ފިލްމީ ތަރިން ކަމަށްވާ ކާތިކް އާރްޔަންއާއި ސްރީލީލާ މަސައްކަތްކުރަމުން އަންނަ ޑައިރެކްޓަރު އަނޫރާގު ބާސޫގެ ލޯބީގެ ފިލްމުގެ ބޮޑުބައި ނިމިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އަނޫރާގް ދޮގުކޮށްފިއެވެ.
ފިލްމީ މަސައްކަތްތައް ގޮސްފައިވާ ހިސާބާ މެދު ފެތުރެމުންދާ ޚަބަރުތަކަށް އިޝާރާތްކުރަމުން ކާމިޔާބު ޑައިރެކްޓަރު އަނޫރާގް ބާސޫ ބުނީ، ކާތިކާއި ސްރީލީލާ ލީޑް ރޯލްތަކުން ފެންނާނެ މިއުޒިކަލް ރޮމެންޓިކް ޑްރާމާގެ ބޮޑުބައި ނިމިފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ.
'ވެރައިޓީ އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި އަނޫރާގު ހާމަކުރި ގޮތުގައި، މިހާތަނަށް ފިލްމުގެ ޝޫޓިން ކުރިއަށް ގޮސްފައިވަނީ ވަރަށް ކުޑަ މިންވަރަކަށެވެ. އަދި، މި ފިލްމަށް ޝޫޓް ކުރެވުނީ އެންމެ 45 ދުވަހު ކަމަށާއި ޝޫޓިންގް އަދި ކިރިޔާ ފެށުނީ ކަމަށް އަނޫރާގް ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އަނޫރާގް ބާސޫ ސްރީލީލާ އަދި ކާތިކްއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މި ފިލްމުގެ ޕްރޮމޯ އާންމުކުރުމާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ފިލްމު، އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ އަހަރުގެ ޑިސެންބަރު މަހަށެވެ. ނަމަވެސް، ތަފާތު ސަބަބުތަކާ ހުރެ ފިލްމުގެ ތާވަލަށް ބަދަލު އައިސްފައިވާއިރު، މިހާރު ބެލެވޭ ގޮތުގައި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ފަހުކޮޅު ނުވަތަ 2027ގެ ކުރީކޮޅުގައެވެ.
މި އިންޓަވިއުގައި ބާސޫ އިތުރަށް ބުނީ، ކާތިކްގެ މި ފިލްމަށް ފަހު ދެން އޭނާ އެންމެ ބޭނުންވަނީ ކުރީގެ އައިކޮނިކް ލަވަކިޔުންތެރިޔާ ކިޝޯރު ކުމާރުގެ ބަޔޮޕިކްގެ މަސައްކަތް ފެށުމަށެވެ.
"އަހަރެން މިހާރު ކުރަމުންދާ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ފިލްމަށް އަމާޒު ހިފަން ބޭނުންވެފައި މިހުރީ. އަހަރެން ވަރަށް ބާރަށް މި ފިލްމުގެ މަސައްކަތް ނިންމަން އެބަ މަސައްކަތް ކުރަން. ކިޝޯރު ކުމާރުގެ ވާހަކައަކީ އަހަރެންގެ ހިތާއި ސިކުނޑީގައި ވަރަށް ކުރިއްސުރެ އޮތް ކަމެއް. އެ މަސައްކަތް ވީހާ ވެސް އަވަހަކަށް ފަށަން ބޭނުންވޭ. ކާތިކާ އެކު މިކުރާ މަސައްކަތް ނިމުމާ އެކު ކިޝޯރުގެ ފިލްމު ފަށާނަން،" އަނޫރާގު ބުނެފައިވެއެވެ.
މި ފިލްމަކީ ކުރިން "އާޝިގީ" ފްރެންޗައިޒްއާ ގުޅުވައިގެން ވާހަކަ ދެކެވުނު ފިލްމެއް ނަމަވެސް، ގާނޫނީ އަދި ފަންނީ ބައެއް އުނދަގޫތަކާ ހުރެ، މިހާރު މިއީ ވަކި މިނިވަން ފިލްމެއްގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެހެންނަމަވެސް، މި ފިލްމަކީ ކުރީގެ ކްލެސިކް ހިންދީ ލޯބީގެ ފިލްމުތަކުން އިހުސާސްވާ ފަދަ މިއުޒިކީ އަސަރުތަކެއް އެކުލެވޭ ފިލްމަކަށް ވާނެއެވެ. ފިލްމުގެ ސެޓުން ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ކާތިކްގެ ކުރީގެ ރޯލުތަކާ ތަފާތު، ސީރިއަސް އަދި ހަގީގީ ދިރިއުޅުމާ ގާތްކުރާ ސިފަތަކެއް މި ފިލްމުން ފެންނާނެ ކަމަށް ބެލެވެއެވެ.