'މޯލްޑިވްސް ކަރޯކޭ ޗެލެންޖް'ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން އަންނަ ޖުލައި މަހު 'ޑޮޓް އިވެންޓްސް މޯލްޑިވްސް'އިން ކަރޯކޭ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
ޖުލައި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ބައިވެރީންގެ ހުށަހެޅުންތައް ލައިވްކޮށް، އޮލިމްޕަހުގެ ސްޓޭޖުގައި ލައިވް ޝޯތަކެއްގެ ގޮތުގައި ހުށަހަޅާ ގޮތަށެވެ.
ޑޮޓް އިވެންޓްސްއިން ބުނީ، މުބާރާތުގައި ބައިވެރިވާ މީހުންގެ ފުރަތަމަ ރައުންޑް އޮންނާނީ ޖުލައި މަހުގެ 19 އަދި 20 ވާ ދެ ދުވަހު ކަމަށެވެ. އަދި، ފުރަތަމަ ބުރުން ފައިނަލް ޝޯއަށް 60 ބައިވެރިއަކު ހޮވާނެ ކަމަށް ވަނީ ބުނެފައެވެ.
އެ ބައިވެރިން ހޮވާނީ ރާއްޖޭގެ މިފަދަ މުބާރާތްތައް ޖަޖްކޮށްފައިވާ ތަފާތު ޖަޖިން ޕެނަލަކުން ކަމަށް ޑޮޓް އިވެންޓްސްއިން ބުނެއެވެ.
ކަރޯކޭ ޗެލެންޖް: މުޅި ރާއްޖެއަށް ހުޅުވާލައިގެން ކަރޯކޭ ޗެލެންޖެއް ބާއްވަނީ -- ފޮޓޯ/ އޭއައި
މި މުބާރާތަކީ ބައިވެރިންގެ ހުނަރުގެ އިތުރުން ބެލުންތެރިންގެ ވޯޓާ އެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއްކަމުން ފައިނަލް ޝޯއަށް ހޮވޭ 60 ބައިވެރީންނަށް ވޯޓަށް ހުޅުވައިލާނެއެވެ. އަދި، އެއަށް ފަހު އެ 60 ބައިވެރީންގެ ހުށަހެޅުންތައް އޮންނާނީ ޖުލައި މަހުގެ 29 އަދި 30 ދެ ދުވަހެވެ.
ޑޮޓް އިވެންޓްސްއިން ބުނީ، މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިންވަނަ އިއުލާނުކުރާނީ މުބާރާތުގެ ގްރޭންޑް ފިނާލޭ ކަމަށްވާ 30 ވަނަ ދުވަހުގެ ރޭގެ ޝޯގައި ކަމަށެވެ.
ކަރޯކޭ ޗެލެންޖް:
ކަރޯކޭ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު، މުބާރާތް އިންތިޒާމުކުރާ ޑޮޓް އިވެންޓްސްގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ބައިވެރީންނަށް މުބާރާތުގައި ބައިވެރިވެވޭނެއެވެ. އަދި، މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދަން 7874841 އަށް ގުޅުމަށް ޑޮޓް އިވެންޓްސްއިން ވަނީ އެދިފައެވެ.
ޑޮޓް އިވެންޓްސްއިން ބުނީ، ކަރޯކޭ ޗެލެންޖް ވާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން ބައިވެރިވާ ކަރޯކޭ މުބާރާތަށް ކަމަށެވެ.
މި މުބާރާތުގެ މަގުސަދަކީ ކަރޯކޭއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން ޝައުގުވެރިކަން އޮންނަ ކަމަކަށްވާތީ ޕްރޮފެޝަނަލް ޕްލެޓްފޯމެއްގައި ބައިވެރީންނަށް ހުނަރު ދައްކާލަން ފުރުސަތު ދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. މުބާރާތުގެ ހުށަހެޅުންތައް އެސްއެސްޓީވީން ދުރަށް ދައްކާނެއެވެ.