ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ ދިވެއްސަކު ޖަލަށްލައިފި

ޖިންސީ ކުށްތަކާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން: ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު ވަނީ ދޮޅު މަހަށް ޖަލަށްލައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ދެކުނުގެ ރަށެއްގައި މިދިޔަ ޑިސެމްބަރު މަހު ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހެއްގެ މައްޗަށް ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށް ސާބިތުވެ، ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގެ ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ކުށަށް އިއުތިރާފުވުމާ ގުޅިގެން މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ އަދަބު ލުއިކޮށްދީ، 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 1 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

  • ދެކުނުގެ ރަށެއްގައި ފަހަރި ކައިރިއަށް ބަރަހަނާކޮށް ދިޔަ މީހަކު ޖަލަށްލައިފި.
  • ދައުވާ ލިބުނު ފަރާތުން ޝަރީއަތުގައި ކުށަށް ވަނީ އިއުތިރާފުވެފައި.
  • ކުށަށް އިއުތިރާފުވުމުން އަދަބު ލުއިކޮށްދީ 3 މަހާއި 18 ދުވަހުގެ ހުކުމެއް އިއްވި.
  • ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒުކުރަން ޖެހެނީ 1 މަހާއި 18 ދުވަސް.

ފަހަރި ކައިރިއަށް ބަރަހަނާ ހާލުގައި ދިޔަ މީހަކު، ޖަލަށްލާން ހުކުމްކޮށްފިއެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި، މިދިޔަ ޑިސެމްބަރު މަހު ހިނގި މި ހާދިސާއަކީ، ދިވެހި ފިރިހެނަކު، އޭނާގެ އެއްބަނޑު ބޭބެގެ އަންހެނުން، ނުވަތަ އޭނާގެ ފަހަރި، ގޭ ބަދިގޭގައި އުޅެނިކޮށް، ބަރަހަނާކޮށް ހުރެގެން ފަހަރި ކައިރިއަށް ދިޔަ މައްސަލައެކެވެ.

މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރީއަތުގައި، ދައުވާ ލިބުނު މީހާވަނީ އިއުތިރާފުވެފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި، ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ކުރިއަށް ގެންގޮސްފައިވައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން "ބޭއަދަބީ އަމަލު ހިންގުން" މީގެ ތެރޭގައި ހިމެނެއެވެ. އާންމު ތަނެއްގައި ނުވަތަ އާންމުންނަށް ފެންނާނެ ފަދަ ގޮތަކަށް ޖިންސީ ގުނަވަން ހާމަކުރުމަކީ މި މާއްދާގެ ދަށުން މަނާކަމެކެވެ.

ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން މި މައްސަލަ ނިންމި ރިޕޯޓުގައި މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ލިޔުއްވާފައިވާ ގޮތުގައި ޖުނަހް އެކެއް ދަރަޖައިގެ މި ކުށް އިއުތިރާފުން ސާބިތުވުމުން އަދަބުވަނީ ލުއިކޮށްދީފައެވެ. މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުގައި ހަތަރު މަހާއި 24 ދުވަސް ކަނޑައަޅާފައި އޮތްނަމަވެސް، ކުށަށް އިއުތިރާފުވުމުން އަދަބުވަނީ އެއް ދަރަޖަ ލުއިކޮށްދީފައެވެ. އެއީ، ތިން މަހާއި 18 ދުވަހަށް ބަންދު ކުރުމަށެވެ.

މި މައްސަލައިގައި ތިން މަހާއި 18 ދުވަހަށް ހުކުމް ކުރިނަމަވެސް، ހާދިސާގެ ތަހުގީގަށް ދައުވާ ލިބުނު މީހާ ދެ މަސް ދުވަހު ބަންދުކޮށްފައި ހުރުމުން އެ މުއްދަތު އަދަބުން އުނިކުރާނެއެވެ. އެހެންކަމުން މި މައްސަލައިގައި ދެން އެ މީހާ ތަންފީޒު ކުރަން ޖެހޭ އަދަބަކީ އެއް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ ހޯމަ ދުވަހެވެ.

comment ކޮމެންޓް