ފިލްމު 'އޯ ރޯމިއޯ' އަކީ އަމިއްލައަށް ތަސައްވުރު ކުރެވުނު އިހުސާސްތަކެއްގެ މައްޗަށް ބިނާކުރި ފިލްމެއް: ވިޝާލް

ފިލްމު "އޯ ރޯމިއޯ"ގެ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކުޅަދާނަ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް މި އަހަރު ނެރުނު ފިލްމު 'އޯ ރޯމިއޯ' އަކީ އޭނާގެ ހިތުގައި ހުރި އުދާސްތަކާއި ނުތަނަވަސްކަން ބޭރުކޮށްލުމުގެ ގޮތުން އުފެއްދި ފިލްމެކެވެ. މުމްބާއީގެ ގޭންގްސްޓަރުންގެ މައްޗަށް ބިނާކޮށް ގެނެސްދިން މި އެކްޝަން ފިލްމަށް އެކި ކަހަލަ ޚިޔާލުތައް ލިބުނު ނަމަވެސް ބޮޑު ކާމިޔާބީއެއް ވަނީ ހޯދާފައެވެ. އަދި އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ ނެޓްފްލިކްސްގެ 'ލަސްޓް ސްޓޯރީސް 3' އެވެ.

  • ފިލްމު 'އޯ ރޯމިއޯ' ގައި ގެނެސްދީފައިވަނީ ޑައިރެކްޓަރުގެ ހިތުގައިވާ އުދާސްތައް
  • މިއީ މުމްބާއީގެ މާފިއާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް
  • މި ފިލްމަށް ދުނިޔޭގެ ބާޒާރުގައި 100 ކްރޯޑަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައި
  • ވިޝާލްގެ ކުރިއަށް އޮތް މަސައްކަތަކީ ނެޓްފްލިކްސްގެ 'ލަސްޓް ސްޓޯރީސް 3'

މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްގެ ފިލްމު "އޯ ރޯމިއޯ" އަކީ އޭނާގެ ހިތުގައި ހުރި އުދާސްތަކާއި ނުތަނަވަސްކަން ފިލްމުގެ ބަތަލުގެ ޒަރީޢާއިން ބޭރުކޮށްލުމަށް ލިބުނު ފުރުސަތެއް ކަމަށް ކުޅަދާނަ ޑައިރެކްޓަރު ބުނެފިއެވެ.

އެހެން ނަމަވެސް، ވިޝާލްގެ ކުރިއަށް އޮތް ފިލްމު "ލަސްޓް ސްޓޯރީސް 3"ގެ ވާހަކަ އަކީ ވިޝާލްގެ ޚާއްޞަ ޅެންވެރި އަދި އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދުމެއް ކަމަށް ވަނީ ބުނެފައެވެ.

ފިލްމު "މަގުބޫލް"، "އޮމްކާރާ"، "ކަމީނޭ" އަދި "ހައިދަރު" ފަދަ ކާމިޔާބު ފިލްމުތައް އުފައްދާފައިވާ އުމުރުން 60 އަހަރުގެ ވިޝާލް ބުނީ، އެކްޓަރު ޝާހިދު ކަޕޫރު މުހިންމު ރޯލެއް ކުޅުނު "އޯ ރޯމިއޯ"ގެ ވާހަކަ އެހާ ވައޮލެންޓްކޮށް ގެނެސްދިނީ ހިތުގައި މީގެ އެތައް އަހަރެއްކުރިން އުފެދުނު އުދާސްތަކެއް ބޭރުކޮށްލުމުގެ ނިޔަތުގައި ގަސްތުގައި ކަމަށެވެ.

ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ވިޝާލް ބުނީ، ހަގީގީ ދިރިއުޅުމުގައި ނުރުހުމުގައި ކުރަން ބޭނުންވާ ކަންކަން ކުރެވެން ނެތް ހާލަތްތަކުގައި، އެ ޝުޢޫރުތައް ބޭރުކުރާނެ ކޮންމެވެސް ގޮތެއް ހޯދަންޖެހުނުއިރު އެކަން އެންމެފަހުން ކުރަންޖެހުނީ އަމިއްލައަށް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެއް މެދުވެރިކޮށް ކަމަށެވެ.

ފިލްމު "އޯ ރޯމިއޯ"ގެ މަންޒަރެއްގައި ޝާހިދު ކަޕޫރު އަދި ތުރިޕްތީ ދިމްރީ--ފޮޓޯ/އެންޑީޓީވީ

ފިލްމު "އޯ ރޯމިއޯ" އަކީ މުމްބާއީގައި އުފެދުނު މަޝްހޫރު ގޭންގްސްޓަރުން ކަމަށްވާ ސަޕްނާ ދީދީ އާއި ހުސައިން އުސްތަރާގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ހުސައިން ޒައިދީ ލިޔެފައިވާ "މާފިއާ ކުއީންސް އޮފް މުމްބާއީ" ފޮތުގެ ބާބަކުން މިސާލު ނަގައިގެން އުފައްދާފައިވާ ފިލްމެކެވެ.

ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ މުހިންމު ބައިތައް ކުޅެފައިވާ މި އެކްޝަން ތުރިލާ އަށް ފާޑުކިޔުންތެރިންނާއި އާންމުންގެ ފަރާތުން އެކި ކަހަލަ ޚިޔާލުތައް ލިބިފައިވީ ނަމަވެސް، މި ފިލްމަށް ވަނީ ދުނިޔޭގެ ބާޒާރުގައި 100 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.

ނެޓްފްލިކްސްއިން ގެނެސްދޭ އެންތޮލޮޖީ ޑްރާމާ "ލަސްޓް ސްޓޯރީސް 3"ގައި ވިޝާލް ބަރަދްވާޖްގެ އިތުރުން ވިކްރަމްއަދިތްޔާ މޮޓްވާނޭ، ކިރަން ރާއޯ އަދި ޝަކުން ބަޓްރާ ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާނެއެވެ.

comment ކޮމެންޓް