ސްވިޒަލޭންޑުގެ އެޑެލްވައިސް އެއާއިނުން ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އެޑެލްވައިސް އެއާއިން މިހާރު ވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް, މި އަހަރުގެ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން 13 ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ބުނެފައެވެ.
އެޑެލްވައިސް އެއާއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހެވެ.
މި ނިންމުމާ އެކު ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުރުކުރާނެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ.
އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2000 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހެވެ. އެގޮތުން، މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނދުރާމައާ ގުޅިގެން، ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު ގިނަ އެއާލައިންތަކަކުން މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.
މީގެ އިތުރުން، ފްލައި ދުބާއީއިން ވެސް ވަނީ ރާއްޖެއަށް މުދާ ގެނައުމަށްޓަކައި ޚާއްސަ ކާގޯ ފްލައިޓްތަކެއް ބުރާސްފަތި ދުވަހު ފަށާފައެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިދުބާއީން ބޯޓުގެ ކެބިންގައި މުދާ އުފުލާ ގޮތަށް ކުރާ ފުރަތަމަ ދަތުރުތަކެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ އެކު ވެސް މިފަދަ ދަތުރުތަކެއް ފެށުމަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ކާބޯތަކެތި ގެނައުމަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މި ދަތުރުތައް މި މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.