މިދިޔަ ޖުލައި މަހުގެ 24ގައި ނެޓްފްލިކްސްފައި ޕްރީމިއާކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ވެބް ސީރީޒް "މުސާފިރު ކެފޭ"ގެ ދެވަނަ ސީޒަން އިއުލާނުކޮށްފިއެވެ.
ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އެކްޓަރު ވިކްރާންތު މަސޭ، ވެދީކާ ޕިންޓޯ އަދި މަހީމާ މަކްވާނާ ލީޑް ރޯލްތައް ކުޅެފައިވާ "މުސާފިރު ކެފޭ" އަކީ، އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ދިވްޔާ ޕްރަކާޝް ދުބޭ ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި ސީރީޒްއެކެވެ.
ވަރަށް ހިތްގައިމު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފެއްދި މި ވެބް ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މުޅިއެކު 8 އެޕިސޯޑުގެ މައްޗަށެވެ. ފުރަތަމަ ސީޒަން ނިންމާލިގޮތުން ވެސް މި ސީރީޒްގައި ކިޔައިދޭ ތިން ޒުވާނުންގެ ވާހަކައަށް ނިމުން ނާންނަކަން ގަބޫލުކުރެވުނު ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
އެހެންވެ ނެޓްފްލިކްސްއިން "މުސާފިރު ކެފޭ"ގެ ދެވަނަ ސީޒަން އިއުލާނު ކުރުމާ އެކު ފުރަތަމަ ސީޒަންއިން ޖަވާބު ނުލިބުނު ސުވާލުތަކަށް ޖަވާބު ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

"މުސާފިރު ކެފޭ"ގެ ބައެއް މަންޒަރުތައް--ފޮޓޯ/އިންޑިއާޓުޑޭ
މި ވެބް ސީރީޒްއަށް ލިބެމުން އަންނަ ތަރުހީބާ ގުޅޭގޮތުން ނެޓްފްލިކްސް އިންޑިއާގެ، އިސްވެރިއެއް ކަމަށްވާ ތާންޔާ ބާމީ ބުނީ "މުސާފިރު ކެފޭ"އިން އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ އެތައް ބައެއްގެ ހިތުން ޖާގަ ކަށަވަރުކޮށްފައިވާ ކަމަށެވެ.
މި ސީރީޒްގައި ގެނެސްދޭ ވާހަކަ ދެން ކުރިއަށްދާނެގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިފައިވާއިރު، 'ރޮމޭންސް' ޖޯންރާ އަކީ، އޯޑިއަންސަށް ކަމުދާނެ ރަހަތަކާ އެކު ރަނގަޅަށް އުފެއްދިއްޖެނަމަ ބެލުންތެރިން އެ ބަލައިގަންނާނެ ޖޯންރާއެއްކަން ގަބޫލުކުރެވޭ ކަމަށް ތާންޔާ ބާމީ ބުނެފައިވެއެވެ.
މި ސީރީޒްގެ ދެވަނަ ސީޒަން އިއުލާނުކުރި ނަމަވެސް ބެލުންތެރިންނަށް ދެވަނަ ސީޒަން ގެނެސްދޭނެ ތާރީޚެއް އިއުލާނު ނުކުރެއެވެ.
ރުޗީރު އަރޫން ޑައިރެކްޓްކޮށް، ރިބްލީ ޓައިނީ ޓޭލްސް އަދި ހޯމްމޭޑް ސްޓޯރީޒް ބެނާގެ ދަށުން، ޝަރަންޔާ ރާޖްގޯޕާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ "މުސާފިރު ކެފޭ" އަކީ އުންމީދު ނުކުރާ ފަދަ ގޮތަކަށް ބައްދަލުވާ ތިން ބީރައްޓެހިންގެ ދިރިއުޅުން ދައްކުވައިދޭ ސީރީޒެކެވެ.