މ. މުލީ ހުކުރު މިސްކިތުގައި މިއަދު ހުކުރުނަމާދު ކުރަނިކޮށް އެ މިސްކިތުގެ ކަރަންޓު ބޯޑުގައި އަލިފާން ރޯވެއްޖެއެވެ.
މުލީ ހުކުރު މިސްކިތުގައި ހުކުރު ޚުތުބާ ކިޔަމުންދިޔަ ވަގުތު އެ މިސްކިތުގެ ކަރަންޓު ޑިސްޓިބިއުޝަން ބޮކްސްގައި އަލިފާން ރޯވެފައިވާ ފޮޓޯއާއި ވީޑިއޯއެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މި ކަމާ ގުޅިގެން އެ ރަށުގެ ކައުންސިލްގެ މެންބަރަކާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ހާދިސާ ހިނގި ގޮތް އޭނާއަށް އެހާ ރަނގަޅަށް ނޭނގޭ ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމުން އެ ތަނަށް ދިޔައިރު، އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އެކަމަކު، ކައުންސިލްގެ ރައީސާއި އެހެން މެންބަރަކު އެ ވަގުތު އެ ތަނުގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި، އެ ބޯޑުގައި އެހާ ބޮޑަށް އަލިފާން ނުހިފާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެ ކަމާ ގުޅިގެން ސުވާލުކުރުމުން މުލީ ފެނަކަ ބްރާންޗުގެ މެނޭޖަރު އަޙްމަދު ކަމަލް ވިދާޅުވީ، އަލިފާން ރޯވަން ދިމާވި ސީދާ މައްސަލައެއް ނޭނގޭ ކަމަށެވެ. ނަމަވެސް، ބޮޑަށް ލަފާކުރެވެނީ ވަޔަރިން ސަކަރާތްވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.
އެއީ، ގާތްގަނޑަކަށް 13 ނުވަތަ 14 ވަރަކަށް އޭސީ ހަރުކޮށްފައި ހުންނަ މިސްކިތެއް ކަމަށާއި އެހެންކަމުން ބޮޑަށް ބެލެވެނީ އެ އެއްޗެހި ހިފަހައްޓާލެވޭވަރު ނުވެގެން އެ ތަނުގައި އަލިފާން ރޯވީ ކަމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. ކަށުނަމާދެއް ވެސް މިއަދު ކުރި އެ މިސްކިތުގައި އެފަދަ ހާދިސާއެއް ދިމާވުމުން އެ ކަމަށް ވަގުތުން އެޓެންޑްވެ، ކަމަލް ވިދާޅުވީ މިހާރު ވަޔަރިންއެއް ރަނގަޅުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން އަންނަ ކަމަށެވެ.
އެ ރަށުގައި މިއަދު ކަށުނަމާދުކުރީ ޑެންގީ ހުން ޖެހިގެން މަރުވި 17 އަހަރުގެ އަންހެން ކުއްޖާގެ މައްޗަށެވެ. އެ ކުއްޖާއަކީ އެ ރަށަށް ނިސްބަތްވާ ކުއްޖެކެވެ.