ހިންދީ ސިނަމާގެ އެންމެ ތަޖުރިބާކާރު އެކްޓަރުންގެތެރޭ ހިމެނޭ ސަންޖޭ ދަތު ވަރަށް ވަރުގަދަ ވިލެންއެއްގެ ރޯލް ކުޅުނު ފިލްމު "ކަލް ނާޔަކް"ގެ ދެވަނަ ބައި ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އިންޑިއާގެ މުމްބާއީގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރުގެ އިތުރުން ދެވަނަ ބައިގެ ޓީޒާއެއް ވެސް ވަނީ ދައްކާލާފައެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ކަލް ނާޔަކް" އަކީ މީގެ 33 އަހަރުކުރިން ޑައިރެކްޓަރު ސުބާޝް ގާއީ ލިޔެ ޕްރޮޑިއުސްކޮށް އަދި ޚުދު ސުބާޝް ގާއީ އަމިއްލައަށް ޑައިރެކްޓްކުރި ފިލްމެކެވެ.
ސަންޖޭގެ އިތުރުން ޖެކީ ޝްރޮފް އަދި މަދޫރީ ޑިކްސިޓް މުހިއްމު ރޯލްތައް ކުޅުނު އެ ފިލްމުގެ މިއުޒިކަށް ވެސް އާއްމުންގެ ހޫނު ތަރުހީބެއް ލިބި ގިނަ ބައެއްގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބުނެވެ.
ފިލްމު "ކަލް ނާޔަކް"ގެ ދެވަނަ ބައި އިއުލާނުކޮށްފައިވީ ނަމަވެސް ސަންޖޭއާ އެކު ފިލްމުގެ ކާސްޓުން ދެން ފެންނާނެ ތަރިންނަކީ ކޮބައިކަމާއި ފިލްމުގެ ޑައިރެކްޓަރަކީ ކާކުކަން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމު "ކަލް ނާޔަކް 2" އިއުލާނުކުރި ހަފްލާގައި ސަންޖޭ އަންހެނުން މާންޔަތާ ދަތުއާ އެކު--ފޮޓޯ/އެންޑީޓީވީ
މި ފިލްމު ގެނެސްދޭނީ ސަންޖޭގެ އަންހެނުން މާންޔަތާ ދަތުގެ ޕްރޮޑަކްޝަން ހައުސް، ތުރީ ޑައިމެންޝަން މޯޝަން ޕިކްޗާސް އާއި ޖިއޯ ސްޓޫޑިއޯސްގެ އިތުރުން ޕްރޮޑިއުސަރު އަކްޝޭ ކަމްބޯޖްގެ އެސްޕެކްޓް އެންޓަޓައިންމަންޓް ގުޅިގެންނެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސަންޖޭ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ ތާރީޚީ ފިލްމު "ރާޖާ ޝިވާޖީ"ގެ ރޯލަކުންނެވެ. ރިތޭޝް ދޭޝްމުކް ލީޑް ރޯލް ކުޅޭ މި ފިލްމުން ސަންޖޭ ފެންނާނީ ވިލެންގެ ރޯލްއިންނެވެ.
ފިލްމު "ރާޖާ ޝިވާޖީ"އަށްފަހު ދެން އެންމެ އަވަހަށް ސަންޖޭ ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "އާޚިރީ ސަވާލް"އިންނެވެ.