ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު "ލޮލް" ޖައްސަވައި މަލާމާތުގެ ރާގަކަށް ރައްދު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި މެޑަމް ފަޒްނާ މިފަދަ ރައްދެއް ދެއްވީ، އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ރައީސް ނަޝީދު ސަރުކާރަށް ދެއްވި އިންޒާރަކާ ގުޅިގެންނެވެ.
އެމްޑީޕީން ބުދަ ދުވަހުގެ ރޭ ބޭއްވި އިހުތިޖާޖުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ރާއްޖޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަކުރައްވައި، ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނަމަ މުޅި ރާއްޖޭގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
ނަޝީދުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން ފަޒްނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެމްޑީޕީން ދިޔައީ މުޒާހަރާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް، ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މީގެ އިތުރުން ފަޒްނާ ފާހަގަކުރެއްވި ގޮތުގައި، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ގޮނޑިތައް ކާމިޔާބު ކުރުމަކީ، ޕާޓީގެ މެންބަރުން އަމަލީ މައިދާނުގައި ކުރި ހިތްވަރުގަދަ އަދި މެދުކެނޑުމެއްނެތް ބުރަ މަސައްކަތްތަކުގެ ނަތީޖާއެވެ.
މިއީ ވަކި ބައެއްގެ ގޮވާލުންތަކަށްވުރެ ބޮޑަށް ޕާޓީގެ އާންމު މެންބަރުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނަޝީދު މަޝްވަރާގެ މޭޒުދޮށަށް އައުމަށް ނަޝީދު ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވަމުންގެންދަވާއިރު، ރައީސް ޑރ. މުއިއްޒު ވެސް ވަނީ އެ ގޮވާލުމަށް ރައްދުދެއްވައި ވާހަދައްކަވާފައިއެވެ. އެގޮތުން ރައީސް ދެއްވި ރައްދުގައި ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ ރައްޔިތުން އެމަނިކުފާނަށް ދީފައިވާ މެންޑޭޓާ ހިލާފު ކަމެއްކަމަށެވެ.
އެހެންކަމުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ ސާފުބަހުން އިންކާރު ކުރައްވާފައެވެ.