ކައުންސިލް އިންތިޚާބުގެ ކުރިން ކުޅުދުއްފުށީގައި ފެށި ހައުސިން ޕްރޮޖެކްޓު ކުރިއަށް ނުދާތީ "ވަޅުލައިފި"

ކުޅުދުއްފުށީގައި 2000 ހައުންސިން ޔުނިޓް އެޅުމަށް ސަރުކާރުން ވީ ވައުދާ ޚިލާފުކަމަށް ބުނެ އެ ރަށުގެ ރައްޔިތުން މަހާނައެއް ހެދުން.. ފޮޓޯ: ސޯޝަލް މީޑިއާ

ހދ. ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ސަރުކާރުން ވަޢުދުވެފައިވާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވާތީ، އެ ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށްފިއެވެ. މިގޮތުން، މަޝްރޫޢުގެ ބިންގާ އެޅި ސަރަޙައްދުގައި ރައްޔިތުންގެ ބަޔަކު ވަނީ ރަމްޒީގޮތުން މަހާނައެއް ހަދައިފައެވެ. މި މަޝްރޫޢަކީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދުމަށް ފެށި ކަމެއްކަމަށް ބައެއް ރައްޔިތުން ތުހުމަތުކުރެއެވެ. ނަމަވެސް، ސަރުކާރުން ބުނެފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މަސައްކަތް ފެށޭނެކަމަށެވެ.

  • ކުޅުދުއްފުށީގައި އަޅަން ނިންމި 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުއްޓިފައިވުން
  • މަޝްރޫޢު ކުރިއަށް ނުދާތީ ރައްޔިތުން ބިންގާ އެޅި ސަރަޙައްދުގައި ރަމްޒީ މަހާނައެއް ހެދުން
  • މިއީ އިންތިޚާބަށް ވޯޓު ހޯދުމަށް ފެށި މަޝްރޫޢެއްކަމަށް ރައްޔިތުން ތުހުމަތުކުރުން
  • މިއަހަރުގެ ޑިސެމްބަރުގެ ކުރިން ޢަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ބުނުން

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި ބިންގާ އެޅި 2000 ހައުސިން ޔުނިޓުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާތީ، އެ މަޝްރޫއު "މަރުވީ" ކަމަށް ބަލައި ކުޅުދުއްފުށީ ރައްޔިތުން އެ މަޝްރޫއު "ވަޅުލައިފި" އެވެ.

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރީ މިދިޔަ 2025 ވަނަ އަހަރުގެ އޯގަސްޓުގައި އެވެ. ނަމަވެސް އެޗްޑީސީއަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން ފަހުން އެ މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއެވެ. އޭގެ ފަހުން މަޝްރޫއުގެ ބިންގާ އެޅީ މި މަހުގެ އެއްވަނަ ދުވަހެވެ.

މި މަޝްރޫއާ ގުޅޭގޮތުން އެންމެ ފަހުން ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އެ ކަމަށް ޓަކައި މަގުތަކެއް ފަހިކޮށް، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ލަސްވެގެން ވެސް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

"ސޮއިކުރެވިފައި އަދި ނުފެށި އޮތް މަޝްރޫއެއް އެބައޮތް. މި ދެ މަޝްރޫއު ނުލައި، 2000 ހައުސިން ޔުނިޓުގެ ވާހަކަ އަޅުގަނޑު ދެންނެވީ،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެ ސިޓީގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި މި ޕްރޮޖެކްޓް ހިންގަން މި ސަރުކާރަކުން މަސައްކަތަކެއް ނުކުރެއެވެ. އަދި މި ޕްރޮޖެކްޓް ހިންގޭނެހާ ގާބިލުކަމެއް ވެސް މި ސަރުކާރުގައި ނެތެވެ. އެ ރަށުގެ ރައްޔިތުން ބުނާ ގޮތުގައި މި 2000 ހައުސިން ޔުނިޓްގެ ޕްރޮޖެކްޓަކީ ސަރުކާރުން ވޯޓު ހޯދަން ޖެހި "މަޅި"އެކެވެ.

މި ކަމާ ރުޅިގަދަވެ، އެ ސިޓީގެ ރައްޔިތުން އުޅޭތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. އެންމެފަހުން މިއަދު ކުޅުދުއްފުށީ ރައްޔިތުން ފަތިހު ހޭލިއިރު، ޕްރޮޖެކްޓުގެ ބިންގާ އެޅި ސަރަހައްދުގައި ވަނީ މަހާނައަކާއި ޒިޔާރަތެއް ހަދައިފައެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ "ސަން" އަށް ވިދާޅުވީ މި ސަރުކާރުން 2000 ހައުސިން ޔުނިޓް އަޅަން ބިންގާ އެޅި ތަނުގައި މަހާނައެއް ހަދާފައި ވަނީ ރަށުގެ ރައްޔިތުން ރުޅިގަދަވެގެންކަމަށެވެ.

އަދި އެއީ ސަރުކާރުން ތަކުރާރުކޮށް އަވަހަށް ނިންމަން ވައުދުވެފައިވާ ހައުސިން ޕްރޮޖެކްޓްގެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިއަށް ނުދާތީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މަހާނަ ހަދާފައި އެވަނީ ހައުސިން ޕްރޮޖެކްޓް ގެ މަސައްކަތް ކުރިއަށް ނުދާތީ ބަޔަކު ރުޅިގަދަވެގެން، ރޭގެ ވަގުތެއްގައި އެކަން ކޮށްފައި އެވަނީ. އެއީ ކައުންސިލް އަށް އެނގިގެން ކުރިކަމެއް ނޫން،" ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

މިހާތަނަށް ވެސް މި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ބިމުގައި ހިނގަމުން ނުދާކަން ފާހަގަކުރެވެއެވެ.

comment ކޮމެންޓް