ޑޭވިޑް ފިލްމު ޑައިރެކްޓްކުރުން ހުއްޓާލާނެކަމުގެ އިޝާރާތެއް

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ދަރިފުޅު ވަރުން ދަވަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން، ފިލްމު އުފެއްދުމުގެ ދާއިރާއިން ރިޓަޔަވާން ނިންމާފައިވާކަން ހާމަކޮށްފިއެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ އެންމެ ފަހުގެ ފިލްމު ޕްރޮމޯޓްކުރުމުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ދެން އިތުރަށް ފިލްމީ މަސައްކަތްކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ފަހުގެ ފިލްމުގެ ޝޫޓިން ކުރިއަށްދިޔައިރު އޭނާގެ ސިއްހީ ހާލަތު ދަށްވި ކަމަށާއި، ފަރުވާ ހޯދަމުން ދިޔައިރު އެންމެ ގާތުން އެހީތެރިވީ އޭނާގެ ދަރިފުޅު ވަރުން ދަވަން ކަމަށްވެސް ބުނެފައިވެއެވެ. އަންނަ މަހުގެ 22 ގައި ރިލީޒްކުރާ މި ފިލްމުގައި ވަރުންގެ އިތުރުން މްރޫނާލް ތާކުރު އަދި ޕޫޖާ ހޭގްޅޭ ހަރަކާތްތެރިވެއެވެ. ޑޭވިޑް ވަނީ އޭނާގެ ދިގު ކެރިއަރުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެތައް ފިލްމެއް ގެނެސްދީފައެވެ.

  • މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ފިލްމު އުފެއްދުން ހުއްޓާލަން ނިންމައިފި.
  • އަންނަ މަހު ރިލީޒްކުރާ ފިލްމަކީ އޭނާގެ އެންމެ ފަހު ޑައިރެކްޝަން ކަމަށް ބުނެފައިވޭ.
  • ފިލްމުގެ ޝޫޓިންގައި ސިއްހީ މައްސަލަތަކާ ކުރިމަތިލާންޖެހުނު.
  • އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވޭ.

ކާމިޔާބު ރީތި ފިލްމުތަކެއް ބޮޑު ސްކްރީނަށް ގެނެސްދީފައިވާ އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޑޭވިޑް ދަވަން ފިލްމު އުފެއްދުމުގެ މަސައްކަތުން ރިޓަޔަވާން ނިންމާފައިވާކަމުގެ އިޝާރާތެއް ދީފިއެވެ.

ޑޭވިޑް އެންމެ ފަހުން ޑައިރެކްޓްކޮށް އަންނަ މަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ޕްރޮމޯޝަންގެ ތެރެއިން އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ)އަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުނީ، އެ ފިލްމަކީ އޭނާގެ ކެރިއަރުގެ އެންމެފަހު ޑައިރެކްޝަނަށް ވެދާނެ ކަމަށެވެ.

"އަހަންނަށް ހިއެއްނުވޭ އަހަރެން ދެން އިތުރަށް ފިލްމީ މަސައްކަތް ކުރާނެހެނެއް. މި ފިލްމަކީ މިއީ އަހަރެން ޑައިރެކްޓްކުރާ އެންމެ ފަހު ފިލްމަށް ވެދާނެ. އޭގެ ފަހުން ގިނަ ބަޔަކު އަހަރެން ދަންނާނީ ހަމައެކަނި ވަރުންގެ ބައްޕަގެ ގޮތުގައި," ބޮލީވުޑްގެ ޒުވާން އެކްޓަރު ވަރުން ދަވަންގެ ބައްޕަ ޑޭވިޑް ބުނެފައިވެއެވެ.

ޑޭވިޑް ދަވަން ދަރިފުޅު/އެކްޓަރު ވަރުން ދަވަންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޑޭވިޑް އިތުރަށް ކިޔައިދިން ގޮތުގައި، ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ މަސައްކަތް ކުރިއަށްދިޔައިރު ވެސް އޭނާގެ ސިއްހީ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ފިލްމު ޝޫޓިން ތެރޭގައި ވެސް ޑޮކްޓަރުންނަށް ގުޅައިގެން ފަރުވާ ހޯދަން ޖެހުނު ކަމަށާއި އެ ހުރިހާ ކަމެއް އެންމެ ގާތުން ބެލެހެއްޓީ ދަރިފުޅު ވަރުން ކަމަށް ޑޭވިޑް ވަނީ ބުނެފައެވެ.

މި އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ހެ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ"ގެ ލީޑް ތަރިންގެ ތެރޭ ވަރުންގެ އިތުރުން ބަތަލާ މްރޫނާލް ތާކުރު އަދި ޕޫޖާ ހޭގްޅޭ ވެސް ހިމެނެއެވެ.

ޑޭވިޑްގެ ދިގު ފިލްމީ ކެރިއަރުގައި ބެލުންތެރިންނަށް ގެނެސްދިން މަގުބޫލު ރީތި ފިލްމުތަކުގެ ތެރޭ، "އާންކޭ"، "ކޫލީ ނަންބަރު 1"، "ހީރޯ ނަންބަރު 1"، "ބީވީ ނަންބަރު 1"، "ޕާޓްނާ"، "މުޖްސެ ޝާދީ ކަރޯގީ"، "ޖުޅްވާ"، "ރާޖާ ބާބޫ" އަދި "ޝޯލާ އޯރް ޝަބްނަމް" ފަދަ ފިލްމުތައް ހިމެނެއެވެ.

comment ކޮމެންޓް