އުޝާގެ އަޑުން މުޅިން ތަފާތު ގޮތަކަށް އެންރީކޭގެ 'ބައިލާމޯސް'ގެ ކަވާއެއް

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އުޝާ އުތުޕް ވަނީ ސްޕެނިޝް ލަވަކިޔުންތެރިޔާ އެންރީކޭ އިގްލޭސިއަސްގެ މަޝްހޫރު ލަވަ ބައިލާމޯސްގެ ކަވާއެއް އިންސްޓަގްރާމްގައި އާއްމުކޮށްފައެވެ. އުމުރުން 78 އަހަރުގެ އުޝާގެ މި ތަފާތު އުފެއްދުމަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އޭނާއަކީ އިންޑިއާގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

  • އުޝާ އުތުޕް އެންރީކޭގެ ބައިލާމޯސް ކަވާކޮށް އިންސްޓަގްރާމްގައި އާއްމުކުރުން
  • މި ލަވައަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދިއުން
  • އުޝާއަކީ ގިނަ ބަސްބަހުން ލަވަކިޔުމުގެ ހުނަރު ލިބިފައިވާ މިއުޒިކީ ލެޖެންޑެއްކަން
  • ބައިލާމޯސްއަކީ މީގެ 27 އަހަރު ކުރިން ނެރުނު ދުނިޔޭގެ މަގުބޫލު ކްލެސިކް ލަވައެއްކަން

އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ އުޝާ އުތުޕްގެ އަޑުން ސްޕެނިޝް ލަވަކިޔުންތެރިޔާ އެންރީކޭގެ މަޝްހޫރު ލަވަ "ބައިލާމޯސް"ގެ ކަވައެއް މުޅިން ތަފާތު ގޮތަކަށް ގެނެސްދީފިއެވެ.

ހުކުރު ދުވަހު އިންސްޓަގްރާމްގައި މި ލަވައިގެ ކްލިޕެއް ހިއްސާކުރަމުން އުޝާ ބުނީ، ގިނަ ބަޔަކު އިންތިޒާކުރި ލަވަ އެންމެ ފަހުން އާއްމުންނާ ހަމައަށް ގެނެސްދެވިއްޖެ ކަމަށެވެ.

"އެންރީކޭގެ 'ބައިލާމޯސް' ލަވަ މިއީ ދުނިޔޭގެ މަގުބޫލު ކްލެސިކް ލަވައެއް، މުޅިން ތަފާތު ރޫހެއްގައި ގެނެސްދީފައިވާ އުފެއްދުމެއް. އަޑުގަދަކޮށް، މިއުޒިކުގެ ރިދަމް އިހުސާސްކޮށްލަދީ، އަދި މިއުޒިކުގެ ތެރެއަށް އާއްމުން ގެނބިގެންދިޔަ ލަވައެއް" އުޝާ އިންސްޓަގްރާމް ޕޯސްޓުުގައި ބުނެފައިވެއެވެ.

މި ލަވަ އެއްކޮށް އާއްމުކުރުމުގެ ކުރިން އުމުރުން 78 އަހަރުގެ އުޝާ އާއި ލަވަކިޔުންތެރިޔާގެ ޓީމުން މި ކަވަގެ ކްލިޕްތައް އާއްމުކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އެ ކްލިޕްތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު ލަވަ އެއްކޮށް ދައްކާލާނެ ދުވަހަކަށް ވަރަށް ގިނަބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

އުޝާ އުތުޕް ކޮންސެޓެއްގައި ޝޯ ދެނީ--ފޮޓޯ/އެންޑީޓީވީ

އުޝާގެ މި ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ސަމާސާ ރޫހެއްގައި ބުނެފައިވަނީ، މިހާރު ދެން އެންރީކޭ ކައިރީގައި އުޝާގެ މަޝްހޫރު ލަވަ 'ރާމްބާ ހޯ' ކިޔަން އެދެންވީއެވެ. އަދި އެހެން ސަޕޯޓަރަކު ބުނެފައިވަނީ، "ބައިލާމޯސް" މިހާ ފުރިހަމައަށް ކިޔޭނީ ހަމައެކަނި އުޝާއަށް ކަމަށާއި އެއީ ހަގީގަތުގައިވެސް މިއުޒިކީ ލެޖެންޑެއް ކަމަށެވެ.

އުޝާ އަކީ އިންޑިއާގެ މިއުޒިކީ ދާއިރާގައި، ވަކިން ޚާއްސަކޮށް ޕޮޕް އަދި ޖޭޒް މިއުޒިކް ތައާރަފުކޮށްދިނުމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން އިންޑިއާގެ ފިލްމީ މިއުޒިކް ދާއިރާގައި ފައިތިލަސާބިތުކޮށްފައިވާ އުޝާ އަކީ، އޭނާގެ ބަރު އަދި ބާރުގަދަ އަޑުގެ ސަބަބުން ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

އުޝާ އަކީ ގިނަ ބަސްބަހުން ލަވަކިޔުމުގެ ހުނަރު ލިބިފައިވާ ފަންނާނެކެވެ. އެގޮތުން އިންޑިއާގެ 13 ބަހަކުންނާއި، ބޭރުގެ އަށް ބަހަކުން (ސަވާހިލީ، ރަޝިއަން އަދި ފްރެންޗް ހިމެނޭހެން) އޭނާ ވަނީ ލަވަ ހުށަހަޅައިދީފައެވެ.

އިންޑިއާ ސަރުކާރުން އަރުވާ މަތީ ޝަރަފު ޕަދްމާ ބޫޝަން އަދި ޕަދްމާ ޝްރީ ލިބިފައިވާއި އުޝާގެ މަޝްހޫރު ލަވަތަކުގެތެރޭ، "ދަމް މާރޯ ދަމް"، "ރަމްބާ ހޯ"، "ހަރީ އޯމް ހަރީ" އަދި "ޑާލިން" ހިމެނެއެވެ.

މީގެ 27 އަހަރު ކުރިން ނެރުނު "ބައިލާމޯސް" އަކީ ސްޕެއިން-އެމެރިކާގެ ލަވަކިޔުންތެރިޔާ އެންރީކޭ އިގްލޭސިއަސްގެ މިއުޒިކީ ހަޔާތުގައި ބޮޑު ކުރިއެރުމެއް ލިބި، ދުނިޔެއަށް އޭނާ މަޝްހޫރުކޮށްދިން ލަވައެކެވެ.

އިނގިރޭސި އަދި ސްޕެނިޝް ބަހުން ކިޔާފައިވާ މި ލަވަ ވަނީ އެމެރިކާގެ ބިލްބޯޑް ހޮޓް 100ގެ އެއްވަނަ ހޯދާފައެވެ. މި ލަވަ ލިޔެފައި ވަނީ ޕޯލް ބެރީ އާއި މާކް ޓޭލާއެވެ. އަދި ލަވައިގެ ޕްރޮޑަކްޝަން މަސައްކަތް ކޮށްފައި ވަނީ ބްރަޔަން ރޯލިންގް އާއި ޓޭލާ އެވެ.

މި ލަވަ ފަހުން އަލުން ރެކޯޑްކޮށް، އެންރީކޭގެ ފުރަތަމަ އިނގިރޭސި އަލްބަމް ކަމަށްވާ "އެންރީކޭ" ގައިވެސް ވަނީ ހިމަނާފައެވެ.

comment ކޮމެންޓް