ރާއްޖެއަށް ވައިގެ މަގުން އެތެރެކުރާ މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ދެނެގަތުމަށް ކުރިއަށްގެންދިޔަ "މޯލްޑިވްސް ޓައިމް ރިލީޒް ސްޓަޑީ 2025" ގެ މުހިންމު ހޯދުންތަކެއް މޯލްޑިވްސް ކަސްޓަމަސް ސާވިސް އިން މިއަދު އާންމުކޮށްފިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި ދިރާސާއިން ވައިގެ މަގުން އެތެރެކުރާ މުދާ ފްލައިޓުން ބޭލުމަށްފަހު ހުރިހާ މަރުހަލާތަކެއް ނިންމައި ގޭޓުން ބޭރުވުމާ ހަމައަށް އެވްރެޖްކޮށް ދެ ދުވަހާއި ނުވަ ގަޑިއިރާއި 17 މިނެޓް ހޭދަވާކަން ވަނީ ހާމަވެފައިއެވެ.
ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މި ދިރާސާގައި ވައިގެ މަގުން އެތެރެކުރާ އާންމު މުދަލާއި ކޫރިއާ މެދުވެރިކޮށް ގެންނަ މުދާ ހިމެނޭހެން ހުރިހާ ބާވަތެއްގެ މުދާ ކްލިއާ ކުރުމުގެ މަރުހަލާތައް ވަނީ ބަލާފައެވެ. މީގެ ތެރޭގައި ކަސްޓަމްސްގެ މަސައްކަތްތަކާއި، އެއާޕޯޓް ހޭންޑްލިން އަދި އެހެނިހެން އިދާރީ މަސައްކަތްތަކަށް ހޭދަވާ ޖުމުލަ ވަގުތު ހިމެނެއެވެ.
މި ސްޓަޑީއަކީ މުދާ އެތެރެކުރުމުގައި ހުރި ހުރަސްތަކާއި، އިޖުރާއަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
ވައިގެ މަގުން މުދާ އެތެރެކުރުމުގެ އިތުރުން، ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ހޭދަވާ ވަގުތުވެސް މި ދިރާސާގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން ބޯޓު ފުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ހޭދަވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މި މަރުހަލާގައި ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށެވެ.
ދިރާސާގެ ތަފްސީލަށް ބަލާއިރު، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓް ނިމުމަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވާއިރު، ފައިސާ ދެއްކުމަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވެއެވެ. އެންމެ ބޮޑު ލަސްތަކެއް ކުރިމަތިވަނީ "އޮފް-ޝޯ ރިކުއެސްޓް" އަދި އެކަމަށް ހުއްދަ ހޯދުމުގެ މަރުހަލާގައެވެ. މިގޮތުން ފައިސާ ދެއްކުމަށްފަހު އޮފް-ޝޯ ރިކުއެސްޓަށް ހުއްދަ ލިބުމާ ހަމައަށް ގާތްގަނޑަކަށް ތިން ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން ފާހަގަކުރެވެއެވެ.
މުދާ ބަލައި ފާސްކުރުމުގެ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތަކަށް އެވްރެޖްކޮށް އެއް ދުވަހާއި، ނުވަ ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ. އަދި މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރާ ވަގުތާ ހަމައަށެވެ. މި މަރުހަލާއަށް އެކަނިވެސް ދެ ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވާކަމަށް ދިރާސާއިން ދައްކައެވެ.
ކަސްޓަމްސްގެ އޮފިޝަލުން ފާހަގަކުރައްވާ ގޮތުގައި، މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް މުދާ ކްލިއާ ކުރުމާއި ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މިގޮތުން ވައިގެ މަގުން ގެންނަ މުދާ މިހާރަށްވުރެ އަވަހަށް ކްލިއާ ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާނެ ކަމަށް ބެލެވެއެވެ.