ރަންވީރު ފިލްމު 'ޑޮން 3'އަށް ސޮއިކުރިއިރު ލިބުނު ފައިސާ އަނބުރާ ދައްކައިފި

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް--ފޮޓޯ/ފިލްމުފެއަ

ރަންވީރު ސިންގު ވަނީ އެކްސެލް އެންޓަޓެއިންމަންޓުގެ 'ޑޮން 3' އިން ވަކިވުމާ ގުޅިގެން އޭނާއަށް ކުރިން ލިބުނު 10 ކްރޯޑު ރުޕީސް އަނބުރާ ދައްކާފައެވެ. މީގެ އިތުރުން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމު 'ޕްރަލޭ' އިން ހިއްސާއެއް ދިނުމަށް ވަނީ އެއްބަސްވެފައެވެ. ރަންވީރު މި ފިލްމުން ވަކިވީ ސްކްރިޕްޓާމެދު ހިތްހަމަނުޖެހިގެންނާއި، ފިލްމުގެ މަސައްކަތް ލަސްވުމުގެ ސަބަބުންނެވެ.

  • ރަންވީރު ސިންގު 'ޑޮން 3' އަށް ސޮއިކުރިއިރު ލިބުނު 10 ކްރޯޑު ރުޕީސް އަނބުރާ ދައްކައިފި
  • އެކްސެލް އެންޓަޓެއިންމަންޓަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އާ ފިލްމު 'ޕްރަލޭ' އިން ހިއްސާއެއް ދޭން އެއްބަސްވެއްޖެ
  • ރަންވީރު ފިލްމުން ވަކިވީ ސްކްރިޕްޓާމެދު ހިތްހަމަނުޖެހިގެންނާއި ފިލްމު ލަސްވުމުގެ ސަބަބުން
  • މި މައްސަލަ ހައްލުކުރުމަށް 'ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ' އިން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައި

މީގެ ތިން އަހަރު ކުރިން އެކްސެލް އެންޓަޓެއިންމަންޓްއިން އިއުލާނުކުރި އެ ސްޓޫޑިއޯގެ މަގުބޫލު ފްރެންޗައިސް "ޑޮން 3"ގެ ފިލްމަށް ސޮއިކުރިއިރު އުޖޫރައިގެ ގޮތުގައި، ފިލްމުގެ އޭރުގެ ލީޑް އެކްޓަރު ރަންވީރް ސިންގަށް ލިބުނު ފައިސާ އަލުން އަނބުރާ އެ ސްޓޫޑިއޯއަށް ދައްކައިފިއެވެ.

އެކްޓަރު އަދި ޑައިރެކްޓަރު ފަރުހާން އަހުތަރުގެ އެކްސެލް އެންޓަޓެއިންމަންޓަށް ރަންވީރު އަނބުރާ ފައިސާ ދައްކާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައި މިވަނީ، އެ ސްޓޫޑިއޯއިން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދިފައިވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ރަންވީރު ވަނީ އޭނާއަށް ކުރިން ދީފައިވާ އުޖޫރަ އަނބުރާ ދައްކައި، އޭނާގެ ކުރިއަށް އޮތް ފިލްމު "ޕްރަލޭ" އެ ކުންފުންޏަށް ހިއްސާއެއް ދިނުމަށް އެއްބަސްވެފައެވެ.

'ފްރީ ޕްރެސް ޖާނަލް'ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރަންވީރު ވަނީ "ޑޮން 3"އަށް ސޮއިކުރިއިރު އެކްޓަރަށް ލިބުނު ގާތްގަނޑަކަށް 10 ކްރޯޑް ރުޕީސްގެ ފީ ދޫކޮށްލަން ނިންމާފައެވެ.

އެކްޓަރު އަދި ޑައިރެކްޓަރު ފަރުހާން އަހުތަރު--ފޮޓޯ/ފިލްމުފެއަ

މީގެ އިތުރުން، އެކްސެލް އެންޓަޓެއިންމަންޓަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން، ރަންވީރު އެންމެ އަވަހަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ "ޕްރަލޭ"އިން ހިއްސާއެއް ދިނުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

މި ފިލްމުގެ ބަޖެޓާއި މަސައްކަތް ފަށާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާތީ، ފަރުހާންގެ ކުންފުންޏަށް ދޭނެ ހިއްސާގެ ސީދާ އިންސައްތައެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ރަންވީރު މިގޮތަށް އަމަލުކުރުމުން އޭނާއަކީ ފިލްމީ ދާއިރާގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރާ ފަރާތެއްކަން ހާމަވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.

ރަންވީރު "ޑޮން 3" އިން ވަކިވުމާ ގުޅިގެން 'އެކްސެލް އެންޓަޓެއިންމަންޓް' އާ އެކްޓަރާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދުނެވެ. މި މައްސަލައިގެ ތެރެއަށް 'ޕްރޮޑިއުސާސް ގިލްޑް އޮފް އިންޑިއާ'އިން ވަދެ، ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރިއެވެ.

ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން ޚަރަދުތަކާއި، ޝެޑިއުލަށް އައި ބަދަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 40 ކްރޯޑް ރުޕީސް ހޯދުމަށް އެކްސެލްއިން ވަނީ ރަންވީރުގެ ޓީމަށް އަންގާފައެވެ.

ރަންވީރު މި ފިލްމުން ވަކިވީ އޭގެ ސްކްރިޕްޓާ މެދު ހިތްހަމަނުޖެހިގެންނެވެ. އަދި ފަރުހާން އޭނާގެ އަމިއްލަ އެކްޓިންގް ކެރިއަރަށާއި އެހެނިހެން މަޝްރޫއުތަކަށް އިސްކަންދިނުމުގެ ސަބަބުން، "ޑޯން 3" އާ މެދު ވަކި ގޮތެއް ނުނިމި ތިން އަހަރު ދުވަސް ހޭދަވި ކަމަށް ވެސް ރަންވީރުގެ ފަރާތުން ބުނި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރަންވީރު ފިލްމުން ވަކިވީ އެކްޓަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ދުރަންދަރު"އަށް ލިބެމުން އައި މަގުބޫލުކަމާއި ކާމިޔާބީއާ އެކު ފިލްމު އިންޑަސްޓްރީގައި ރަންވީރަށް އޮތް ޑިމާންޑު ބޮޑުވުމުންނެވެ.

comment ކޮމެންޓް