މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެ

މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެ --- ސަން ފައިލް ފޮޓޯ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި ސާޅީސް ފަސް އަހަރުގެ ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓަށް ހާޒިރުކުރުމަށްޓަކައި ބަންދުކޮށްފައި ހުރި މި މީހާ ގޮޅި ތެރޭގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވަނީ މައުލޫމާތު ދީފައެވެ. މިއީ މިމަހު ފުލުހުންގެ ބަންދުގައި މީހަކު މަރުވި ދެވަނަ ފަހަރެވެ.

  • މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި 45 އަހަރުގެ މީހަކު މަރުވުން
  • ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަން ކަށަވަރުވުން
  • މި ހާދިސާގެ މައުލޫމާތު ކަމާބެހޭ ކޮމިޝަންތަކަށް އެންގުން
  • މިއީ މިމަހު ބަންދުގައި ހުއްޓައި މީހަކު މަރުވި ދެވަނަ ހާދިސާކަން

މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު އަނެއްކާވެސް މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ޚަބަރު ހުސްވެފައި އޮއްވައި ފެނިގެން އިއްޔެ މެންދުރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައި ވަނީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ބަންދުގައި ހުރި 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://sun.mv/220679

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މިމަހުގެ 15 ވަނަ ދުވަހު ވެސް ވަނީ މަރުވެފައެވެ. އޭރު ފުލުހުން ބުނި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އަދި ބަންދުގައި ހުއްޓައި ނިޔާވި މީހަކަށް ވުމުން، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމި ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް