކަމަށް ކަމުގެ ތަޖުރިބާކާރުން ބުނުއްވައެވެ. ބަނޑު ހުސްކޮށް ހުންނަ ވަގުތުތަކުގައި ސިކުނޑީގެ މަސައްކަތް ހަލުވިވެ ތޫނުވާ ކަމަށް ވެއެވެ.

މަދުން ކައުމުން ލިބޭ ރޫޙާނީ ބައެއް ފައިދާތަކުގެ ތެރޭގައި ހިތް މަޑުމޮޅިވުމާއި އަޅުކަމުގައި ހީވާގިވުން ހިމެނެއެވެ. ބަނޑުފުރާ ކެއުމަކީ މީހާ ލޮޑުވެ ކަންނެތްކުރާ ކަމެކެވެ. އޭގެ ސަބަބުން ނަމާދުތަކުގައި ޚުޝޫޢައްތެރިކަން ގެއްލެއެވެ.

މަދުން ކެއުމުގެ ނަފުސާނީ ފައިދާއަށް ބަލާއިރު އަމިއްލަ ނަފުސުގެ ކޮންޓްރޯލު ތިމާއަށް ލިބުމާއި ޒާތީ އެތައް އެދުންވެރިކަމަކާއި ޝަހުވަތްތަކެއްގެ މައްޗަށް ތިމާގެ ހެޔޮ ބުއްދި އިސްކުރަން ބާރުލިބެއެވެ. ގޮހޮރު ފުރެންދެން ކާ މީހުން ތިބެނީ ނަފުސުގެ ކޮންޓުރޯލު ގެއްލިފައެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު، ކެއުން މަދުކުރުމަށް ދީން ބާރުއަޅުއްވައެވެ. މިއީ މާތް ﷲ އަޅުގަނޑުމެންނަށް ޓަކައި ރުހިވޮޑިގެންނެވި ދީނެވެ. އެ އިލާހުގެ މަޚުލޫޤުންނަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެން ވަނީ ހަމަ އެއިލާހެވެ. އެހެންކަމުން ﷲ އަންގަވާ މަގުން ޢަމަލުކުރުމަކީ އިންސާނާއަށް ހުރިހާ މޮޅެއް އޮތް ގޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް