އެމެރިކާއާއި އީރާނުގެ ސުލްހައި މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާނަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވައިގެންފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރަގްޗީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޕާކިސްތާންގެ އިތުރުން އޮމާން އަދި މޮސްކޯއަށް ވެސް ޒިޔާރަތްކުރައްވާނެއެވެ.
އެއާއެކު ސުލްހައިގެ މަޝްވަރާތައް އަންނަ ހަފްތާ ކުރީކޮޅު ފެށޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އެމެރިކާއާއެކު ބާއްވާ ސުލްހައިގެ މަޝްވަރާތަކުގެ ވާހަކައެއް ރިޕޯޓުތަކުގައި ފާހަގަކޮށްފައި ނުވާއިރު، ޕާކިސްތާން ސަރުކާރުގެ މަސްދަރުތަކުން ވަނީ މިއީ އެމެރިކާއާއެކު މަޝްވަރާކުރައްވަން ވަޑައިގެންނެވި ދަތުރުފުޅެއް ނޫން ކަމަށް ބުނެފައެވެ.
މަޝްރަހު އެނގޭ ޕާކިސްތާން ސަރުކާރުގެ ދެ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ އަރަގްޗީގެ މިދަތުރުފުޅަކީ އެމެރިކާއާ އެކު މަޝްވަރާ ކުރުމަށް އީރާނުން ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުރާ ކުރު ދަތުރުފުޅެއް ކަމަށާއި އެ މަޝްވަރާތަކުގެ ނިންމުން ޕާކިސްތާނުން އެމެރިކާއަށް ފޯރުކޮށްދޭނެ ކަމަށެވެ.
"އަރަގްޗީ ވަޑައިގެންނެވުމުން ދެން ކަންތައްކުރަންވީ ގޮތުގެ އިރުޝާދު އެނގޭނެ،" އެއް މަސްދަރަކުން ބުންޏެވެ.
އަރަގްޗީގެ ދަތުރުފުޅާ ބެހޭގޮތުން އެމެރިކާއިން ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ އީރާނަށް އެމެރިކާއާ އެކު "ރަނގަޅު އެއްބަސްވުމެއް" ހަދަން ފުރުސަތު އޮތް ކަމަށެވެ.
އަދި އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އެެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނާ ޕާކިސްތާނަށް ވަޑައިގަންނަވާނެކަމަށް ވައިޓް ހައުސްއިން އިއްޔެ ވަނީ ބުނެފައެވެ.
މި މަހުގެ ކުރީކޮޅު މިހާތަނަށް ބޭއްވި ހަމައެކަނި މަޝްވަރާތަކުގައި އެ ގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޤްރު ޤާލިބާފްގެ ބައިވެރިވަޑައިގަންނަވާ ކަމަށް އީރާނުގެ ރިޕޯޓާއި ޕާކިސްތާނުގެ މަސްދަރުތަކުން ވެސް ބުނެފައެއް ނުވެއެވެ.
ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު މިދިޔަ އަންގާރަ ދުވަހު ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް، މަޝްވަރާތަކުގައި ބައިވެރިވާން އަދި ބޭނުންނުވާކަމަށް އީރާނުން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއި އެމެރިކާއާއި ދެމެދު ހަނގުރާމަ ހުއްޓާލާފައި ބާއްވާ ވަގުތު ވެސް މުއްދަތެއް ނެތްގޮތަށް އިތުރުކުރައްވާފައެވެ. މި މަހު ކުރީކޮޅު ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހު ވަނީ ހަމަވެފައެވެ.
އާ މަޝްވަރާތަކެއް ފެށޭނެކަމުގެ އުންމީދު އޮތްއިރު، ތެލުގެ އަގު ވެސް އިއްޔެވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.
ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ނޯތު ސީ ކްރޫޑް ފީފާއެއްގެ އަގު 0.5 ޕަސެންޓް ދަށްވެ 104.57 އެމެރިކާ ޑޮލަރަށް ވަނީ ވެއްޓިފައެވެ. އަދި އެމެރިކާގެ މައިގަނޑު ކޮންޓްރެކްޓްކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް 1.1 ޕަސެންޓް ދަށްވެ 94.80 އެމެރިކާ ޑޮލަރަށް ވެއްޓިފައިވެއެވެ.